ޝިފާން އާއި ޝަރީފް އޭސީޕީގެ ރޭންކަށް ޕްރޮމޯޓްކޮށްފި
ޝިފާން އާއި ޝަރީފް އޭސީޕީގެ ރޭންކަށް ޕްރޮމޯޓްކޮށްފި

ފުލުހުންގެ ތަރުޖަމާނުގެ މަގާމުގައި ހުންނެވި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން އަދި ސެންޓްރަލް ޕޮލިސިން ކޮމާންޑުގެ ހެޑް ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް، އެސިސްޓެންޓް ކޮމިޝަނަރަކަށް މިއަދު ޕްރޮމޯޓްކޮށްފި ދީފި އެވެ.

ހޯމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، އެ ދެ ބޭފުޅުންނަށް ޕްރޮމޯޝަން ލިބުނު ކަމުގެ ލިޔުން ހަވާލުކުރެއްވީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނެވެ.

އޭސީޕީ އަކީ އިދާރީ ގޮތުން ޕްރޮމޯޝަން ދެވޭ އެންމެ މަތީ ރޭންކެވެ. ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އަދި ޕޮލިސް ކޮމިޝަނަރަކީ ރައީސް އައްޔަންކުރައްވާ ދެ މަގާމެވެ.

ޝަރީފަކީ ސެންޓްރަލް ޕޮލިސިން އަދި މާލެ ސަރަހައްދުގެ ފްރޮންޓްލައިން ޕޮލިސިންގެ އިސްވެރިޔާ އެވެ. އޭގެ އިތުރުން އެކި ޑިޕާޓްމަންޓުތަކުގެ އިސްކޮށް މަސައްކަތްކުރައްވައި ކޮމާންޑަރުކަން ކުރައްވާފައިވެ އެވެ.

ނޭޝަނަލް ކޮލެޖު އޮފް ޕޮލިސިން އެންޑް ލޯގެ ފުރަތަމަ އެގްޒެކެޓިވް ޑިރެކްޓަރަކީ ޝިފާނެވެ. އޭނާ ވަނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހެޑްކަން އަދި އައްޑޫ ޕޮލިސް އެކަޑެމީ ހިންގުމުގައި ވެސް އިސް ދައުރެއް އަދާކުރައްވައިފަ އެވެ.

ޝިފާން މި ވަގުތު އަންނަނީ އިނގިރޭސިވިލާތުގެ ކޮލެޖު އޮފް ޕޮލިސިން އިން އެއް އަހަރުގެ އެގްޒެކެޓިވް ލީޑަޝިޕް ޕްރޮގްރާމެއް ފުރިހަމަކުރައްވަމުންނެވެ.