06 ޖޫން 2024 - 22:10

މި އަހަރުގެ ހައްޖު މަހުގެ ހަނދު ސައުދީ އަރަބިއްޔާ އަށް މިރޭ ފެނުމުން މާދަމާ އަކީ ހައްޖު މަހުގެ ފުރަތަމަ ދުވަސް ކަމަށް އެ ގައުމުގެ ސަރުކާރުން ދާދިދެންމެއަކު ކަނޑައަޅައިފި އެވެ.
ސައުދީ ސަރުކާރުން ކުރި އިއުލާނުގައި ބުނީ ޒުލްހިއްޖާ މަހުގެ ހަނދު މިރޭ ފެނިފައިވާކަން ސާބިތުވެފައި ވާތީ މާދަމާ އަކީ މި އަހަރުގެ ހައްޖު މަހުގެ ފުރަތަމަ ދުވަސް ކަމަށެވެ. އެހެންކަމުން އަރަފާތު ދުވަހަކީ މި ހިނގާ ޖޫން މަހުގެ 15 ވަނަ ދުވަސް ކަމަށާއި ބޮޑު އީދު ދުވަހަކީ މި މަހު 16 ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.
ހިޖުރީ ކަލަންޑަރުގައި ކުރިން އޮތް ގޮތުން ޒުލްހިއްޖާ މަހުގެ ފުރަތަމަ ދުވަހަކީ އަންނަ ހޮނިހިރު ދުވަހެވެ. އަދި އަރަފާތު ދުވަހަކީ މި މަހު 16 އެވެ. އަދި ބޮޑު އީދު ދުވަހަށް ވަނީ މި މަހު 17 އެވެ.
ސައުދީ ސަރުކާރުގެ އިއުލާންއާ ގުޅިގެން ރާއްޖޭގެ އިސްލާމިކް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ސައުދީ އަށް ޒުލްހިއްޖާ މަހުގެ ހަނދު ފެނިފައިވުމާ އެކު، ރާއްޖޭގައި ހަނދު ސާބިތުކުރުމުގެ އުސޫލަށް ރިއާޔަތްކޮށް، ރާއްޖެއިން ސައުދީގެ ނިންމުމަށް އަމަލުކުރަން ނިންމާފައިވާ ކަން އިއުލާންކޮށްފަ އެވެ.
މި އަހަރު ރާއްޖެއިން ހައްޖުގެ އަޅުކަމަށް ދާ ބައެއް ދިވެހިން މިހާރު ތިބީ ސައުދީގަ އެވެ. މިފަހަރު ހައްޖަށް ދާ ދިވެހިންގެ ފަހު ފްލައިޓް މާދަމާ ފުރާނެ އެވެ. މި އަހަރު ވެސް ރާއްޖެ އަށް ލިބުނީ 1،000 ހައްޖު ކޯޓާ އެވެ.