22 ފެބުރުއަރީ 2017 - 15:17

ރާއްޖޭން ހިމަބިހި ފިލުވާލަން ގައުމީ މަޝްރޫއެއް ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި ފައްޓަވާނެ ކަން ރައީސް އަބްދުﷲ ޔާމީން މިއަދު އިއުލާން ކުރައްވައިފި އެވެ.

ޕީޕީއެމްއާ އަލަށް ގުޅުނު 500 އަށްވުރެ ގިނަ މީހުންގެ ފޯމުތައް ހަވާލުކުރަން ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ކުރިއަށް ދެ ހަފްތާގެ ތެރޭގައި 15 އަހަރާއި 25 އަހަރާ ދެމެދުގެ އެންމެން ވެކްސިނޭޓްކޮށް ނިންމާނެ ކަމަށެވެ.

"އޭރުން ފުރަތަމަ ގައުމަކަށްވީ ޑަބްލިއުއެޗްއޯ އެކްނޮލެޖް ކުރާ ރާއްޖެއިން ހިމަ ބިހި ފިލައިގެން ދިޔައީ،" ރައީސް ވިދާޅުވި އެވެ.
ދެ ފުށް ފެންނަ ގޮތަށް މަސައްކަތް ނުކުރާ ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން ރައްދު ދިނަސް، މިކުރަނީ ދެ ފުށަށްވުރެ ގިނަ ފުށްތައް ފެންނަ މަސައްކަތް ކަމަށާއި ސަރުކާރަށް އަމާޒުކޮށް ފާޑު ކިއުންތެރިން ވާހަކަ ދައްކަނީ އެ ބޭފުޅުންނާ ވެރިކަން ހަވާލުކުރުމުން ރައްޔިތުން އެދޭ ވަރަށް ކަންކަން ހާސިލް ނުވީމަ ކަމަށް ރައީސް ވިދާޅުވި އެވެ.
"ހަމައެކަނި މައްސަލައަކީ ފާޑު ކިއުންތެރިންނާ ކަންކަން ހަވާލުވިއިރު، ރައްޔިތުން އެދޭ ވަރަށް ކަންކަން ހާސިލް ނުކުރެވުނީ، (އެބޭފުޅުންނަށް) މިއަދު ކުޅި ބައްލަވަން ފަސޭހައެއް ނުވޭ،" އައިޖީއެމްއެޗަށް އަންނަ ބަދަލުތަކާއި ބްރިޖު މަޝްރޫއުން މިސާލު ނަންގަވަމުން ރައީސް ވިދާޅުވި އެވެ.
މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖުން ދަތުރުކޮށް އައިޖީއެމްއެޗުން ހިދުމަތް ހޯދާނީ ހަމައެކަނި "ކޮމެންޓްތަކުގައި ހުންނަ ގޮތަށް ހަމައެކަނި ޕިންކް ކުދިން" އެކަނި ނޫން ކަމަށާއި ބްރިޖުން ހުރިހާ ބަޔަކު ދަތުރުކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ރައްޔިތުން ބާކީނުވެ، ހުރިހާ ކަމެއްގައި ބައިވެރިވޭ ގޮތަށް ހަމައެކަނި އުފެދުނީ މި ސަރުކާރު ކަން ރައްޔިތުން ގަބޫލުކުރާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ތަރައްގީ އަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ދައުލަތުގެ ބަޖެޓުގައި ޖަހާ ފައިސާ ހޯދަން މަސައްކަތް ކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އެ ގޮތުން ޓެކްސް ނެގުމާއި ސަބްސިޑީ ކުޑަކުރުމާއި އުނިކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން ކުރާ ކަންކަމަކީ ރައްޔިތުންގެ މަސްލަހަތާއި ފައިދާ އަށް ވިސްނާފައި ކުރާ ކަންތައްތަކެކެވެ. ކާޑުގެ ބާވަތްތަކުން ސަބްސިޑީ އެންމެންނަށް ލިބެން ނުޖެހޭނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ސަބްސިޑީއަކީ އުޅެވެން ނެތް މީހުންނަށް އަމާޒުކޮށްގެން ދޭ އެއްޗެއް ކަމަށެވެ.
"ރާއްޖޭގައި މި އޮންނަނީ އެންމެ މުއްސަނދި މީހާ އަށް ކާޑުގެ ސަބްސިޑީ ދޭން ވާނެ ކަމަށް، މިއީ ވިސްނަން އެންމެ ފަސޭހަ ގޮތެއް ނޫން. އެހެންވީމަ ސަބްސިޑީ މިދެވެނީ ހައްގުވެރިންނަށް،" ރައީސް ވިދާޅުވި އެވެ.
"ސިނގިރޭޓް އާއި އެނާޖީ ޑްރިންކުން ޓެކްސް ނަގަނީކީ އެކަންޏެއް ނޫން. ފައިސާ ނަގަނީ ހިދުމަތް ދޭން،" ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ހުރިހާ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފަ އެވެ. ކައުންސިލަށް ހޮވުމުން، އެއްވެސް ވަރަކަށް ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އެއްބާރުލުން ނުދޭ ކައުންސިލަރުން ތިއްބެވީމަ، އެކަން ބަދަލުކުރުމުގެ ފުރުސަތު ރައްޔިތުންނަށް އިންތިހާބުގައި އޮންނާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އޭޕްރީލް 15ގައި އޮންނަ އިންތިހާބަކީ މި ސަރުކާރު ދަމަހައްޓަން ދޭ ވޯޓަކަށް ހަދަން ޖެހެ އެވެ. ސަރުކާރާ ދެކޮޅަށް ވޯޓު ދޭން ބޭނުންނަމަ، މި ސަރުކާރަށް ވުރެ ރަނގަޅަށް ކަންކަން ކޮށްދެވޭނެ ކަން އަންގައި ދިނުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.
"މިއަދު ޖަހާ ކަޑައިގައި އިމާރާތްތައް އާރާސްތުވެގެން ދާތަން އެބަފެނޭ، އެހެންވީމަ ދެ ފުށެއް ނުފެނޭ، ޝައްކެއް ނެތް ގޮތުގައި ހަ ފުށް ފެންނަނީ. ހަ ފުށް ފެންނަ އިމާރާތްތައް ގެނައީ،" ރައީސް ވިދާޅުވި އެވެ.