06 ޖޫން 2024 - 20:56

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވާފައިވާ ފަސް މިލިއަން ގަސް އިންދުމަށް ޕްރޮގްރާމްގެ ދަށުން އިއްޔެ އެކަނި ރާއްޖޭގެ އެކި ހިސާބުތަކުގައި 40،000 އަށް ވުރެ ގިނަ ގަސް އިންދައިފި އެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ކައުންސިލްތަކާއި ރިސޯޓުތަކާއި ސްކޫލްތަކާ އަދި އަމިއްލަ ޖަމިއްޔާތަކުން ހިންގި ހަރަކާތްތަކުގައި 40،000 އަށް ވުރެ ގިނަ ގަސް އިއްޔެ އިންދާފައިވާ ކަމަށެވެ.

ރާއްޖެ ފެހިކުރުމަށާއި ގަސްތަކުގެ މާހައުލާ ގުޅޭ ނިޒާމްތައް ރައްކާތެރިކޮށް ދެމެހެއްޓުމާއި މޫސުމީ ބަދަލުން ދިމާވާ ނުރައްކާތަކަށް ރާއްޖޭގެ ވިލުންތެރިކަން އިތުރުކުރުމަށްޓަކައި ފަސް އަހަރު ދުވަހުގެ ތެރޭގައި، ފަސް މިލިއަން ގަސް ރާއްޖޭގައި އިންދުމުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ.
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް އިއްޔެ ފެށީ ލޮނުޒިޔާރަތް ޕާކުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެތަނުގައި އިންދާފައި ވަނީ ރާއްޖޭގެ މާހައުލުން ފެންނަ، މިހާރު ނެތިދިޔުމުގެ ބިރުހީވެފައިވާ ގަސްގަހާގެއްސެވެ. އޭގެ ތެރޭގައި މޭވާ އަޅާ ގަހާއި ހިޔާ ލިބޭ ގަހާއި ދިވެހި ބޭސްވެރިކަމަށް ބޭނުންކުރާ އެކި ބާވަތުގެ ގަހުގެ އިތުރުން މާގަސް ހިމެނޭހެން 22 ބާވަތުގެ ގަސް އިންދި އެވެ.
އެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުންނާއި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފްގެ ދެކަނބަލުންނާއި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް އަދި ކެބިނެޓްގެ މިނިސްޓަރުންނާއި އެންބެސެޑަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީން ކުރިން ބުނެފައިވަ ގޮތުގައި، ސަރުކާރުން ފަސް އަހަރު ދުވަހުގެ ތެރޭގައި 90 އަށް ވުރެ ގިނަ ވައްތަރުގެ ގަސް މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުގައި އިންދާނެ އެވެ. އަދި އިންދާ ގަސްތައް މޮނިޓާކޮށް، އޭގެ ސިއްހަތު ބަލައި ކާބަން ނަގާ މިންވަރު ވެސް ވަޒަންކުރާނެ އެވެ.