06 ޖޫން 2024 - 13:43

މެޑްރިޑް (ޖޫން 6) – މެޑްރިޑްގައި ގެރެތު ބޭލް ދިރިއުޅުނު އަގޮބޮޑު ލަކްޒަރީ ވިލާ، ގާތްގަނޑަކަށް 12 މިލިއަން ޑޮލަރަށް ކލިޔަން އެމްބާޕޭ ގަނެފި އެވެ.
މިދިޔަ އަންގާރަ ދުވަހު ރެއާލްއާ އެކު ފަސް އަހަރުގެ އެއްބަސްވުމެއްގައި ސޮއި ކުރި އެމްބާޕޭ ގަތް ގޭގައި އަށް ކޮޓަރި އާއި 11 ފާހާނާ ހިމެނެ އެވެ. އަދި ހޫނު ފެނެގެ އިންޑޯ ސްވިމިންޕޫލަކާއި އައުޓްޑޯގައި ހުރި ވަކި ޕޫލެއް ވެސް ހިމެނެ އެވެ.
މި ބޮޑު ގޭގެ ހުސް ބިމުގެ ގޮތުގައި 3،000 އަކަމީޓަރު ހުރެ އެވެ. ގޯތީގައި އިމާރާތް ހަދާފައި ވަނީ 1،100 އަކަމީޓަރުގަ އެވެ.
މި ގޭގައި ހަދާފައިވާ ގަރާޖުގައި ހަތް ކާރު އެއްފަހަރާ ޕާކު ކުރެވޭނެ އެވެ. މިނީ ފުޓްބޯޅަ އަދި ބާސްކެޓްބޯޅަ ދަނޑެއްގެ އިތުރުން ގޯލްފް ކޯޒެއް ވެސް މި ގޭގައި އޮވެ އެވެ. ބޭލް އަކީ ގޮލްފް ކުރުމަށް ޝައުގުވެރިވާ މީހެކެވެ.
އެމްބާޕޭ، މެޑްރިޑަށް ބަދަލު ވަނީ އޭނާގެ މަންމަ އާ އެކު އެވެ. އޭނާގެ މަންމަ ދިރިއުޅެން އެގެއާ ކައިރީ ހިސާބަކުން އެމްބާޕޭ ވަނީ ގެއެއް ކުއްޔަށް ހިފާފަ އެވެ.
ޕީއެސްޖީ ދޫކޮށް ރެއާލަށް އެމްބާޕޭ ބަދަލުވީ، ހިލޭ ޓްރާންސްފާއެއްގަ އެވެ. އެކަމަކު ރެއާލުން އޭނާ އަށް ބޮޑު މުސާރައެއް ދޭނެ އެވެ. މުސާރައިގެ ގޮތުގައި އެކަނި، އަހަރަކު 16.3 މިލިއަން ޑޮލަރު ދޭން ރެއާލުން ވަނީ އެއްބަސްވެފަ އެވެ. އަދި އެއްބަސްވުމުގެ ދަށުން ކްލަބަށް ސޮއި ކުރުމުން ބޯނަހުގެ ގޮތުގައި ޖުމުލަ 163 މިލިއަން ޑޮލަރު ފަސް އަހަރަށް ބަހާލައިގެން އޭނާ އަށް ދިނުމަށް ވެސް ރެއާލުން އެއްބަސްވި އެވެ.