06 ޖޫން 2024 - 06:08

އިންޑިއާގެ ވެރިކަންކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް މިފަހަރު އާންމު އިންތިހާބުގައި، މިދިޔަ 10 އަހަރު ތެރޭ ފުރަތަމަ ފަހަރަށް އަޣުލަބިއްޔަތު ގެއްލުމުން ކޯލިޝަން ސަރުކާރެއް އެކުލަވާލަން ރަސްމީކޮށް ނިންމައި އިއުލާނުކޮށްފި އެވެ.
ބީޖޭޕީއާ އެކު އިންތިހާބަށް ނުކުތް 15 ޕާޓީ ހިމެނޭ ނެޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ) އާއި ބީޖޭޕީގެ ގޮނޑިތައް އެއްކޮށްލުމުން ޖުމްލަ ލިބެނީ ގާނޫނު ހަދާ މަޖިލީހުގެ 293 ގޮނޑި އެވެ.
"ހުރިހާ ޕާޓީތަކެއްގެ އިއްތިފާގުން އެންޑީއޭގެ ލީޑަރު ނަރެންދުރަ މޯދީ އަކީ އަހަރެމެންގެ ލީޑަރު ކަމަށް ވަނީ ކަނޑައަޅާފައި،" ބޮޑުވަޒީރުކަމަށް މޯދީ ތިން ވަނަ ދައުރަކަށް ހޮވުމަށް ނިންމައި ބީޖޭޕީގެ ފަރާތުން ނެރުނު ގުޅިފައިވާ ބަޔާނުގައި ބުންޏެވެ.
އެ ބަޔާނުގައި ބުނީ އެންޑީއޭގެ ސަރުކާރުން އިންޑިއާގެ ތަރިކަ ހިމާޔަތްކޮށް މުޅި ގައުމުގެ ތަރައްގީއަށް ޖުމްލަ ގޮތެއްގައި މަސައްކަތްކުރާނެ ކަމަށެވެ.
ހަ ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދިޔަ ވޯޓުލުމަށް ފަހު އަންގާރަ ދުވަހު ނަތީޖާ އިއުލާނުކުރުމާ ހަމަޔަށް ވެސް އެންމެންހެން ހީކޮށްގެން ތިބީ މޯދީގެ ބީޖޭޕީއަށް ސާފު އަޣުލަބިއްޔަތު ލިބޭނެ ކަމަށެވެ. ދިރާސާކުރާ މީހުން ބުނާ ގޮތުގައި މޯދީއަށް ކޯލިޝަނަކާ އެކު ވެރިކަން ކުރައްވަން ޖެހިވަޑައިގަތުމަކީ އޭނާގެ ތިން ވަނަ ދައުރު ވަރަށް ބޮޑަށް އުނދަގޫ ވެދާނެ ކަމެކެވެ.
ބީޖޭޕީގެ އަޣުލަބިއްޔަތު ގެއްލުނު އިރު އިދިކޮޅު ކޮންގްރެސް އިން މިފަހަރު ވަނީ ކުރިއަށްވުރެ ދެ ގުނަ އިތުރަށް ގޮނޑި ހޯދައިފަ އެވެ.
އިންޑިއާގެ މީޑިއާއިން ބުނާ ގޮތުގައި މޯދީ ތިން ވަނަ ދައުރަކަށް ހުވާކުރައްވާނީ އަންނަ ހޮނިހިރު ދުވަހު އެވެ. -- އޭއެފްޕީ