ފޯރިގަދަ އީދަކަށް ވިލިނގިލި އޮތީ ތައްޔާރަށް
ފޯރިގަދަ އީދަކަށް ވިލިނގިލި އޮތީ ތައްޔާރަށް

ގައުމީ ފެންވަރުގައި ބޮޑު އީދު ފާހަގަކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ރަށްތަކުގެ ތެރޭގައި ހިމެނޭ ގއ. ވިލިނގިލީގައި ވަރަށް ފޯރީގައި އީދަށް ތައްޔާރުވަމުން އަންނަ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

ފޯރިގަދަ އީދަކަށް ވިލިނގިލި އޮތީ ތައްޔާރަށް
ފޯރިގަދަ އީދަކަށް ވިލިނގިލި އޮތީ ތައްޔާރަށް

ވިލިނގިލީ ކައުންސިލްގެ ރައީސް ވިޝާލް މުހައްމަދު "މިހާރު" އަށް ވިދާޅުވީ އީދަށް ތައްޔާރުވުމުގެ ގޮތުން ވަރަށް ގިނަ ކަންކަން މިހާރު ފަށައިގެން ކުރިއަށް ގެންދާ ކަމަށެވެ. އެ ރަށުން މިފަހަރުގެ އީދަށް ކަނޑައަޅާފައިވާ ޝިއާރަކީ "އެންމެނޭ ރަޓަށް" ކަމަށް އޭނާ ވިދާޅުވި އެވެ.

ފޯރިގަދަ އީދަކަށް ވިލިނގިލި އޮތީ ތައްޔާރަށް
ފޯރިގަދަ އީދަކަށް ވިލިނގިލި އޮތީ ތައްޔާރަށް

ވިޝާމް ވިދާޅުވި ގޮތުގައި، ކޫއްޑޫ ފިޝަރީޒްގައި މަސައްކަތް ކުރާ މުވައްޒަފުން އަންނަނީ އެ ރަށުގައި މަރިޔާދުގެއެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ރަށުގެ ޒުވާނުން އީދު ބަޑި ހެދުމަށް ފަން ހޮވުމުގެ މަސައްކަތް ވެސް ވަރަށް ފޯރީގައި ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މުޅި އަތޮޅަށް އަމާޒުކޮށްގެން ބާއްވަން ހަމަޖެހިފައިވާ "ކުރުފަލި" މުބާރާތަށް މީހުން ތައްޔާރުވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މި މުބާރާތުގައި އެއްވަނަ، ދެވަނަ އަދި ތިންވަނަ ވެސް ހޮވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރުފަލި މުބާރާތަކީ އަތޮޅު އެންމެންގެ މެދުގައި އެކުވެރިކަން އާލާކުރުމަށް ލިބޭނެ ވަރަށް ބޮޑު ފުރުސަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ރަށުގެ ހަތަރު އަވަށުން ޕެރޭޑް ކުޅުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ވިޝާމް ވިދާޅުވީ ވިލިނގިލީގެ އެންމެންނަށް ހާއްސަކޮށްގެން "މަސްރޭސް" އެއް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ. އަދި މި މަސްރޭހުގައި ވެސް އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވައި އެންމެ ބޮޑު މަސް ބާނާ ޓީމަކަށް އަގުހުރި އިނާމުތަކެއް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަސްރޭހުގައި ބައިވެރިވުމަށް ޖެހޭނީ ޓީމުތަކެއް ހަދައިގެން ކައުންސިލަށް ފޯމު ހުށަހަޅާށެވެ.

ވިލިގިނލީގައި އީދުގެ ކުޅިވަރުތައް ފެށޭނީ އީދު ވިލޭރޭ އޮންނަ އީދު ބަޑިއަށް ފަހު، ހަވާ އެރުވުމާ އެކުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އީދުގެ ހަރަކާތްތައް އިންތިޒާމުކުރުމުގައި ރަށުގެ ކުދިބޮޑު އެންމެން ވެސް އުޅެނީ ވަރަށް ޖޯޝާއި ފޯރީގައި. ވަރަށް އުފާވޭ އެންމެން އެކަތި ގަނޑަކަށްވެ، މިކަމުގައި ޝާމިލުވާތީ،" އޭނާ ވިދާޅުވި އެވެ.