ޝަކުވާތައް ބަލައިފި، ފެނުނީ ކަރަންޓު ބޭނުންކުރިވަރު އިތުރުވިތަން
ޝަކުވާތައް ބަލައިފި، ފެނުނީ ކަރަންޓު ބޭނުންކުރިވަރު އިތުރުވިތަން

އެންމެ ފަހުގެ ކަރަންޓު ބިލު ބޮޑުވި ކަމަށް ބުނެ، އެކަމާ ބެހޭގޮތުން ހުށަހެޅި ޝަކުވާތައް ބެލިއިރު ފާހަގަވީ ބިލު ބޮޑުވީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެފައިވާ ކަން ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ޝަކުވާތައް ބަލައިފި، ފެނުނީ ކަރަންޓު ބޭނުންކުރިވަރު އިތުރުވިތަން
ޝަކުވާތައް ބަލައިފި، ފެނުނީ ކަރަންޓު ބޭނުންކުރިވަރު އިތުރުވިތަން

މިދިޔަ މަހު ލިބުނު ކަރަންޓު ބިލު ބޮޑު ކަމަށް ބުނެ ވަރަށް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑީއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެކަމާ ގުޅިގެން އެ ކުންފުންޏަށް ޝަކުވާ ހުށަހަޅަން އެދުނީ މިދިޔަ އާދިއްތަ ދުވަހު އެވެ.

ކަރަންޓު ބިލާ ގުޅޭ ޝަކުވާގެ ގޮތުގައި ދެ ދުވަސްތެރޭގައި 659 ފޯނު ކޯލާއި 6135 މެސެޖު ލިބިފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ސްޓެލްކޯގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެންމެ ގިނަ ޝަކުވާ ހުށަހެޅީ މިދިޔަ މަސްތަކުގައި ކަރަންޓު ބޭނުން ކުރި ވަރާ ދާދި އެއްވަރެއްގައި ކަރަންޓް ބޭނުންކޮށްފައި ހުރި ނަމަވެސް އެންމެ ފަހު ބިލް ބޮޑުވެފައި ހުރެގެން ކަމަށެވެ.

އެ ޝަކުވާތައް ސްޓެލްކޯއިން ބެލިބެލުމުން ބިލު ބޮޑުވެފައިވާ ސަބަބެއް ކަމަށް ފާހަގަވީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެންމެ ފަހު ބިލު ވަރަށް ބޮޑުވެފައި ހުރިހެން ހީވާ ސަބަބެއް ކަމަށް، ސްޓެލްކޯގެ އިންޖިނިއާ އިސްމާއިލް ނިޝާރު މީގެ ކުރިން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ އެއީ ސަރުކާރުން މީގެ ކުރީމަހު ޑިސްކައުންޓު ދީފައިވާތީ ކަމަށެވެ.

"މި މަހު ބޭނުންކުރި ވަރު ކުޑަވެފައި އޭގެ ކުރީ މަހު ބޭނުންކުރި އަދަދު މަދުވެފައި އެ ހުންނަނީ އޭގެ ކުރީ ދެ ބިލުން ޑިސްކައުންޓް ދީފައި ހުރުމުން. މި މަހުގެ ބިލް ނޫން އޭގެ ކުރީ ދެ މަހުގެ އެކްޗުއަލް އެމައުންޓް އިން ނަމަ އަސްލު ބޮޑުކޮށް ފެންނާނީ. އެ އިންނަނީ އެވަރެޖް ހަދާފައި ޑިސްކައުންޓް ދީފައި،" އޭނާ ވިދާޅުވި އެވެ.

"ބައެއް މީހުންގެ އެބަ ހުރޭ ބޭނުން ކުރާ މިވަރު އެއްވަރު ވެފައި. އޭގައި ވާގޮތަކީ ސަރުކާރުން ޑިސްކައުންޓް ދޭން ނިންމި ދެ މަހު އެކްޗުއަލް ރީޑިން ވެސް އިންނާނެ ފެންނަން. ސްޓެލްކޯއިން ހެދިގޮތަކީ މިދިޔަ އަހަރު ކޮންސެމްޕްޝަނަށް ބެލީ. އެންމެ ޕީކް 3 މަސް ކަނޑާލާފައި ބާކީ އިން 9 މަހުގެ އެވްރެޖް ހަދަނީ. އެ އެވްރެޖަށް ބިލް ތައްޔާރު ކުރަނީ. އެ އެވްރެޖް މި ހަދަނީ އެ މަހު ކޮންޒިއުމް ކުރި ވަރު ބޮޑު ވަންޏާ އެވްރެޖަށް ބިލް ކުރީ. އެވްރެޖަށް ވުރެ ކުޑަވެއްޖެ ނަމަ އެ އިން ވަރުގައި ބައިންދައިފަ 10 ޕަސެންޓްގެ ޑިސްކައުންޓެއް ދެނީ. އެއީ ކުޑަވާ ޔުސޭޖްތަކަށް. އެހެންވެ ދެ މަހަށް އެއްވަރެއް އެ ހުރީ."

ކަރަންޓު ބިލުތަކާ ގުޅިގެން ހުށަހަޅަން ބޭނުންވާ ޝަކުވާތައް އެ ކުންފުނީގެ ކަސްޓަމާ ސާވިސް ނަމްބަރު 7788438 އަށް ވަޓްސްއަޕް ނުވަތަ ޓެލެގްރާމް މެދުވެރިކޮށް ހުށަހެޅޭނެ އެވެ. އަދި[email protected]އިން އީމެއިލް މެދުވެރިކޮށް ވެސް ޝަކުވާ ހުށަހެޅޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.