05 ޖޫން 2024 - 11:38

މެންޗެސްޓާ (ޖޫން 5) – އަރަބިން ހިންގާ ކްލަބްތަކަށް، ޕްރިމިއާ ލީގުން ތަފާތުކުރުން ގެންގުޅޭ ކަމަށް ބުނެ، އެ ލީގާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން މެންޗެސްޓާ ސިޓީން ހުށަހަޅައިފި އެވެ.

ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ އަބޫދާބީ ޔުނައިޓެޑް ގުރޫޕްގެ މިލްކުވެރިކަމުގެ ދަށުގައި އޮންނަ ސިޓީން، ޕްރިމިއާ ލީގާ ދެކޮޅަށް މައްސަލަ ކޯޓަށް ވެއްދީ އެސޯސިއޭޓެޑް ޕާޓީ ޓްރާންސެކްޝަން (އޭޓީޕީ) ގެ އުސޫލު، ގާނޫނާ ހިލާފު ކަމަށް ބުނެ އެވެ.
ޕްރައިވެޓް އާބިޓްރޭޝަނަކަށް ހުށަހަޅާފައިވާ އެ މައްސަލާގެ ފުރަތަމަ އަޑު އެހުން އަންނަ ހަފުތާ އަށް ވަނީ ތާވަލުކޮށްފަ އެވެ.
ޕްރިމިއާ ލީގުން، އޭޓީޕީ އުސޫލު ފުރަތަމަ ތައާރަފް ކުރީ 2021 ގަ އެވެ. އެއީ ސައުދީ އަރަބިއާގެ ޕްބަލިކް އިންވެސްޓްމެންޓް ފަންޑުން، ނިއުކާސަލް ޔުނައިޓެޑް ހިންގުމާ ހަވާލުވުމުންނެވެ.
އޭޓީޕީ އުސޫލު ތައާރަފް ކުރީ ކްލަބުތަކުގެ ވެރިންނާ ގުޅުން ހުރި ކުންފުނިތަކާ އެކު ސްޕޮންސާޝިޕް ޑީލްތަކުގައި ސޮއިކުރާ ކްލަބުތައް އިތުރަށް ރެގިއުލޭޓް ކުރުމުގެ ގޮތުންނެވެ.
ސިޓީން މި މައްސަލަ ނެގި އިރު އެ ކްލަބްގެ ސްޕޮންސަރަކީ އިއްތިހާދު އެއާވެޒް އެވެ. ނިއުކާސަލްގެ ސްޕޮންސަރަކީ ސައުދީ އިންވެސްޓްމެންޓް ފަންޑުގެ ހިއްސާ ވެސް އޮންނަ ކުންފުނި، "ސިލާ" އެވެ.
ސިޓީން ވަކާލާތު ކުރަނީ، ސްޕޮންސަރު ބޭނުން އަދަދެއް ސްޕޮންސާޝިޕް އެއްބަސްވުމުގެ ދަށުން ދެވިދާނެ ކަމަށެވެ. އެކަމަކު އޭޓީޕީ އުސޫލުގެދަށުން ސްޕޮންސާޝިޕްގެ ގޮތުގައި އެއްބަސްވުން ހެދޭނީ ވަކި މިންވަރެކެވެ.
ޕްރިމިއާ ލީގާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން ސިޓީން ހުށަހެޅި އިރު އެ ކްލަބުން ވެސް ވަނީ ކުރެވޭ ތުހުމަތުތަކަކުން ދިފާއުވާން ޖެހިފަ އެވެ. ޕްރިމިއާ ލީގުގެ ފައިނޭންޝިއަލް ފެއާޕްލޭއާ ހިލާފްވެފައިވާ ކަމަށް ބުނެ 115 މައްސަލައެއްގެ ތުހުމަތު ސިޓީގެ މައްޗަށް ކުރެވިފައި ވެއެވެ.