05 ޖޫން 2024 - 10:37

ރާއްޖެއަކީ މި ސަރަހައްދުގައި އިންޑިއާގެ އަގުހުރި ބައިވެރިއެއް ކަމަށް، އެ ގައުމުގެ ބޮޑުވަޒީރުގެ މަގާމަށް ތިން ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަތް ނަރެންދުރަ މޯދީ މިއަދު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ އާންމު އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން މޯދީ އަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައި އެކްސްގައި ކުރެއްވި ޕޯސްޓަށް ޖަވާބު ދެއްވަމުން މޯދީ ވިދާޅުވީ މި ގައުމަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި އަގުހުރި އަދި އަވަށްޓެރި ގައުމެއް ކަމަށެވެ. ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް މޯދީ ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ، ރާއްޖެ އާއި އިންޑިއާގެ ތަަރައްގީ އާއި ކުރިއެރުމަށާއި ދެ ގައުމުން ވެސް ބޭނުންވާ ކަންކަމާ ގުޅޭ ގޮތުން އެކުގައި މަސައްކަތްޕުޅު ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
މޯދީ އާއި ވެރިކަންކުރާ ބީޖޭޕީ އަށް ލިބުނު ކާމިޔާބީއާ ގުޅިގެން ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވެސް މަރުހަބާ ވިދާޅުވެފައިވެ އެވެ. ނައިބު ރައީސް ވިދާޅުވީ މޯދީގެ ލީޑަޝިޕްގެ ދަށުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.
ވޯޓު ގުނައި ނިމިފައިވާއިރު ބީޖޭޕީއަށް ލިބިފައިވަނީ 240 ގޮނޑި އެވެ. މިއީ 2019 ވަނަ އަހަރުގެ އިންތިހާބާ އަޅާބަލާއިރު ވަރަށް ބޮޑު ދަށްވުމެކެވެ.
ބޮޑުވަޒީރު މޯދީ އަށް އޭނާގެ ވާދަކުރެއްވި ވަރްނާސީ ސިޓީގެ ދާއިރާއިން ކާމިޔާބު ހޯއްދެވުނީ 152،000 ވޯޓުގެ ތަފާތަކުންނެވެ. އެކަމަކު އެންމެ ފަހުން އޭނާ ކާމިޔާބުކުރެއްވި އިރު ބައި މިލިއަން ވޯޓުގެ ފަރަގު ހުއްޓެވެ.
އިލެކްޝަން ކޮމިޝަނުން މިހާތަނަށް ހާމަކޮށްފައިވާ ނަތީޖާތަކަށް ބަލާއިރު ބީޖޭޕީ އާއި އެ ޕާޓީއާ ގުޅިފައިވާ ޕާޓީތަކަށް ކުރި ލިބެނީ 292 ގޮނޑިއާ އެކުގަ އެވެ. ސީދާ ބީޖޭޕީއަށް ކުރި ލިބެނީ 240 ދާއިރާއަކުންނެވެ. ކުރިން އެ ޕާޓީއަށް އެކަނި 303 ދާއިރާ އޮތެވެ.
އިދިކޮޅު ކޮންގްރެސް އަށް ކުރިން 52 ދާއިރާ އޮތް ނަމަވެސް މިފަހަރު 99 އަށް ވަނީ މައްޗަށް ޖެހިލައިފަ އެވެ.