އިޒްރޭލުން ބޭނުންވަނީ ސުލްހައިގެ ނުނިމޭ ވާހަކަތަކެއް: ހަމާސް
އިޒްރޭލުން ބޭނުންވަނީ ސުލްހައިގެ ނުނިމޭ ވާހަކަތަކެއް: ހަމާސް

ހަމާސް އިން އަބަދުވެސް ބޭނުންވަނީ ޣައްޒާގެ ހަމަލާތައް ދާއިމީ ގޮތެއްގައި ހުއްޓުމަކަށް ގެނެވޭނެ އެއްބަސްވުމެއް ކަމަށާއި އެކަމަކު އިޒްރޭލުން ބޭނުންވަނީ ނުނިމޭ ސުލްހައިގެ ވާހަކަތައް ދިގުދަންމައި އޭގެ ތެރޭގައި ތިބެން ކަމަށް ހަމާސްގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

ހަމާސްގެ އޮފިޝަލެއް ކަމަށްވާ އުސްމާން ހަމްދާން މިހެން ވިދާޅުވީ ސުލްހައިގެ މަޝްވަރާތަކުގައި އިޒްރޭލުގެ ވިސްނުން މިހާރު ހުރި ގޮތެއް ސާފުކޮށް އަންގައިދޭންޖެހޭ ކަމަށް، މެދުވެރިއެއްގެ ދައުރު އަދާކުރާ ގަތަރުން ބުނެފައި ވަނިކޮށެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން އެންމެ ފަހުން ހުށަހެޅުއްވި ގޮތް ހަމާސް އިން މެއި 6 ގައި ވަނީ ގަބޫލުކޮށްފައި ކަމަށާއި އެއީ ހުރިހާ މައްސަލަތަކަކާ ގުޅޭ ގޮތުން ވެސް ވަކި އިމެއް ނެތި މަޝްވަރާކުރުމަށް ދޮރު ހުޅުވައިދޭ އެއްބަސްވުމެއް ކަމަށް ހަމްދާން ވިދާޅުވި އެވެ.

ހަމާސް އާއި އިޒްރޭލު އެއްބަސްވުމަކަށް ގެނެސް، މިހާތަނަށް 37،000 މީހަކު ޝަހީދުވެފައިވާ ހަމަލާތައް ހުއްޓުމަކަށް ގެންނަން ގަތަރާއި އެމެރިކާ އާއި މިސްރުން އެތައް މަސައްކަތެއް ވަނީ މިހާތަނަށް ކޮށްފަ އެވެ. ހަމަލާތައް ހުއްޓުމަކަށް ގެނައުމުގެ އިތުރުން ހަމާސް އިން ރަހީނުކޮށްފައިވާ އިޒްރޭލު މީހުން މިނިވަންކުރުން ވެސް މި މަޝްވަރާގެ ތެރޭގައި ހިމެނެ އެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަމްދާން ވިދާޅުވީ ބައިޑެންގެ ހުށަހެޅުއްވުމުގައި، ދެ ފަރާތުން އެއްބަސްވުމަކާ ހަމަޔަށް ދަންދެން ވަކި އިމެއް ނެތި ވާހަކަ ދައްކަން ފުރުސަތު އޮންނާނެ ކަމުގެ ޔަގީންކަން، މެދުވެރިންގެ ގޮތުގައި މަސައްކަތްކުރާ ގައުމުތަކުން ދޭ ކަމަށެވެ.

ހަމާސް އިން ބުނީ ހަމަލާތައް ދާއިމީކޮށް ހުއްޓުމަކަށް ގެނެސް އިޒްރޭލު ސިފައިން ޣައްޒާއިން އެއްކޮށް ފައިބަން ނޫން ގޮތަކަށް ހަމާސް އިން އެއްބަސްނުވާނެކަން މިހާރު ވެސް ވާނީ މެދުވެރިންނަށް އަންގާފައި ކަމަށެވެ. -- އޭއެފްޕީ