05 ޖޫން 2024 - 05:39

ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެންދިއުމުގެ ހާދިސާތަކުގައި ސްރީ ލަންކާއިން 26 މީހުން މަރުވުމާ އެކު، އާންމުންނަށް އެހީވާން ސިފައިން ނުކުތުމަށް އަމުރުކޮށްފި އެވެ.

ޖޫނިއާ ޑިފެންސް މިނިސްޓަރު ޕްރިމިތާ ޓެނާކޫން، ގާނޫނު ހަދާ މަޖިލީހުގައި ވިދާޅުވީ 26 މީހުން މަރުވުމުގެ އިތުރުން 42 މީހަކު ޒަހަމް ވެސް ވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ 25 ޑިސްޓްރިކްޓުގެ ތެރެއިން 23 ޑިސްޓްރިކްޓެއްގައި ފެން ބޮޑުވުމުގެ ސަބަބުން 130،000 މީހަކު ގެދޮރު ދޫކޮށް ދާންޖެހިފައިވާ ކަމަށެވެ.
"އެހީގެ މަސައްކަތަށް ސިފައިން މިހާރު ވާނީ ނެރެފައި،" ޓެނާކޫން ވިދާޅުވި އެވެ. "އެހީގެ ސާމާނު ބޯޓުތަކުގައި މި ދަނީ އުފުލަމުން."
ސްރީ ލަންކާ އާއި ދަނޑުވެރިކަމުގެ އިތުރުން ފެނުން ކަރަންޓު އުފެއްދުމަށް ވެސް ވާރެއަށް ވަރަށް ބޮޑަށް ބަރޯސާވާ ގައުމެކެވެ. ނަމަވެސް މޫސުމަށް އަންނަމުންދާ ބަދަލުތަކާ އެކު ވާރޭ ވެހުން އިތުރުވެ ނުރައްކާ ބޮޑުވާނެ ކަމުގެ އިންޒާރު ތަޖުރިބާކާރުން އަންނަނީ ދެމުންނެވެ.
ސްރީ ލަންކާގެ މޫސުމާ ބެހޭ އިދާރާއިން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ވާރޭ ވެހުން މަދުވާނެ ކަމަށް ލަފާކުރެވުނު ކަމުގައި ވިޔަސް ފެން ބޮޑުވުމުގެ ބިރު ފިލައިގެން ނުދާނެ ކަމަށް ބުނެފަ އެވެ. މިހާރު ވެސް ތިރި ސަރަހައްދުތައް އޮތީ ފެނު އަޑީގަ އެވެ. -- އޭއެފްޕީ