05 ޖޫން 2024 - 05:38

ހައްޖު މޫސުމުގައި މިފަހަރު އެވްރެޖަށް ވުރެ މާ ބޮޑަށް ހޫނު ގަދަވާނެ ކަމަށާއި 44 ޑިގްރީ ސެލްސިއެސް އަށް ހޫނު ގަދަވުން އެކަށީގެންވާ ކަމަށް ސައޫދީ އަރަބިއްޔާއިން އިއްޔެ ބުނެފި އެވެ.
"މިފަހަރު ހައްޖު މޫސުމުގައި ކުރީ އަހަރާ އަޅާބަލާއިރު ދޮޅު ޑިގްރީ އާއި ދެ ޑިގްރީ ސެލްސިއެސްއާ ދެމެދުގެ މިންވަރެއް މައްކާ އާއި މަދީނާގައި ހޫނު ގަދަވާނެ،" ސައޫދީގެ މޫސުމާ ބެހޭ އިދާރާގެ ވެރިޔާ އައިމަން ޣުލާމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި އެވެ.
އެ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި ހައްޖުގެ ދުވަސްވަރު ވައިގެ ތެތްކަން ހުންނާނީ 25 ޕަސެންޓާ ހިސާބުގަ އެވެ. އަދި ވާރޭ އެއްވެސް ވަރަަކަށް ނުވެހުން އެކަށީގެންވާ ކަމަށާއި އެވްރެޖްކޮށް ހޫނުމިން މަތިވާ މިންވަރު 44 ޑިގްރީ ސެލްސިއެސްގައި ހުންނާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.
ކެރި ކުޅަދާނަވެގެންވާ ކޮންމެ މުސްލިމަކު އުމުރުން އެއް ފަހަރު އަދާކުރަންޖެހޭ ހައްގުގެ މަތިވެރި އަޅުކަމަށް މިދިޔަ އަހަރު ސައޫދީއަށް 1.8 މިލިއަން މީހުން ދިޔަ ކަމަށް ރަސްމީ ހިސާބުތަކުން ދައްކަ އެވެ. މިދިޔަ އަހަރު ވެސް ހޫނު ގަދަވުމުގެ ސަބަބުން 2000 އަށް ވުރެ ގިނަ މީހުންނަށް ހީޓް ސްޓްރެސްގެ މައްސަލަތައް ދިމާވެގެން ފަރުވާ ދޭން ޖެހުނެވެ. އެކަމަކު ހޫނުގެ ސަބަބުން އެކި މައްސަލަތައް ދިމާވި ގިނަ މީހުންނަށް ހޮސްޕިޓަލްގައި ފަރުވާ ދީފައި ނުވާތީ، މި އަދަދު އަދި މާ މަތިވާނެ ކަމަށް ބެލެވެ އެވެ.
މިދިޔަ އަހަރު ހައްޖުގެ އަޅުކަމުގެ ތެރޭގައި 240 މީހަކު ނިޔާވި ކަމަށް އެކި ގައުމުތަކުން ހާމަކޮށްފައިވާ ހިސާބުތަކުން ދައްކަ އެވެ. މީގެ ތެރޭގައި ގިނައީ އިންޑޮނީޝިއާ މީހުންނެވެ. -- އޭއެފްޕީ