04 ޖޫން 2024 - 19:41

އިންޑިއާގެ ހިންދޫ ވަތަނީ ލީޑަރު ނަރެންދުރަ މޯދީއަށް އިންތިހާބު ކާމިޔާބުވާނެ ކަމަށް ލަފާކުރި ވަރަށް ވުރެ މާ ދަށް ނަތީޖާއަކާ އެކު ތިން ވަނަ ދައުރެއް ޔަގީންވެއްޖެ އެވެ.

މިދިޔަ މަހު ފަށައި މި މަހު ނިންމާލި ބިޔަ އިންތިހާބުގެ ނަތީޖާ މިހާރު އިއުލާނުކުރަމުން ދާއިރު، ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ ބީޖޭޕީއަށް ވަނީ ކުރިއަށްވުރެ މާ ބޮޑަށް ކުޑަވެފަ އެވެ. އެކަމަކު ކުރިން ލަފާކުރަމުން އައީ 543 ގޮނޑީގެ ތިން ބައިކުޅަ ދެ ބައި މޯދީގެ ބީޖޭޕީ އާއި އެ ޕާޓީއާ ގުޅިފައިވާ ޕާޓީތަކަށް ލިބޭނެ ކަމަށެވެ.

މި ދަށް ނަތީޖާއާ އެކު މިހާތަނަށް ބެލެވިފައިވަނީ ބީޖޭޕީއަށް އެކަނި މަޖިލީހުގެ މެޖޯރިޓީ އޮތް އޮތުން ފުރަތަމަ ފަހަރަށް ގެއްލިދާނެ ކަމަށެވެ. އެހެން ވެއްޖެ ނަމަ ބީޖޭޕީ އެހެން ޕާޓީތަކަށް ބަރޯސާވާން ޖެހޭނެ އެވެ.
އިދިކޮޅު ކޮންގްރެސް ޕާޓީއަށް މިފަހަރު ކުރިން މަޖިލީހުގައި ގޮނޑި ލިބުނު އަދަދު ދެ ގުނަ އިތުރުވާނެ ކަމަށް ބެލެވެ އެވެ. ކޮންގްރެސްގެ މި ކާމިޔާބީ ގުޅިފައިވަނީ ބީޖޭޕީގެ ކެންޑިޑޭޓުންނާ ދެކޮޅަށް ދާއިރާތަކުން އެއް ކެންޑިޑޭޓަކު ނެރެ އެ ކެންޑިޑޭޓަށް ވަކިން ކުރި ކެމްޕެއިންތަކާ އެވެ.
"ރައްޔިތުން މި ވަނީ ބީޖޭޕީއަށް އަދަބު ދީފައި،" ކޮންގްރެސްގެ ލީޑަރު ރާހުލް ގާންދީ ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވި އެވެ. "އަޅުގަނޑަށް ކުރިން ވެސް އެނގޭ ރައްޔިތުން ނުކުމެ ރަނގަޅަށް ރައްދު ދޭނެކަން."
މިހާތަނަށް ވޯޓުގެ 95 ޕަސެންޓް ގުނާފައި ވާއިރު ބީޖޭޕީގެ ވޯޓުގެ ނިސްބަތަކީ 36.9 ޕަސެންޓެވެ. މިއީ 2019 ވަނަ އަހަރުގެ އިންތިހާބާ އަޅާބަލާއިރު ވަރަށް ބޮޑު ދަށްވުމެކެވެ.
ބޮޑުވަޒީރު މޯދީއަށް އޭނާގެ ވާދަކުރެއްވި ވަރްނާސީ ސިޓީގެ ދާއިރާއިން ކާމިޔާބު ހޯއްދެވުނީ 152،000 ވޯޓުގެ ތަފާތަކުންނެވެ. އެކަމަކު އެންމެ ފަހުން އޭނާ ކާމިޔާބުކުރެއްވި އިރު ބައި މިލިއަން ވޯޓުގެ ފަރަގު ހުއްޓެވެ.
އިލެކްޝަން ކޮމިޝަނުން މިހާތަނަށް ހާމަކޮށްފައިވާ ނަތީޖާތަކަށް ބަލާއިރު ބީޖޭޕީ އާއި އެ ޕާޓީއާ ގުޅިފައިވާ ޕާޓީތަކަށް ކުރި ލިބެނީ 292 ގޮނޑިއާ އެކުގަ އެވެ. ސީދާ ބީޖޭޕީއަށް ކުރި ލިބެނީ 240 ދާއިރާއަކުންނެވެ. ކުރިން އެ ޕާޓީއަށް އެކަނި 303 ދާއިރާ އޮތެވެ.
އިދިކޮޅު ކޮންގްރެސް އަށް ކުރިން 52 ދާއިރާ އޮތް ނަމަވެސް މިފަހަރު 98 އަށް ވަނީ މައްޗަށް ޖެހިލައިފަ އެވެ. -- އޭއެފްޕީ