ޔުވެންޓަސް އިން ޕޯޓޯ މެޗަށް ބޮނޫޗީ ސަސްޕެންޑްކޮށްފި
ޔުވެންޓަސް އިން ޕޯޓޯ މެޗަށް ބޮނޫޗީ ސަސްޕެންޑްކޮށްފި

ޕޯޓޯ (ފެބްރުއަރީ 22) – ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި މިރޭ ޕޯޗުގަލްގެ ޕޯޓޯއާ ދެކޮޅަށް ޔުވެންޓަސް ކުޅޭ މެޗަށް، އަހުލާގީ މައްސަލައެއްގެ ސަބަބުން ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ ނާރުވަން އެ ޓީމުގެ ކޯޗު މަސިމިލިއާނޯ އެލެގްރީ ނިންމައިފި އެވެ.

ބޮނޫޗީ ސަސްޕެންޑްކުރީ އިޓާލިއަން ލީގުގައި ހުކުރު ދުވަހުގެރޭ ޕަލާމޯ އަތުން 4-1 އިން ޔުވެންޓަސް މޮޅުވި މެޗުގެ ފަހުކޮޅު ކޯޗާ ޒުވާބުކުރުމުންނެވެ.

"މި މެޗުގައި ބޮނޫޗީ ހުންނާނީ ކުޅިބަލަން. މިއީ ކްލަބަށާއި ޓީމަށާއި ސަޕޯޓަރުންނަށް އިހުތިރާމްކުރުމުގެ ސަބަބުން ނިންމި ނިންމުމެއް. މައްސަލަ އޮތީ ނިމިފައި. އެކަމަކު މިއީ މުސްތަގުބަލަށް ބަލާއިރު މުހިއްމު ނިންމުމެއް،" އެލެގްރީ ބުންޏެވެ.

އޭނާ ބުނީ އެތައް މިލިއަން ކުޑަކުދިންނެއް ވެސް ބަލަމުން ދިޔަ މެޗެއްގައި އެގޮތަށް ޒުވާބުކުރުން އެއީ މައްސަލައެއް ކަމަށާއި މިކަމުގައި އޭނާގެ ދައުރެއް ވެސް އެބައޮތް ކަމަށެވެ. އެހެންވެ އެކަމުގެ އަގެއްގެ ގޮތުގައި، ޗެރިޓީއަކަށް ފައިސާ ހަދިޔާކުރާނެ ކަމަށް އެލެގްރީ ބުންޏެވެ.

ބޮނޫޗީ ނެތުމާ އެކު މިރޭ ޔުވެންޓަސްގެ ފަހަތް ބަލައްޓާނީ ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ ޖިއޯޖިިއޯ ކިއެލީނީ އާއި އަންދްރޭ ބަރްޒާލީ އެވެ. ބޮނޫޗީ އަކީ ޔުވެންޓަސްގެ އިތުރުން އިޓަލީ ގައުމީ ޓީމުގެ ވެސް މުހިއްމު ޑިފެންޑަރެކެވެ. އޭނާ ގެންދަން މި ސީޒަނުގައި ޗެލްސީ އާއި މެންޗެސްޓާ ސިޓީން ވަރަށް ބޮޑަށް މަސައްކަތްކުރި އެވެ.

ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން ހާއްސަ ޓާގެޓެއް ކަނޑައަޅާފައިވާ ޔުވެންޓަސް އިން މުހިއްމު މެޗަކަށް ބޮނޫޗީ ސަސްޕެންޑްކުރުމުން ކްލަބުގެ ލެޖެންޑް ރޮބާޓޯ ބޮނިންސެނާ ވަނީ ފާޑުކިޔައިފަ އެވެ. އޭނާ ބުނީ ސީޒަނުގެ އެންމެ މުހިއްމު މެޗު ބޯމަތީގައި އޮތުމާ އެކު ޔުވެންޓަސް އިން އޭނާ ޖޫރިމަނާއަކުން ފުއްދާލި ނަމަ ރަނގަޅުވީސް ކަމަށެވެ.

ކޯޗު އެލެގްރީ ވެސް ވަނީ ޕޯޓޯގެ ނުރައްކަލާ މެދު ވަރަށް ބޮޑަށް ސަމާލުވާން އެދިފަ އެވެ. އެލެގްރީ ބުނީ ޕޯޓޯ އަކީ ޗެމްޕިއަންސް ލީގަށް ފިޓް ޓީމެއް ކަމަށާއި އެ ޓީމު މިދިޔަ ސެޕްޓެމްބަރުން ފެށިގެން ބަލިވެފައި ނެތުމުން ޓީމުގެ ފެންވަރު އެނގޭ ކަމަށެވެ.

"މުޅި ސީޒަނުގައި އެ ޓީމު ކޮޅަށް ވަދެފައިވަނީ 14 ލަނޑު. މިދިޔަ ތިން އަހަރު ތެރޭ އަމިއްލަ ދަނޑުގައި ޗެލްސީ އާއި ބަޔާން މިއުނިކް ބަލިކޮށްފި. ވަރަށް ފުރިހަމަ ރެކޯޑެއް އޮތް ކްލަބެއް އެއީ. އެހެންވެ މިއީ ރަނގަޅު ޓެސްޓެއް އަހަރެމެންނަށް،" އެލެގްރީ ބުންޏެވެ.

ޕޯޓޯގެ ދަނޑުގައި ކުޅޭ މި މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:45 ގަ އެވެ. މިރޭ ކުޅޭ އަނެއް މެޗުގައި ބައްދަލުކުރާނީ ޔުރޮޕާ ލީގު ޗެމްޕިއަން ސެވިއްޔާ އާއި އިނގިރޭސި ޗެމްޕިއަން ލެސްޓާ ސިޓީ އެވެ.