04 ޖޫން 2024 - 14:19

މަޖީދިއްޔާ ސްކޫލުގައި ކިޔަވާ ދަރިވަރަކު ޓީބީ އަށް ޕޮޒިޓިވްވުމުން، އެ ސްކޫލުގެ އެހެން ދަރިވަރުން ޓެސްޓުކުރަން ފަށައިފި އެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މަޖީދިއްޔާ ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރަކު ޓީބީއަށް ޕޮޒިޓިވް ވުމުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޕްރޮޓޮކޯލާ އެއްގޮތަށް އަމަލު ކުރަމުން އަންނަ ކަމަށެވެ.
އެ ކުއްޖާގެ ކަންކަން ގާތުން ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މިކަމާ ގުޅޭ ގޮތުން ސްކޫލުގެ ބަހެއް އަދި ނުލިބެ އެވެ. އެނގިފައިވާ ގޮތުގައި ޓީބީ އަށް ޕޮޒިޓިވްވީ އެ ސްކޫލު ގްރޭޑް 9ގައި ކިޔަވާ ދަރިވަރެކެވެ. ޓެސްޓްކުރަމުން އަންނަނީ އެ ކްލާހުގެ ދަރިވަރުންނެވެ.
ރާއްޖެ އަކީ މަދުން ނަމަވެސް ޓީބީ ފެންނަ ގައުމެކެވެ. އެކަމަކު ސަރުކާރުން އަމާޒު ހިފާފައި ވަނީ ރާއްޖެ އިން 2025 އާ ހަމައަށް ޓީބީ ނައްތާލުމަށެވެ. އެންމެ ފަހުން ސްކޫލަކުން ޓީބީގެ ކޭސް އެއް ފެނިގެން ރިޕޯޓު ކޮށްފައި ވަނީ 2022 ވަނަ އަހަރު އެވެ. އެއީ ސީއެޗްއެސްއީ އިންނެވެ.
ޓީބީ އަކީ ސަލާމަތްތެރިވެ، އެއިން ރަނގަޅުވެވޭ ބައްޔަކަށް ވިޔަސް، ދުނިޔޭގައި އެންމެ ހަލުވިކަމާ އެކު ފެތުރި އަދި އޭގެ ސަބަބުން އެންމެ ގިނަ މީހުން މަރުވަމުންދާ އެއް ބައްޔެވެ. ދުނިޔޭގައި ޓީބީ ޖެހޭ މީހުންގެ އަދަދުގެ 43 ޕަސެންޓަކީ، ރާއްޖެ ހިމެނޭ ދެކުނު އޭޝިއާގެ ގައުމުތަކުގެ މީހުން ކަމަށްވާއިރު، ބޭސްފަރުވާއިން ރަނގަޅު ކުރެވޭ މީހުން ވެސް އެންމެ ގިނައީ މި ސަރަހައްދުގައި ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.