04 ޖޫން 2024 - 12:38

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހުޅުމާލޭގެ އިތުރު ބިމެއް 210 މިލިއަން ރުފިޔާއަށް ގަނެފި އެވެ.
މިދިޔަ އަހަރު އެމްއެމްއޭއިން ވަނީ ހުޅުމާލެއިން 43،400 އަކަފޫޓުގެ ބިމެއް 210 މިލިއަން ރުފިޔާއަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އަތުން ގަނެފަ އެވެ. އޭރު އެމްއެމްއޭއިން ބުނެފައިވަނީ އެ ބިން ގަނެފައިވަނީ ދައުލަތުގެ ހަޒާނާ ރައްކާތެރިކޮށް ބަލަހައްޓަން އިތުރު ބިމެއް ބޭނުންވާތީ ކަމަށެވެ.
އެމްއެމްއޭއިން މިފަހަރު ވެސް ހުޅުމާލެއިން ގަނެފައިވަނީ 43،400 އަކަފޫޓުގެ ބިމެކެވެ. އެ ބިން ވެސް ގަނެފައިވަނީ 210 މިލިއަން ރުފިޔާއަށް އެޗްޑީސީގެ އަތުންނެވެ.
އެ ބިމުގެ އަގަށްވާ ފައިސާ މިދިޔަ ޖެނުއަރީ މަހު އެމްއެމްއޭއިން އެޗްޑީސީއަށް ދައްކާފައިވާތީ އެ ބިން އެމްއެމްއޭއަށް މިލްކުވެފައިވާ ކަމަށް ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވެ އެވެ.
ސަރުކާރުގެ ބައެއް އޮފީސްތައް ގާއިމް ކުރުމަށާއި ޑިޕްލޮމެޓިކް ބޭނުންތަކަށް މީގެކުރިން ވެސް ސަރުކާރުން ވަނީ ހުޅުމާލޭގެ ބިންތައް ގަނެފަ އެވެ.