04 ޖޫން 2024 - 12:54

ބަންޑާރަ ގޯތި ދޫކުރާއިރު ދާއިމީ އެޑްރެސްއަށް ނުބަލައި، ކޮންމެ ތަނަކުން ކޮންމެ ރައްޔިތަކަށް ވެސް ގޯއްޗަށް އެދި ހުށަހެޅޭ ގޮތަށް ގާނޫނު ބަދަލު ކުރަން ޖެހޭ ކަމަށް މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކު ވިދާޅުވެއްޖެ އެވެ.
ބިމާ ބެހޭ ގާނޫނަށް ނިމިދިޔަ ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހާ ގުޅޭ ގޮތުން މިއަދު މަޖިލީހުގައި ކުރި ބަހުސްގައި ވާހަކަ ދައްކަވަމުން ހުސްނީ ވިދާޅުވީ ރަށަކުން ބަންޑާރަ ގޯތި ދޫކުރާއިރު އެ ރަށެއްގެ ރަށްވެހިންނަށް އިސްކަންދޭ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ.
"ބަންޑާރަ ގޯތި ދޫކުރުމުގައި ދާއިމީ އެޑްރެސްއަށް މި ބަލާ ބެލުން އަޅުގަނޑުމެން ނިމުމަކަށް ގެންނަން އެބަ ޖެހޭ. އެ ވަކި ރަށަކަށް ބަންޑާރަ ގޯތި ދޫކުރަން އިއުލާން ކުރި ކަމަށްވިޔަސް އެ ރަށެއްގެ ރަށްވެއްސަކަށް ވާތީ އިސްކަން ދޭ ދިނުން. މާލޭން ބަންޑާރަ ގޯތި ދޫކުރާއިރު މާލޭ ރައްޔިތުންނަށް އިސްކަން ދޭ ދިނުން، މާފުށިން ގޯތި ދޫކުރާއިރު މާފުށީ ރައްޔިތުންނަށް އިސްކަން ދޭ ދިނުން. މިކަން ނިމުމަކަށް ގެންނަން އެބަ ޖެހޭ،" ހުސްނީ ވިދާޅުވި އެވެ.
ހުސްނީ ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށަކުން ބަންޑާރަ ގޯތި ދޫކުރި ނަމަވެސް، ތަފާތު ކުރުމެއް ނެތި ގޯއްޗެއް ނެތް އެންމެންނަށް ވެސް އެ ގޯތިތައް ހޯދުމަށް ހުށަހެޅޭނެ ހައްގު ހޯދައިދޭން ޖެހޭ ކަމަށެވެ. ރާއްޖޭގެ ބިމާ ބެހޭ ގާނޫނަށް އެ ބަދަލުތައް ގެންނަން ޖެހޭ ކަމަށް ހުސްނީ ވިދާޅުވި އެވެ.
ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ ހުސްނީ މުބާރަކު މިގޮތަށް ގޮވާލެއްވިއިރު މިދިޔަ ސަރުކާރުން ވަނީ މާލޭގެ ސަރަހައްދުން ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރު ފަޅު ހިއްކުމަށް ފަހު މާލޭގެ ގިނަ ރައްޔިތުންނަށް ގޯތި ދޫކޮށްފަ އެވެ. އެ ގޯތިތަކަށް ކުރިމަތިލުމުގެ ޝަރުތު އޮތީ މާލޭގެ ރައްޔިތުންނަށް އެކަންޏެވެ.
އެ ސަރުކާރުން ވަނީ މާލެ ކައިރީގައި އޮތް އުތުރުތިލަފަޅު ހިއްކުމަށް ފަހު ގޯތި ދޭން ވެސް ނިންމައިފަ އެވެ. ނަމަވެސް، އެ މަޝްރޫއު މި ސަރުކާރުން ކުރިއަށް ނުގެންދަން އޮތީ ނިންމައިފަ އެވެ.
އޭގެ އިތުރުން ބައެއް ރަށްރަށުން ގެންދަނީ އެ ރަށެއްގެ ރައްޔިތުންނަށް ހާއްސަކޮށް ގޯތި ދޫކުރަމުންނެވެ. މިފަހުން މާފުށިން އަލަށް ހިއްކި ބިމުން ވެސް އެ ރަށުގެ ރައްޔިތުންނަށް ގޯތި ދޫކުރި އެވެ. އަދި އައްޑޫ ސިޓީ އިން އަލަށް ހިއްކި ސަރަހައްދުން ގޯތި ދޫކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރާއްޖޭގެ އެންމެންނަށް ގެދޮރު ހޯދައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. އެ ވައުދާ އެއްގޮތަށް އެމަނިކުފާނު ހިންގަވާ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ރަސްމާލެ އިން ވެސް ގޯތި ދޫކުރަން ވަނީ ނިންމައިފަ އެވެ. އެ ތަނުން ރާއްޖޭގެ ކޮންމެ މީހަކަށް ވެސް ގޯއްޗާއި ފްލެޓް ހޯދަން ފުރުސަތު ލިބޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.