03 ޖޫން 2024 - 21:18

އިންޑިއާގައި ހަ ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދިޔަ އާންމު އިންތިހާބުގައި 642 މިލިއަން މީހުން ވޯޓު ލާފައިވާ ކަމަށް އެ ގައުމުގެ ޗީފް އިލެކްޝަން ކޮމިޝަނަރު ރަޖީވް ކުމާރު މިއަދު ވިދާޅުވެއްޖެ އެވެ.
މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިން ވަނަ ދައުރަކަށް އިންތިހާބުވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވިފައިވާ މި އިންތިހާބުގައި ވޯޓު ދިން އަދަދަކީ ރެކޯޑެކެވެ.
"އިންޑިއާގެ 642 މިލިއަން މީހުންގެ ވޯޓާ އެކު މިއީ ދުނިޔޭގެ ރެކޯޑެއް. މިއީ އަހަރެމެން އެންމެންނަށް ވެސް ވަރަށް ތާރީހީ ކަމެއް،" ކުމާރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ވޯޓު ދިން މީހުންގެ ގާތްގަނޑަކަށް ދެ ބައިކުޅަ އެއް ބައި - 312 މިލިއަން - އަކީ އަންހެނުން ކަމަށެވެ.
"މި ދައްކައިދެނީ އިންޑިއާ ރައްޔިތުންގެ ވޯޓުގެ ބާރު،" އޭނާ ވިދާޅުވި އެވެ.
"އިންޑިއާގެ ޑިމޮކްރަސީގެ ބާރު މީހުންނަށް އެނގެން އެބަ ޖެހޭ."
އިލެކްޝަންސް ކޮމިޝަނުން ހާމަކުރި އަދަދުތަކަށް ބަލާއިރު މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 968 މިލިއަން މީހުންނަށް ލިބިފައިވެ އެވެ. އެކަމަކު ވޯޓު ދިން މީހުންގެ ނިސްބަތް ހުރީ 66.3 ޕަސެންޓުގައި ކަމަށް ވާތީ މިއީ އެންމެ ފަހުން ބޭއްވި އާންމު އިންތިހާބާ އަޅާބަލާ ނަމަ ވޯޓު ދިން މީހުންގެ ނިސްބަތް ދަށް ފަހަރެކެވެ.
އިންތިހާބުގެ ފަހު މަރުހަލާ ކަމަށްވާ ހަތް ވަނަ މަރުހަލާގެ ވޯޓުލުން ހޮނިހިރު ދުވަހު ނިންމާލާފައި ވާއިރު ނަތީޖާ މާދަމާ އިއުލާނުކުރާނެ އެވެ. އިންޑިއާގައި ބޭނުންކުރަނީ އިލެކްޓްރޯނިކް ވޯޓިން މެޝިނެވެ. އެހެންވެ ނަތީޖާ ސާފުކުރުމަކީ ފަސޭހަ ކަމެކެވެ. -- އޭއެފްޕީ