03 ޖޫން 2024 - 15:36

އުރީދޫގެ ފިހާރައަކުން ވައްކަން ކުރުމަށް ފަހު އިތުރު ގެއަކަށް ވަދެ، ވައްކަން ކުރަނިކޮށް މިއަދު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފާމްދޭރީ މަގުގައި ހުންނަ އުރީދޫގެ އިމާރާތުގެ ތެރެއަށް ފިރިހެނަކު ވަދެގެން 5:50 ހާއިރު ރިޕޯޓުކުރި ކަމަށެވެ. އެ ފިހާރައިން ކުރި ވައްކަމުގެ ތަފްސީލް އަދި ނުލިބެ އެވެ.
އެއަށް ފަހު، އެ ސަރަހައްދުގައި ހުރި އެހެން ގެއެއްގެ ދެ ވަނަ ފްލޯގެ އެޕާޓްމަންޓުގެ ފާހަނާއިން އެ ތަނުގެ ތެރެއަށް ވަދެގެން އަނެއްކާ ވެސް ރިޕޯޓުކުރި ކަމަށް ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުން ބުނި ގޮތުގައި އެ ގޭ ތެރެއަށް ވަނުމަށް ފަހު އެތެރޭގައި ހުރި ބައެއް ތަކެއްޗަށް ވަނީ ގެއްލުން ދީފަ އެވެ.
އެ ފިރިހެން މީހާގެ ވީޑިއޯއާ އެކު "އެކްސް"ގައި މީހަކު ކުރި ޕޯސްޓުގައި ބުނީ އެ ގެއަށް ވައްކަން ކުރަން ވަނީ އިސްތަށިގަނޑެއް ޖަހައިގެން ކަމަށެވެ. އެ ތަނަށް ވަނީ ގޭންގަކުން ވަޅި ޖަހާތީ ފިލަންވެގެން ކަމަށް ވެސް އެ މީހާ ބުނި ކަމަށް އާމިނަތު ޝަތުގެ ނަމުގައި ކުރި ޕޯސްޓުގައި ވެ އެވެ.