ކަރަންޓު ބިލާ ގުޅޭ ޝަކުވާ؛ ދެ ދުވަސްތެރޭ 659 ކޯލާއި 6135 މެސެޖް
ކަރަންޓު ބިލާ ގުޅޭ ޝަކުވާ؛ ދެ ދުވަސްތެރޭ 659 ކޯލާއި 6135 މެސެޖް

އެންމެ ފަހުގެ ކަރަންޓު ބިލު ބޮޑުވި ކަމަށް ބުނެ، އެކަމާ ބެހޭ ޝަކުވާތައް ހުށަހަޅަން ސްޓެލްކޯއިން ހުޅުވާލުމުން 659 ފޯނު ކޯލާއި 6135 މެސެޖު ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މި މަހު ލިބުނު ކަރަންޓު ބިލު ބޮޑު ކަމަށް ބުނެ ވަރަށް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑީއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެކަމާ ގުޅިގެން އެ ކުންފުންޏަށް ޝަކުވާ ހުށަހަޅަން އެދުނީ މިދިޔަ އާދިއްތަ ދުވަހު އެވެ.

ސްޓެލްކޯއިން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ކަރަންޓު ބިލްތަކާ ގުޅިގެން މިދިޔަ ދެ ދުވަސް ތެރޭ ޝަކުވާގެ ގޮތުގައި ލިބިފައި ވަނީ ⁠659 ފޯނުކޯލު ކަމަށެވެ. އެ ހުރިހާ ކޯލަކަށް އެޓެންޑް ވެފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ވައިބާ، ވަޓްސްއެޕް، ޓެލެގްރާމް، ފޭސްބުކް އަދި ވެބްސައިޓް މެދުވެރިކޮށް ⁠6135 މެސެޖު ލިބިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

"ކުރިން ވެސް ހާމަކޮށްފައިވާ ގޮތުން ހުރިހާ ޝަކުވާއަކަށް ވެސް 24 ގަޑި އިރުތެރޭ އެޓެންޑްވުމަށް މަސައްކަތް ކުރެވެމުންދާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ކަރަންޓު ބިލުތަކާ ގުޅިގެން ހުށަހަޅަން ބޭނުންވާ ޝަކުވާތައް އެ ކުންފުނީގެ ކަސްޓަމާ ސާވިސް ނަމްބަރު 7788438 އަށް ވަޓްސްއަޕް ނުވަތަ ޓެލެގްރާމް މެދުވެރިކޮށް ހުށަހެޅޭނެ އެވެ. އަދި[email protected]އިން އީމެއިލް މެދުވެރިކޮށް ވެސް ޝަކުވާ ހުށަހެޅޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ސްޓެލްކޯއިން ބުނާ ގޮތުގައި ބިލުތައް ބޮޑުވީ ހޫނު ގަދަ ދުވަސްވަރާ ދިމާވެގެން ކަމަށެވެ. ކަރަންޓް ބޭނުންކުރާ މިންވަރަށް ވުރެ އިތުރަށް އެ ކުންފުނިން ބިލްކޮށްފައި ނުވާ ކަމަށާއި ބިލް ފޮނުވުމުގެ ކުރިން ވެސް ބިލަށް އަރަމުންދާ ވަރު ބަލާލެވޭނެ ކަަމަށް އެ ކުންފުނިން ބުނެ އެވެ.

މި ދުވަސްވަރަކީ ވިއްސާރަ ކުރަމުންދާ ދުވަސްވަރެއް ކަމުން މި މަހުގެ ކަރަންޓު ބޮޑުވާން ދިމާވި ސަބަބާ މެދު ގިނަ ބަޔަކު ވަނީ ސުވާލު އުފައްދައިފަ އެވެ. އެކަމަކު، ވިއްސާރަވާން ފެށުމުގެ ކުރިން، ހޫނު ގަދަ ދުވަސްވަރެއް ދިއުމާއެކު، އެ މުއްދަތު ބިލްގައި ހިމެނޭނެތީ އެއީ ބިލް ބޮޑުވާނެ ސަބަބެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.