03 ޖޫން 2024 - 08:47

އިޒްރޭލުގެ ޕާސްޕޯޓު ރާއްޖެ އަށް މަނާކުރަން ދިވެހި ސަރުކާރުން އިއްޔެ ނިންމުމާ ގުޅިގެން، ރާއްޖޭގައި ތިބި އެ ގައުމުގެ މީހުން ވަގުތުން ފޭބުމަށް އިޒްރޭލުގެ ފޮރިން މިނިސްޓްރީން އަންގައިފި އެވެ.

ރާއްޖޭގެ ނިންމުމާ އެކު، އެ ގައުމުގެ ސަރުކާރުން ނެރުނު ޓްރެވެލް އެޑްވައިޒަރީގައި ބުނީ، ރާއްޖޭގައި ތިބި އިޒްރޭލުގެ މީހުން ވަގުތުން ފޭބުމަށް އިލްތިމާސްކުރާ ކަމަށެވެ. އެއީ އެ މީހުން ރާއްޖޭގައި ތިއްބައި ކުރިމަތިވެދާނެ ކަމަކުން އެހީތެރިވުމަށް ދަތިވެދާނެތީ ކަމަށް ވެސް އެޑްވައިޒަރީގައި ބުންޏެވެ.

ރާއްޖޭގައި ތިބި އިޒްރޭލުގެ މީހުން ފޭބުމަށް އެންގުމާ އެކު، އެ ގައުމުން ރާއްޖެ އަށް ދަތުރު ނުކުރަން ވެސް އެޑްވައިޒަރީގައި ވަނީ އަންގައިފަ އެވެ.

އިޒްރޭލުން ފަލަސްތީނުގެ މީހުންނާ ދެކޮޅަށް ކެނޑިނޭޅި ހިންގަމުންދާ އިންސާނިއްޔަތާ ހިލާފު ބޮޑެތި ޖަރީމާތަކާ ދެކޮޅުކަން ހާމަކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސަތު ބެލެހެއްޓެވި ކެބިނެޓުން އިއްޔެ ނިންމީ އިޒްރޭލުގެ މީހުން ރާއްޖެ އެތެރެވިޔަ ނުދިނުމަށްޓަކައި ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެންނާށެވެ. އަދި އެ ކަމަށް ހާއްސަ ކޮމިޓީއެއް ވެސް ވަނީ އެކުލަވާލައިފަ އެވެ.

ރާއްޖެ އަށް މިދިޔަ އަހަރު އިޒްރޭލުން އައިސްފައި ވަނީ ގާތްގަނޑަކަށް 11،000 ޓޫރިސްޓުންނެވެ. އެކަމަކު، އެއީ އޭގެ ކުރީ އަހަރަށް ވުރެ 30 ޕަސެންޓު ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މި އަހަރުގެ އޭޕްރީލް މަހާ ހަމައަށް އިޒްރޭލުން އައީ 528 ޓޫރިސްޓުންނެވެ.

އިޒްރޭލު މިހާރު ހިމެނިފައި ވަނީ ރާއްޖެ އަށް ޓޫރިސްޓުން އަންނަ ގައުމުތަކުގެ 72 ވަނައިގަ އެވެ. ތަފާސްހިސާބުތައް ދައްކަނީ މިދިޔަ އަހަރާ ބަލާއިރު، ރާއްޖެ އަށް އަންނަ އިޒްރޭލުގެ މީހުންގެ އަދަދު ދަށްވަމުން އަންނަ ކަމެވެ.

ކެބިނެޓުގެ އިއްޔެގެ ބައްދަލުވުމުގައި ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އިތުރު ކަންތައްތަކެއް ވެސް ކުރަން ނިންމައިފަ އެވެ. އެއީ:
1- ފަލަސްތީނުން އެދޭ ކަންކަމަށް ސްޕެޝަލް އެންވޯއީއެއް ކަނޑައެޅުން.
2- ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އދ. ގެ ރިލީފް އެންޑް ވޯކްސް އެޖެންސީ މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖޭގައި ފަންޑްރައިޒް ކުރުމަށް ހަރަކާތްތަކެއް ހިންގުން.
3- "ފަލަސްތީނާއެކު ދިވެހިން" ނަމުގައި މުޅި ރާއްޖޭގައި ހިނގާލުމެއް ބޭއްވުން.
4- ރާއްޖެއިން އިސްނަގައިގެން ފަލަސްތީނުގެ މައްސަލަ އަށް އަވަސް ހައްލެއް ގެނައުމަށް އިސްލާމީ ގައުމުތައް އެކުވެގެން މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުން.
ފަލަސްތީނުގެ ރައްޔިތުންނާ އެއްކޮޅަށް އަދި އިޒްރޭލުގެ އަނިޔާވެރިކަމާ ދެކޮޅަށް މި ސަރުކާރު އައި ފަހުން އަޑު އުފުލުން ވަނީ އިތުރުކޮށްފަ އެވެ. ހާއްސަކޮށް އިޒްރޭލުގެ އަނިޔާވެރިކަން ސީދާ ރައީސް މުއިއްޒު އިސްވެ ކުށްވެރި ކުރެއްވުމާއި އދ. ގެ އެކިއެކި ބައްދަލުވުންތަކުގައި ފަލަސްތީނާ އެއްކޮޅަށް އަޑު އުފުލުމާއި ވޯޓު ދިނުން ފާހަގަކުރެވެ އެވެ.