03 ޖޫން 2024 - 06:37

މީޑިއާގެ ވިޔަފާރީގައި މަޝްހޫރު ރުޕާޓް މާޑޮކް އުމުރުން 93 އަހަރުގައި ފަސް ވަނަ ކައިވެނިކޮށްފި އެވެ.
މާޑޮކް ކައިވެނިކުރީ އޭނާއަށް ވުރެ އުމުރުން 26 އަހަރު ހަގު އެލީނާ ޒުކޯވާއާ އެވެ. އުމުރުން 67 އަހަރުގެ ޒުކޯވާ އަކީ ރިޓަޔާކޮށްފައި ހުރި، މޮލެކިއުލާ ބަޔޮލޮޖިސްޓެކެވެ.
މި ދެ މީހުންގެ ކައިވެނީގެ ރަސްމިއްޔާތު އޮތީ އެމެރިކާގައި ހުންނަ، މާޑޮކްގެ އަގުބޮޑު ގެ މޮރާގާގައި ހޮނިހިރު ދުވަހު އެވެ.
މި ކައިވެނީގެ ފޮޓޯތައް މާޑޮކްގެ ޓެބްލޮއިޑް ނޫސް "ދަ ސަން" ގައި ވަނީ ޝާއިއުކޮށްފަ އެވެ.
މާޑޮކް މީގެ ކުރިން ހަތަރު ކައިވެންޏެއް ކޮށްފައި ވާއިރު އެންމެ ފަހުން ކައިވެނިކުރީ މޮޑެލްއެއް ކަމަށްވާ ޖެރީ ހޯލްއާ އެވެ. އަދި މިދިޔަ އަހަރު އޭނާ ވަނީ ރޭޑިއޯ ހޮސްޓެއް ކަމަށްވާ އޭނާ ލެސްލީ ސްމިތާ އެންގޭޖްވިކަން އިއުލާނުކޮށްފަ އެވެ. ނަމަވެސް އެކަން އިއުލާނުކުރިތާ މަހެއް ވެސް ނުވެ އެންޖޭގްމަންޓް ކެންސަލްކުރި އެވެ.
މިފަހަރު ކައިވެނިކުރި ޒުކޯވާ އަކީ ރަޝިޔާއިން އެމެރިކާ އަށް ހިޖުރަކޮށްފައިވާ މީހެކެވެ. އޭނާގެ އަންހެން ދަދިރިފުޅު ދާޝާ މީގެ ކުރިން ވަނީ ރަޝިޔާގެ މަހުޖަނު ރޯމަން އަބްރަހަމޮވިޗްއާ ކައިވެނިކޮށްފަ އެވެ.
މާޑޮކްގެ ހަ ދަރިން ތިބޭއިރު އޭނާ އެންމެ ފުރަތަމަ ކައިވެނިކުރީ އޮސްޓްރޭލިއާގެ ފްލައިޓް އެޓެންޑެއްޓެއް ކަމަށްވާ ޕެޓްރީޝިއާ ބުކާއާ އެވެ. އެ ކައިވެނި ރޫޅާލީ 1960ގެ ފަހުކޮޅު އެވެ. ދެން ކައިވެނިކުރީ ނިއުސް ރިޕޯޓަރެއް ކަމަށްވާ އަނާ ޓޯވްއާ އެވެ. އެ ކައިވެންޏަށް 30 އަހަރު ވެސްވީ ފަހުން ރޫޅާލީ 1999 ވަނަ އަހަރު އެވެ. ތިން ވަނަ އަށް ވެންޑީ ޑެންގް ކިޔާ މީހަކާ ކައިވެނިކޮށް އެ ކައިވެނި ނިމުމަކަށް ގެނައީ 2013 ގަ އެވެ.
މާޑޮކް އޭނާގެ މީޑިއާ ވިޔަފާރި މިހާރު ވަނީ އޭނާގެ ފިރިހެން ދަރިއަކާ ހަވާލުކޮށްފަ އެވެ. -- އޭއެފްޕީ