23 ފެބުރުއަރީ 2017 - 06:12

ރިލީޒް ކުރިތާ 19 އަހަރު ފަހުން އެޓާނަލް ޕިކްޗާސްގެ "އަމާނާތް" އޮލިމްޕަހުގައި ހައުސްފުލް ފަސް ޝޯ ދެއްކުމަށް ފަހު، އެ ފިލްމުގެ އިތުރު ދެ ޝޯ ޝްވެކް ސިނަމާގައި ދައްކަން ނިންމައި އެވެ.
ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު ނިޔާޒް (ޓެޑްރީ) ބުނީ ޝްވެކްގައި އަޅުވާ ދެ ޝޯ އޮންނާނީ މި މަހުގެ 28 އާއި އަންނަ މަހުގެ އެއް ވަނަ ދުވަހުގެ ރޭ ކަމަށެވެ.
އޭނާ ބުނީ މަހުދީ އަހުމަދު ޑައިރެކްޓްކޮށްފައިވާ "އަމާނާތު" ގެ އިތުރު ދެ ޝޯ ދައްކަން ނިންމީ އަދިވެސް ފިލްމް ބަލަން ބޭނުންވެގެން އެތައް ބަޔަކު އެދެމުންދާތީ ކަމަށެވެ.
"އޮލިމްޕަހުގައި ހައުސްފުލް ފަސް ޝޯ ނިންމާލި އިރު ވެސް، ފިލްމަށް ދާންދާން ކިޔައިގެން ތިބި ވަރަށް ގިނަ ބަޔަކު އަދިވެސް ތިބިކަން އެބަ ފާހަގަ ކުރެވޭ. އެފަދަ މީހުންގެ ވަރަށް ގިނަ ކޯލްތައް އެބަ ލިބޭ. އެހެންވެ ބަލަން ތިބި ބަޔަކަށް ވިއްޔާ ފިލްމް ބަލައިލެވޭނެ ފުރުސަތު އަނެއްކާ ވެސް މި ހޯދައި ދިނީ،" ދެރިޔާގެ ޑައިރެކްޓަރު ބުންޏެވެ.
ޓެޑް ބުނީ ޝްވެކްގައި ދައްކާ ދެ ޝޯ އަށް ފަހު، ދެން މާލޭގައި "އަމާނާތް" ދައްކަން ވިސްނާފައި ނެތް ކަމަށެވެ.
"ދެން އަންނަ މަހުގެ ތެރޭގައި އާބާދީ ބޮޑެތި އަތޮޅުތަކުގައި ފިލްމް ދައްކަން ފަށާނަން،" އޭނާ ބުންޏެވެ.
ޓެޑް ބުނީ 19 އަހަރު ފަހުން "އަމާނާތް" އޮލިމްޕަހަށް ގެނެސް، ހައުސްފުލް ފަސް ޝޯ ދެއްކުމަކީ ކުރިން އުންމީދު ވެސް ކުރި ކަމެއް ނޫން ކަމަށެވެ. އަދި މިއީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ބުންޏެވެ.
"އެކަމަކު ހީކުރި ވަރަށް ވުރެ މާ ބޮޑު ތަރުހީބެއް ފިލްމެއް ލިބުނީ. އަސްލު ވަރަށް ހިތްހަމަޖެހިއްޖެ އެހާ ޒަމާންކޮށްފައި ވެސް މި ފިލްމަށް އެތައް ބަޔަކު ވަދެ، ވަރަށް ޕޮޒިޓިވް ކޮމެންޓްތަކެއް ދިނީމަ،" އޭނާ ބުންޏެވެ. "އަސްލު އުންމީދު ކުރިން ނެގެޓިވް ކޮމެންޓްސްތަކެއް ވެސް އަންނާނެ ކަމަށް. އެކަމަކު އެހެނެއް ވެސް މި ފަހަރު ނުވި. އަހަރެން ގަބޫލު ކުރަނީ ފާޑު ވެސް ކިޔަން ވާނޭ."
ޓެޑް ބުނީ އަލީ ހާލިދާއި ޖަމްޝީދާ އަހުމަދު އަދި ފާތުމަތު ރަމީޒާ ލީޑް ރޯލް ކުޅެފައިވާ "އަމާނާތް" އަށް އެހާ ބޮޑު ތަރުހީބެއް ލިބުނީ ފިލްމަށް ކުރެވިފައި ހުރި މަސައްކަތް ރަނގަޅުވުމުން ކަމަށެވެ.
"އަމާނާތް ހަދާފައި ވަނީ ވަރަށް ބޮޑަށް ޕްލޭންކޮށްގެން ހުރިހާ ޑިޕާޓްމަންޓަކަށް ބެލިޔަސް، އެ ޒަމާނުގައި މަސައްކަތް ކުރާ ވައްޓަފާޅި އަށް ވުރެ މާ ކުރިއަށް ވިސްނައިގެން،" 1998 ގައި ހެދި ފިލްމާ ބެހޭ ގޮތުން އޭނާ ބުންޏެވެ.
އެހެންވެ "އަމާނާތު" ގެ ތަޖުރިބާ ޓެޑްގެ ކުރިއަށް އޮތް ފިލްމް "ލަސްވިޔަސް" އަށް ބޭނުން ކުރާނެ ކަމަށް ބުންޏެވެ.
"މިއީ އަލުން މަސައްކަތެއް ކުރާ އިރު ވެސް، ރެފެރަންސަކަށް ނުބަލައި ދޫކޮށްލާ ވަރުގެ މަސައްކަތެއް ނޫން. މީގައި އެބަ ހުރި މިހާރު ވެސް މަސައްކަތުގައި އެޕްލައި ކުރެވޭނެ ވަރަށް ގިނަ ކަންކަން އަހަރެމެންނަށް ކުރެވިފައި،" އޭނާ ބުންޏެވެ. "އެއީ އަސްލު އަމާނާތުގެ ވަރަށް ބޮޑު ޕްލަސްޕޮއިންޓެއް. މި ތަޖުރިބާގެ ބޭނުން ކުރިއަށް ހުރި މަސައްކަތުގައި ވެސް ބޭނުން ކުރާނަން."
ޓެޑް އަދި ބުނީ ޝްވެކް ސިނަމާއި މި ފަހަރު "އަމާނާތް" އަޅުވަން ނިންމީ ވެސް ކުރިއަށް އޮތް ޕްރޮޖެކްޓަށް، ކުރާ ތަޖުރިބާއެއްގެ ގޮތުގައި ކަމަށެވެ.