އިންޑިއާގެ ބިޔަ އިންތިހާބުގައި ބޮޑުވަޒީރު މޯދީ އަނެއްކާވެސް ބޮޑު ކާމިޔާބީއަކާ ދިމާއަށް
އިންޑިއާގެ ބިޔަ އިންތިހާބުގައި ބޮޑުވަޒީރު މޯދީ އަނެއްކާވެސް ބޮޑު ކާމިޔާބީއަކާ ދިމާއަށް

އިންޑިއާގެ ބިޔަ އާންމު އިންތިހާބުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީ އަނެއްކާވެސް ބޮޑު ކާމިޔާބީއެއް ހޯއްދަވައި ތިން ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަންނަވާނެ ކަމަށް އެގްޒިޓް ޕޯލްތަކުން ދައްކައިފި އެވެ.

އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ 543 މެމްބަރުން އިންތިހާބުކުރަން، ހަތް ފިޔަވައްސަކަށް ބަހައިލައިގެން ކުރިއަށް ގެންދިޔަ ވޯޓުލުމުގެ ފަހު ފިޔަވަހި އިއްޔެ ވަނީ ނިމިފަ އެވެ. އިންތިހާބުގެ ނަތީޖާ އިއުލާނުކުރަން ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހު އެވެ.

އެކަމަކު އިންޑިއާގެ މެޖޯރިޓީ ހިންދޫންނަށް އަމާޒު ކޮށްގެން ވެރިކަންކުރާ ބީޖޭޕީން ކުރި ކެމްޕޭނުގައި މޯދީ އަށް ބޮޑު ކާމިޔާބީއެއް ލިބޭނެ ކަން ކުރިން ވެސް އޮތީ ބެލެވިފަ އެވެ.

ގިނަ އެގްޒިޓް ޕޯލްތަކުގެ ނަތީޖާއާ އެކު، މޯދީ ވެސް ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ރެކޯޑް އަދަދަކަށް ރައްޔިތުން ނުކުމެ ވޯޓުލައިގެން، ބީޖޭޕީގެ ވެރިކަން ދަމަހައްޓާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ޕޯލްތަކުން ދައްކާ ގޮތުން، ބީޖޭޕީގެ ކޯލިޝަނަށް 355 ގޮނޑި ކާމިޔާބު ވާނެ އެވެ. ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ހޯދަން ބޭނުންވަނީ 272 ގޮނޑި އެވެ.

އިންޑިއަން ނެޝަނަލް ކޮންގްރެސް އިސްވެ އޮތް އިދިކޮޅު ކޯލިޝަނަށް ލިބޭނެ ކަމަށް ލަފާކުރަނީ 125 ވަރަކަށް ގޮނޑި އެވެ.

އެކަމަކު މީގެ ކުރިން ވެސް އެގްޒިޓް ޕޯލްތަކުގެ ލަފާކުރުން ގޯސްވެފައި އެބަހުއްޓެވެ. އިންތިހާބުގެ ކުރިން މޯދީ ވަނީ މި ފަހަރު 400 ގޮނޑި ހޯދުމަށް އަމާޒު ހިއްޕަވައިފަ އެވެ. މިދިޔަ ފަހަރު ބީޖޭޕީން އިން ކާމިޔާބުކުރީ 303 ގޮނޑި އެވެ.

މި އިންތިހާބުގައި ވޯޓުލާ މީހުން އަދަދު މީގެ ކުރިއާ އަޅާ ބަލާއިރު މަދު ކަމަށް އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ވޯޓުލާން ނުކުންނަ މީހުން މަދުކަމުން، ހިންދޫ މެޖޯރިޓީ މީހުން ވޯޓު ލާން ނެރެން ބާރު އެޅުމަށް ބީޖޭޕީގެ ކެމްޕޭނުގެ މިސްރާބު ވެސް ވަނީ ބަދަލުކުރަން މަޖުބޫރު ވެފަ އެވެ.

މޯދީ ވަނީ ކެމްޕޭނުތަކުގައި ބޭނުންކުރައްވާ ބަސްމަގު، ހިންދޫން ރުއްސުމަށް މުސްލިމުންނާ ދެކޮޅަށް އަނބުރާލައްވައިފަ އެވެ.

ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި، މުސްލިމުންގެ ހައްގުތަކަށް އަރައި އިންޑިއާ "ފަތަހަ" ކުރަން އުޅޭ ކަމާއި އިދިކޮޅު ފަރާތްތަކާ ގުޅިގެން "ވޯޓު ޖިހާދު" ކުރަން ރާވައި ކަމަށް ވެސް މޯދީ ވަނީ ކެމްޕޭން ތަގުރީރުތަކުގައި ތުހުމަތު ކުރައްވައިފަ އެވެ.

ދުނިޔޭގެ އެންމެ ބިޔަ ޑިމޮކްރެޓިކް ހަރަކާތުގެ ގޮތުގައި ސިފަކޮށްފައިވާ މި އިންތިހާބުގައި 969 މިލިއަނަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ވަނީ ލިބިފަ އެވެ.