ބިންގަރާސް
ބިންގަރާސް

ބުދަ ދުވަހާ ގުޅޭ

"މި ގުޅަނީ." ފޯނު ނަގަމުން ނަޖްވާން ބުންޏެވެ.

ދިފްލާގެ ފޯނު ރަނގަބީލުވާން ފެށިއެވެ. ރާއިދަށް ފޯނު ދައްކައިލުމަށް ފަހު ދިފްލާ ފޯނު ނެގިއެވެ.

"ހަލޯ! ކޮން ތާކު ތި އުޅެނީ؟" ނަޖްވާން އެހިއެވެ.

"ގޭގަ. ކިހިނެއްވީ؟" ދިފްލާ އެހިއެވެ.

"ދިމާނުވާތާ ވަރަށް ގިނަ ދުވަސްވީމަ ހަމަ ހިތަށްއެރީ ގުޅާލަން،" ނަޖްވާން ބުންޏެވެ. "މާދަމާ ހަވީރު ކޮފީއަކަށް ހިނގާބަލަ!"

ތަނާއި ވަގުތު ހަމަޖައްސާފައި ނަޖްވާން ފޯނުބޭއްވިއެވެ. ދިފްލާ ކުޑަކޮށް ހައިރާންވިއެވެ. ކުއްލިއަކަށް ގުޅާފައި ނަޖްވާން އެހެން ބުނެފައި ފޯނުބޭއްވީމައެވެ.

"ކީކޯ؟" ރާއިދު އެހިއެވެ.

"އޭނަ މިހިރީ ގޭގަޔޯ!" ނަޖްވާން ވަރަށް ހަމަޖެހިލާފައި ބުންޏެވެ. "ކޮބާ ހީވޭ؟ މަންމަ ކިޔާފާނެ ކޮންމެ ފަދަ އެއްޗެއް ވެސް. މިހާރު މި ވީ ގޮތުން އޭނަޔާ މީޓް ވެސް ކުރަން މި ޖެހުނީ. ރާއިދާ އޭނަ މެރީކުރަން ބޭނުން ނަމަ މިހާރު ކޮށްގެނެއްނު އުޅޭނީ މަންމާ! ރާއިދު އެ މަގުން ތިން ފަހަރު ދިޔައްޔާ ދެ ފަހަރު ވަންނާނެ އެ ގެއަށް. އެއީ ހާދަ ނައިސް ކުއްޖެކޭ!"

"ތީ ހަމަ ހީވާ ގޮތް،" ބަނބުކެޔޮދަޅުގެ މަތިޖަހަމުން ނާސިހާ ބުންޏެވެ. "އޭނަ އެ އުޅެނީ ދަރިފުޅަށް ބޮނޑިއެއް ދޭންވެގެން."

ބޮނޑި ނޮޅައިލުމަށް ފަހު އެއްބައި ދިފްލާއަށް ދިއްކޮށްލައިފައި އަނެއްބައި ޔަމާނީ ކާން ފެށިއެވެ. ދެބެން ތިބީ ގޭގެ ކާމޭޒު ކައިރީގައެވެ. މޭޒުމަތީގައި، މާޖެއްސި ޒުވާރި އަޅައި ފުރާފައިވާ ބޮޑު ބޯތަށްޓެއް ވެސް ހުއްޓެވެ. ކުދިގުޅައާއި، ފޮނިރޮށްޓާއި، ކުޅި ކާޖާ ވެސް ހުއްޓެވެ. ތަންކޮޅެއް ދުރުގައި މައުސޫމާ ކޮންމެވެސް މީހަކާ ފޯނުން ވާހަކަދައްކަން އިނެވެ.

"ނަޖޫ މަންމަ ގެނައި އެއްޗެކޭ މީ،" މޭޒުމަތީގައި ބާއްވާފައި އޮތް ފޯނާ ކުޅެމުން ޔަމާނީ ބުންޏެވެ. "އަލަޔާ، ތެއްލިބަނބުކެޔޮ ވެސް ގެނައި. އަހަރެން ހިތަށްއަރާ އެއްޗެއް ބުނެފިއްޔާ ދޮންތަ ހިނި ވެސް އަންނާނެ. ނަޖޫ މަންމަ ވަރަށް ރުޅިއާދެއެއްނު ދޮންތަ ދެކެ ދޯ؟ މި ބޮނޑިއަށް ސިހުރުހަދާފަ ހުރެއްޖެއްޔާ ޔޯ؟"

"އޭރުން ތި ވާނެ އަސްލު ބޮނޑިއަކަށް،" އެހެން ބުނެފައި ދެބެން އެކުގައި ހީނގަތެވެ. "އަހަންނަކަށް ނޭނގެ އަހަރެން ދެކެ އޭނަ އެހާ ރުޅިއަންނަނީ ކީއްވެގެންކަމެއް ވެސް. މިހާރު ރާއިދު އެ އުޅެނީ ނަޖޫއާ މެރީ ވެސް ކޮށްގެން. ދެން ކޮން ބިރެއްގަންނާކަށް؟"

"ދެއަންބަށް މެރީކޮށްފާނެތީ!" ސަމާސާ ރާގަކަށް ޔަމާނީ ބުންޏެވެ. "ތިން އަހަރު ފަހުން."

ދިފްލާ ޒުވާރި މުށްވަރެއް ނަގައި ޔަމާނީޔާ ދިމާއަށް އުކައިލިއެވެ.

"މަންމާ!" ޔަމާނީ ހަޅޭއްލަވައިގަތެވެ.

"ބަލަބަލަ!" ތެދުވެގެން އަންނަމުން މައުސޫމާ ބުންޏެވެ. "ކާއެއްޗެހި އިސްރާފުނުކުރާށޭ ބުނަމެއްނު! ދިފްލާ ދޭބަލަ ފާއިޒާ ކައިރިޔަށް. އޭނަ ދޭނެ އަސުރުމާ އޮށްކޮޅެއް. މިހާރު އަތުވެއްޖެއްޔާ ގަހެއް ވެސް ދޭނަމޯ."

"ދެން މަންމާ!" ދެލޯ ބޮޑުކޮށްލާފައި ދިފްލާ ބުންޏެވެ. "ރޭގަނޑު އަހަރެން އެ ގެއަށް ނުފޮނުވަބަލަ! ގަސްތައް ނުލާހިކު ބިރުވެރިވާނެ. ރާއިދު ބުނި ކުރީ ރެޔަކު ވެސް ނަޖޫ އުޅުނޯ ދެ އަލިކޮޅު ފެންނާތީ ބިރުން."

"ހޫނ!" ނިކަން ދަމާލައިފައި މައުސޫމާ ބުންޏެވެ. "އެއީ އެ ނަޖްވާން ތުއިވާންވެގެން ދައްކާ ވާހަކަ. އަހަންނަކަށް ހިޔެއްނުވޭ އެ މީހުން މާ ގިނަ ދުވަހަކު އޭނަގެ ތުއިބަލާނެހެނެއް. ފާއިޒާ ހަމަނޭވާލާނީ އެ މަންޖެ ފައްސާލާފަ. ބަލަންހުރޭ!"

ގޭގެ ދޮރަށް ބަލަހައްޓައިގެން އެތައް އިރަކު ދިފްލާ ހުއްޓެވެ. ރާއިދުގެ ގެއަށް ވަންނަންވީތޯ ނުވަތަ ނޫންތޯ ޔަގީންނުވެފައެވެ. ގަޑިން ހަވީރު ހަތަރެއްޖަހައިފިއެވެ. ގަޑިޖެހިއްޖެއެވެ. ފުންނޭވައެއް ބޭރުކޮށްލައިފައި ދިފްލާ ފޯނު ނެގިއެވެ. ފާއިޒާއަށް ގުޅިއެވެ. އެއީ، ދޮރުމައްޗަށް އައިސްފައި ކަންކުރާނެކަމަށް ދިފްލާ ބުނެފައިވާ ގޮތެވެ. ފާއިޒާ ފޯނު ނުނަގައި ކަނޑައިލިއެވެ. އިރުކޮޅަކުން ނަދީމާ ދޮރު ހުޅުވިއެވެ. ދިފްލާ ވަނެވެ. ގޯތިތެރެއިން ގެއަށް ވަންނަންހުރި ދޮރު ކައިރީގައި ފާއިޒާ ހުއްޓެވެ.

"މަންމައަކަށް ނާދެވެނު ދޯ؟" ފާއިޒާ ބުންޏެވެ. "ކޮބާ އަހަންނަށް ގެނައި ގޮފިކޮޅު؟"

"މަންމައެއް ނުދޭ!" ހައިރާންވެފައި ދިފްލާ ބުންޏެވެ. "ހަނދާންނެތުނީކަން ނޭނގެ."

"އެއީ ހަމަ އޭނައަށް ވާނެ ވަރު،" ހިނގައިގަންނަމުން ފާއިޒާ ބުންޏެވެ. "ހިނގާ ތި ކަމާ އުޅެމާ! އެ އޮށްކޮޅު އެހެން މީހަކު ގެންގޮއްސި. އެކަމަކު މިހާރު އޮށް ހުންނާނެ ގަސްދޮށުގަ."

ދެމީހުން އެކުގައި ގޮސް ގަސްދޮށުން އަސުރުމާ އޮށް ހޮވަން ފެށިއެވެ. ދިފްލާ ވައްކަޅިން ނަޖްވާން ފެނޭތޯ ބެލިއެވެ. ރާއިދު ފެނޭތޯ ވެސް ބެލިއެވެ. އެކަކުގެ ވެސް ޚަބަރެއް ނުވިއެވެ. މަންމައަށް ކަމެއް ކޮށްދިނުމުގެ އިތުރުން ދިފްލާ އައީ އެހެން ކަމެއް ވެސް ހިތުއަޅައިގެންނެވެ.

"ކޮބާ ނަޖޫ؟" ނޫންކަމަށް ހެދިލައިފައި ދިފްލާ އެހިއެވެ. "ގޭގަ ނޫޅެނީތަ؟"

"ކިހިނެއް ހީވަނީ؟" ފޫހި ގޮތަކަށް، މަޑުމަޑުން ފާއިޒާ ބުންޏެވެ. "އެ ކަންނެތްގަނޑު އެބަ އޮތް ނިދާފަ. ހަތަރުދަމު ނިދުން ނޫން ކަމެއް އޭނަ ކުރޭތަ؟"

"މީ ވެސް މީހުން ނިދާ ގަޑިއެއްތަ؟" ދިފްލާއަށް ބުނެވުނެވެ.

"އިރުއޮއްސުމުގެ ކުރިން ހޭލާނެ،" ކުރިޔަށް ވުރެ ފޫހިވެފައި ފާއިޒާ ބުންޏެވެ. "ދެން ހަތަރުދަމު ޓީވީބެލީމަ ނިމުނީ. އުޅުމެއް ނެތީމަ އެހެނެއްނު އުޅޭނީ. ރާއިދު އެ ކަމާ ވަރަށް ހިތްހަމަނުޖެހިފަ ހުންނަނީ. އަހަރެން ނަޖޫގެ ހެދުންތައް ދޮވެ އިސްތިރިކުރުވާތީ، އެ ކަމާ ވެސް ރާއިދު ވަރަށް ލަދުންހުންނަނީ. އަހަންނަށް އެ ކަން އެނގޭ! އަހަރެން ހިތަށްއަރާ ނުލާހިކު ހަރުދަނާ، ގެވެހި ކުދިން މި ހިސާބުގަނޑުގަ އެބަ އުޅެޔޭ! ކައިވެނި ނުކޮށް ދެތިން އަހަރެއް މަޑުކޮށްލި ނަމަ ކިހާ ރަނގަޅުވީސްހޭ! ނޫންތަ؟"

ފާއިޒާ އެ ބުނީ ކީކޭކަން ދިފްލާއަށް ރަނގަޅަށް އެނގެއެވެ. އެނގުނުކަމަށް ނެހެދީއެވެ. ހިތްދަތިކަން ފިޔަވައި އެހެން އެއްޗެއް ނުލިބޭނެތީއެވެ. އަސުރުމާ އޮށް ހޮވަމުން ފާއިޒާޔާ ދުރަށް ގޮސް، ރާއިދުގެ ކޮޓަރީގެ ކުޑަދޮރު ކައިރިއަށް ދިފްލާ ޖެހިލިއެވެ. އެއީ އެނދުގެ ފައިލާކޮޅުކަން ދިފްލާއަށް އެނގެއެވެ. ވީމައި، މަޑުމަޑުން ދޮރުގައި ޓަކިޖަހައިލިއެވެ.

"ނަޖޫނަޖޫ!" ދިފްލާ ގޮވައިލިއެވެ. "އެބަ އުޅެންތަ؟"

"ހޫނ!" ނިދިއަޑަކުން ނަޖްވާން ބުނި އަޑު އިވުނެވެ.

"ހޭލަބަލަ!" ދިފްލާ ބުންޏެވެ. "މީ މީހުން ނިދާ ގަޑިއެއް ނޫނެއްނު! ނުކުމެބަލަ!"

"ކޮން ތާކު ތިހިރީ؟" ނަޖްވާން އެހިއެވެ.

"ކުޑަދޮރު ކައިރީގައެއްނު،" ދޮރުގައި ޖަހައިލަމުން ދިފްލާ ބުންޏެވެ. "ހޭލައިގެން ބޭރަށް ނުކުމެބަލަ! ކޮބާތަ އަހަންނަށް ދޭން ބުނި ކޮފީ؟"

ނަޖްވާން ވަކި އެއްޗެއް ނުބުނެއެވެ. ނިދީކަމެއް ތެދުވީކަމެއް ދިފްލާއަކަށް ނޭނގެއެވެ. ހުރިހައި ކުލައެއްގެ އަސުރުމާ އޮށް އެއްކޮށް، ކަނީރުގަހުންނާއި، ހުވަނދުމާ ގަހުން މާ ބިނދެ ނިމުނު އިރު ވެސް ނަޖްވާނެއް ނުނިކުމެއެވެ. އޭރު ފާއިޒާ ވެސް ދިފްލާ ގާތަށް އަތުވެއްޖެއެވެ.

"އެ ނަޖޫއަށް ގޮވާ ނެރެބަލަ!" ފާއިޒާ ވަރަށް މަޑުމަޑުން ބުންޏެވެ. "އަބަދު އޮންނާނީ އެނދުމަތީ ފުރޮޅިފުރޮޅި. އަހަރެން ހިތަށްއަރާ ގައިގަނުރިއްސާކަމޭ!"

ދިފްލާ ގޮސް އެ ކޮޓަރިއަށް ވަނެވެ. ދުވި ވަހުން ދިފްލާ އަނބުރައިނުގަތީ ކިރިޔާއެވެ. ކުރިން އެ ކޮޓަރީގައި ހުންނާނީ ސެންޓުވަހެވެ. ނުވަތަ އެއަރފްރެޝްނާ ވަހެވެ. ތާޒާ މާ ވެސް ބައެއް ދުވަސްދުވަހު ހުންނާތީ، ފިނިފެންމާ ވަސް ވެސް ދުވައެވެ. ރާއިދަކީ ސާފުތާހިރު، މީރުވަހަށް ލޯބިކުރާ މީހެކެވެ. އަބަދު ވެސް ހުންނާނީ ފެންވަރައި ސެންޓުޖަހައިގެންނެވެ. ހުރަސްކޮށްލިޔަސް ދުވާނީ ސެންޓުވަހެވެ. ނަޖްވާނާ އެކުގައި އުޅެންޖެހުމުން ރާއިދު ފަކީރަށް ވާނެ ވަރު ދިފްލާއަށް އިހުސާސްކުރެވެއެވެ. ހަމުދަރުދީ ވެސް ވެވުނެވެ. ދިފްލާއަށް އެ ކޮޓަރިއަކު ކެތެއް ނުކުރެވުނެވެ. ކޮށިއަރައިގެން ކެއްސަމުން ކެއްސަމުން ނުކުތެވެ. ރާއިދު ކުރިން ބުނެފައި ވިޔަސް، އެހައި މުޑުދާރުވާނެކަމަކަށް ދިފްލާ ހިޔެއްނުކުރެއެވެ.

"ވަރަށް ވަސްއެބަހުރި ދޯ؟" ފާއިޒާ ވައިއަޑުން އެހިއެވެ. "އަހަރެން މިހާރު އަޅައެއްނުލަން. ފޫހިވެއްޖެ!"

"ބޮލަށް އެނބުރުންއަރައިގެން މި ނުކުތީ!" ދިފްލާ ވެސް ހަމަ އެހައި މަޑުމަޑުން ބުންޏެވެ. "އެކަމަކު އެ ވަރުވާ އިރު ކެތްވާކަން."

"ހަތަރު ދުވަސް ވަންދެން ވެސް ފެންނުވަރާ ހުރެދާނެ،" ފާއިޒާ މަޑުމަޑުން ބުންޏެވެ. "އަހަރެން މިހާރު އެ ތާކަށް ނުވަންނަން. އެއްޗެއް ބުނެވިދާނެތީ ދެ ތުންފަތުގަ ދަތްއަޅައިގެން މި އުޅެނީ. އަހަންނަށް ކަށަވަރު ރާއިދަކަށް ވެސް ކެތެއް ނުވާނެ. ދިފްލާއަށް އެނގޭނެ ރާއިދުގެ މިޒާޖު. އެކަމަކު ބަލާބަލަ އޭނައަށް ލިބުނު އަނބިމީހާ. އަދި އެނގޭތަ؟ އަހަރެން ރޭގަނޑު ދިހަގަޑި ބައި އެހައިކަންހާ އިރު ސިޓިންރޫމަށް ވަންނަ އިރު ރާއިދު ވެސް އޮންނަނީ ސޯފާގަ. ކޮޓަރީގަ އޭނައަށް ވެސް ކެތްނުވާތީތާ! ކައިވެނިކޮށްގެން އައި ރޭ އޭނަ ލައިގެން ހުރި ހެދުން ބޭލީ ތިން ދުވަސް ފަހުން. މީހަކު އަޅެ އަންތަރީހެއް ނުވާނެ؟"

ދަރިފުޅު އިނދެގެން އުޅޭ މީހާގެ ވާހަކަ، އެހައި ތަފުސީލުކޮށް ދިފްލާ ގާތުގައި ދައްކާނީ ފާއިޒާ ކިހައި ފޫހިވެފައިހުރީމައިކަން ދިފްލާއަށް ވިސްނެއެވެ.

"ހޭލާނީ މެންދުރު. ނިދަން ލާ ސޯޓުގަނޑާ ޓީޝާޓު ލައިގެން ކޮޓަރިން ނުކުންނަނީ،" ހައިރާންވެގެންހުރެ ފާއިޒާ ކިޔައިދިނެވެ. "ލަދެއް ވެސް ނުގަނޭ! ނުކުމެ ކައިގެން، ޓީވީބަލަން އިނދެފަ އަނެއްކާ ވެސް ކޮޓަރިއަށް ވަންނާނީ. ހަވީރު ސައިބޯން ވެސް ގޮވީމަ ނުކުންނާނީ. ހަމަ އެހެން ހާމުންޑިއެއްހެން ބޯހާވައިލައިގެން އުޅޭނީ. ނަސީމު ވެސް ފޫހިވެގެން ގޮސް އަނގައިން ވެސް ނުބުނޭ! އަހަންނަކާ ވެސް އެހައި ވާހަކައެއް ނުދައްކާނެ. ރައްޓެއްސެއް ވެސް ނުވާނެ. ނުކެރޭނެއްނު ނަސޭހަތަކަށް ވެސް އެއްޗެއް ބުނާކަށް. ކުރިން މި ގޭ ދޮށުގަ އުޅުނު އިރު ހަމަ ނުލާހިކު ރީތިކޮށް އަހަންނާ ވާހަކަދެއްކިޔޭ! އެކަމަކު ރާއިދުގެ އަންހެނުންނަށް ވީމަ ޒާތެއްގެ ލަދެއްގަނެގެން އާއްޔެއް ވެގެން އުޅެނީ. އަހަރެން އެއްޗެއް ބުންޏަސް ބޯޖަހާލަޖަހާލާ އިންނަނީ. ފިނދަނައެކޭ އެއްގޮތް. އަހަންނަށް ކޮން ތުޔެއްދައްކާކަށް؟ އަބަދު ވެސް އުޅޭނީ ރާއިދު ވެރިކޮށްނުލެވިގެން. ކުރީ ރޭ ރާއިދު ފޮނުވައިފިޔޭ އަހަންނާ ޒުވާބުކުރަން. ދެން ނެތެއްނު އޭނަ މި ގޭގަ ބެހެއްޓޭކަށް."

"އަހަންނަށް ވުރެ ނަޖޫ ބޮޑުވާނެ،" ދިފްލާ ބުންޏެވެ. "އަހަރެން ބުނާ އެއްޗެއް ގަބޫލުކުރާނެކަމެއް ވެސް ނޭނގެ. އެކަމަކު އަޅެ ޓްރައިކޮށްލަންތަ؟ ސުވާލަކީ، ނަޖޫއަށް އެއް ޗާންސްދެވިދާނެހޭ؟"

-ނުނިމޭ-