01 ޖޫން 2024 - 16:55

މި މަހު ލިބުނު ކަރަންޓު ބިލު ބޮޑުވި ކަމަށް ބުނާ މައްސަލައިގެ ޝަކުވާތައް ހުށަހަޅަން އެ ކުންފުނިން މިއަދު ހުޅުވާލައިފި އެވެ.
ކަރަންޓު ބިލު ބޮޑު ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑީއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ސްޓެލްކޯއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ކަރަންޓު ބިލުތަކާ ގުޅިގެން ހުށަހަޅަން ބޭނުންވާ ޝަކުވާތައް އެ ކުންފުނީގެ ކަސްޓަމާ ސާވިސް ނަމްބަރު 7788438 އަށް ވަޓްސްއަޕް ނުވަތަ ޓެލެގްރާމް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ.
އަދި[email protected]އިން އީމެއިލް މެދުވެރިކޮށް ވެސް ޝަކުވާ ހުށަހެޅޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
"ކަސްޓަމަރުން ހުށަހަލާ ޝަކުވާތަކަށް ގިނަވެގެން 24 ގަޑިއިރު ތެރޭ ޖަވާބުދާރީ ވުމަށް މި ކުންފުނިން ދަނީ މަސައްކަތް ކުރަމުން،" ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯއިން ބުނާ ގޮތުގައި ބިލުތައް ބޮޑުވަނީ ހޫނު ގަދަ ދުވަސްވަރާ ދިމާވުމުންނެވެ. ކަރަންޓް ބޭނުންކުރާ މިންވަރަށް ވުރެން އިތުރަށް އެ ކުންފުނިން ބިލްނުކުރާ ކަމަށާއި ބިލް ފޮނުވުމުގެ ކުރިން ވެސް ބިލަށް އަރަމުންދާ ވަރު ބަލާލެވޭނެ ކަަމަށް އެ ކުންފުނިން ބުނެ އެވެ.
މި ދުވަސްވަރަކީ ވިއްސާރަ ކުރަމުންދާ ދުވަސްވަރެއް ކަމުން މި މަހުގެ ކަރަންޓު ބޮޑުވާން ދިމާވި ސަބަބާ މެދު ގިނަ ބަޔަކު ވަނީ ސުވާލު އުފައްދައިފަ އެވެ. އެކަމަކު، ވިއްސާރަވާން ފެށުމުގެ ކުރިން، ހޫނު ގަދަ ދުވަސްވަރެއް ދިއުމާއެކު، އެ މުއްދަތު ބިލްގައި ހިމެނޭނެތީ އެއީ ބިލް ބޮޑުވާނެ ސަބަބެއް ކަމަށް އެ ޝަކުވާތަކާ ގުޅިގެން ކުންފުނީގެ ބައެއް ދަނީ ބުނަމުންނެވެ.
ކަރަންޓް ބިލް ކުޑަކުރެވޭނެ ގޮތްތައް ވެސް ސްޓެލްކޯގެ އިންޖިނޭރަކު ވަނީ ސޯޝަލްމީޑިއާގައި ހިއްސާކޮށްފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ވަނީ މިދިޔަ ރޯދަ މަހު ބޭނުންކުރި ކަރަންޓާއި ފެނުން ޑިސްކައުންޓު ދޭން ނިންމަވައި ދެ ކުންފުނިން އެކަން ތަންފީޒުކުރި އެވެ. މި އަހަރުގެ މާޗު މަހާއި އޭޕްރީލް މަހުގެ ބިލް ބޮޑުވުމުން ވެސް ވަނީ ޑިސްކައުންޓު ދީފަ އެވެ.