އާޒަބައިޖާންގެ ނައިބް ރައީސްކަން ރައީސްގެ އަނބިކަނބަލުންނަށް
އާޒަބައިޖާންގެ ނައިބް ރައީސްކަން ރައީސްގެ އަނބިކަނބަލުންނަށް

ބާކޫ (ފެބްރުއަރީ 22) - އާޒަބައިޖާންގެ ނައިބް ރައީސްގެ މަގާމަށް ރައީސްގެ އަނބިކަނބަލުން މެހްރިބާން، ރައީސް އިލްހާމް އަލިޔޭފް ހަމަޖައްސަވައިފި އެވެ.

އާޒަބައިޖާންގެ ނައިބް ރައީސްކަން ރައީސްގެ އަނބިކަނބަލުންނަށް
އާޒަބައިޖާންގެ ނައިބް ރައީސްކަން ރައީސްގެ އަނބިކަނބަލުންނަށް

ތެލުގެ މުއްސަނދިކަން ލިބިފައިވާ މެދުތެރޭ އޭޝިޔާގެ ގައުމުގެ ފަސްޓް ލޭޑީ ނައިބް ރައީސް ކަމަށް ހަމަޖެއްސުމަކީ ރައީސްގެ ބާރު އިތުރަށް ގަދަކުރުމުގެ ގޮތުން އެޅުއްވި ފިޔަވަޅެއް ކަމަށް އޮފިޝަލުން ބުނެ އެވެ. ފަސްޓް ވައިސް ޕްރެޒިޑެންޓުގެ މަގާމަށް ރައީސްގެ އަނބިކަނބަލުން މެހްރިބާން އަލިޔޭވާ، 52، ހަމަޖެއްސެވިކަން އިއުލާންކޮށްފައި ވަނީ އެ ގައުމުގެ ރައީސް އޮފީހުގެ ވެބްސައިޓުގަ އެވެ.

ރައީސް އިލްހާމް އަލިޔޭފް ގެންދަވަނީ 2003 ވަނަ އަހަރު ބައްޕާފުޅު ހައިދަރު އަވަހާރަވި ފަހުން އާޒަބައިޖާންގައި ވެރިކަން ކުރައްވަމުންނެވެ.

ރައީސް އަލިޔޭފްގެ އަނބިކަނބަލުން މެހްރިބާން އަކީ އާޒަބައިޖާން ޕާލަމެންޓުގެ މެންބަރެކެވެ. ސިއްހީ ދާއިރާ އިން ތަމްރީނު ލިބިވަޑައިގެންފައިވާ މެހްރިބާން ގެންދަވަނީ ހައިދަރު އަލިޔޭފް ފައުންޑޭޝަން ހިންގަވަމުންނެވެ. އެކަމަނާގެ ބައްޕާފުޅަކީ އާޒަބައިޖާންގެ މުއްސަނދި ވިޔަފާރި ވެރިއެކެވެ. އަލިޔޭފް އާއި މެހްރިބާން އަށް ތިން ކުދިން ލިބިވަޑައިގެންފައިވެ އެވެ.

އާޒަބައިޖާންގެ ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން ބޮޑުވެ އިދިކޮޅު ފަރާތްތައް މައިތިރިކުރުމުގެ ކެމްޕޭނެއް ރައީސް އަލިޔޭފް ހިންގަވާ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން ތުހުމަތު ކުރެ އެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ޚިޔާލު ހޯދުމުގެ ވޯޓެއްގައި ރައީސް އަލިޔޭފް ވަނީ ބާރުގަދަ ނައިބް ރައީސްގެ މަގާމު އުފައްދަވާ ރިޔާސީ ދައުރު ފަސް އަހަރުން ހަތް އަހަރަށް އިތުރު ކުރައްވައިފަ އެވެ.