01 ޖޫން 2024 - 12:10

މާލޭ ސިޓީ ކައުންސިލުން ހުސްވެފައިވާ ތިން ގޮނޑިއަށް މެމްބަރުން އިންތިހާބުކުރަން އަންނަ މަހު 20 ގައި ބައި އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންމައިފި އެވެ.
އެ ދާއިރާތަކަށް ކައުންސިލަރުން އިންތިހާބު ކުރަން ޖެހުނީ، މިދިޔަ މަޖިލިސް އިންތިހާބުގައި އެ ދާއިރާ ތަކުގެ މެމްބަރުން ވާދަ ކުރައްވައި ގޮނޑި ކާމިޔާބު ކުރެއްވުމުންނެވެ.
ކައުންސިލަރުންގެ ގޮތުގައި ވާދަކުރައްވައި، މަޖިލީހަށް އިންތިހާބުވެވަޑައިގަތީ، ހުޅުމާލެ ދާއިރާގެ ކައުންސިލަރަކަށް ހުންނެވި އިބްރާހިމް ޝުޖާއު އާއި މައްޗަންގޮޅި މެދު ދާއިރާގައި ހުންނެވި ކައުންސިލް މެމްބަރު އަހްމަދު ޒަމީރުގެ އިތުރުން ހެންވޭރު ހުޅަނގު ދާއިރާގެ ގޮނޑި ތަމްސީލްކުރެއްވި އަހުމަދު އައިފާން އެވެ.
އީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ މާލޭ ސިޓީ ކައުންސިލުގެ ތިން ގޮނޑި ހިމެނޭހެން އަށް ބައި އިލެކްޝަން އަންނަ މަހު 20 ގައި ބާއްވަން ނިންމާފައިވާ ކަމަށެވެ.
ބައި އިލެކްޝަން ބާއްވާ އިތުރު ފަސް ރަށް:
- ޅ. އަތޮޅު ކައުންސިލްގެ ރައީސް
- ފ. ބިލެތްދޫ ކައުންސިލްގެ ރައީސް
- ހދ. ކުޅުދުއްފުށި ކައުންސިލް އުތުރު ދާއިރާ މެމްބަރު
- ރ. ހުޅުދުއްފާރު ކައުންސިލް މެމްބަރު
- ރ. ރަސްމާދޫ ކައުންސިލްގެ އަންހެން މެމްބަރު
އީސީން ބުނި ގޮތުގައި މި ބައި އިލެކްޝަންތަކުގައި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މި މަހުގެ 14 ވާ ހުކުރު ދުވަހުގެ ހަވީރު 4:00 ގެ ނިޔަލަށެވެ.
ގާނޫނުގައިވާ ގޮތުން ކައުންސިލްގެ ގޮނޑިއެއް ހުސްވާތާ 60 ދުވަހުގެ ތެރޭގައި ބައި އިލެކްޝަނެއް ބާއްވަން ޖެހެ އެވެ.