22 ފެބުރުއަރީ 2017 - 10:45

އެކި ގައުމުތަކުގައި ހުންނަ ރާއްޖޭގެ ތިން އެމްބަސީއަކުން މާލިއްޔަތު ގަވާއިދާ ޚިލާފަށް ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.
އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ނެރުއްވި ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައިވާ ގޮތުން ގަވާއިދާ ޚިލާފަށް ފައިސާ ޚަރަދުކުރީ ސައުދީ އަރަބިއްޔާގައި ހުންނަ ރާއްޖޭގެ އެމްބަސީންނާއި އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުންނާއި ޖެނީވާގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަނުންނެވެ. އެތަންތަނުން 2012 ވަނަ އަހަރުން ފެށިގެން 2015 ގެ ނިޔަލަށް އެކި ފަހަރު މަތިން މާލިއްޔަތު ގަވާއިދާ ޚިލާފަށް ފައިސާ ޚަރަދުކުރި ކަމަށް އެ ރިޕޯޓުގައިވެ އެވެ.
ފައިސާ ޚަރަދު ކުރުމުގެ ވައުޗަރު ތައްޔާރު ކުރަން ޖެހޭ ނަމަވެސް ޖެނީވާގައި ހުންނަ ރާއްޖޭގެ މިޝަނުން ވައުޗަރު ތައްޔާރުނުކޮށް 2015 ގައި 3.4 މިލިއަން ރުފިޔާ ޚަރަދު ކުރި އެވެ. އަދި 2012 އިން ފެށިގެން 2014 ވަނަ އަހަރު ވެސް އެ މިޝަނުން ވައުޗަރު ތައްޔާރު ނުކޮށް، 107،000ރ. ޚަރަދުކުރި ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
މީގެެ އިތުރުން ސައުދީގައި ހުންނަ އެމްބަސީން 2015 ވަނަ އަހަރު އެއްބަސްވުމެއް ނެތި 185،000ރ. ގެ މަސައްކަތް ހަވާލުކުރިއިރު އިނގިރޭސިވިލާތުގައި ހުންނަ ހައި ކޮމިޝަނުން 2013 އަދި 2014 ގައި އެއްބަސްވުމެއް ނެތި 738،000ރ. ގެ މަސައްކަތް ހަވާލުކުރި ކަމަށް އެ ރިޕޯޓުގައި އޮޑިޓާ ޖެނެރަލް ވިދާޅުވެފައިވެ އެވެ.
ޖެނީވާގައި ހުންނަވާ ސަފީރުގެ މަގާމުގައި އޮގަސްޓް، 2014 އާ ހަމައަށް ހުންނެވި ސަފީރު ދިރިއުޅުއްވަން ދައުލަތުން ހިފި ގޭގައި ހުރި ހަރު މުދާތަކެއް ނައްތާނުލާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ގުދަނެއްގައި ބެހެއްޓުމުން އެތަނަށް ކުލީގެ ގޮތުގައި 197،000ރ. ދައުލަތުން ޚަރަދު ކުރި ކަމަށް ރިޕޯޓްގައިވެ ޖެހުނެވެ.
އެ ރިޕޯޓުގައި އޮޑިޓާ ޖެނެރަލް ވަނީ ބައެއް މިޝަންތަކާއި އެމްބަސީތަކުގެ ހަރު މުދަލުގެ ރެކޯޑް ގަވާއިދާ އެއްގޮތަށް ބަލަހައްޓާފައި ނެތް ކަމަށް ވިދާޅުވެފަ އެވެ. އަދި ފޮރިން މިނިސްޓްރީގެ 2015 ގެ މާލީ ބަޔާންތައް ލަހުން ހުށަހަޅާ ވާހަކަ ވެސް ރިޕޯޓުގައި ވެ އެވެ.