ޒަމީރު ރަސްމީ ދަތުރެއްގައި ލަންކާއަށް ވަޑައިގަންނަވަނީ
ޒަމީރު ރަސްމީ ދަތުރެއްގައި ލަންކާއަށް ވަޑައިގަންނަވަނީ

ފޮރިން މިނިސްޓަރު މޫސާ ޒަމީރު ސްރީ ލަންކާއަށް ރަސްމީ ދަތުރެއް ކުރެއްވުމަށް ހަމަޖެހިއްޖެ އެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ ލަންކާގެ ފޮރިން މިނިސްޓަރު އެމް.ޔޫ.އެމް އަލީ ސަބްރީގެ ދަޢުވަތަކަށް ޒަމީރު ލަންކާއަށް މި ދަތުރު ކުރައްވާނީ އަންނަ ހޯމަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށެވެ.

ޒަމީރުގެ މި ދަތުރުގައި ލަންކާ ސަރުކާރުގެ އިސް ބޭފުޅުންނާ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އޭގެތެރޭގައި ލަންކާގެ ރައީސް، ރަނިލް ވިކްރަމަސިންގްހެ އާއި ބޮޑުވަޒީރު، ޑިނޭޝް ގުނަވަރުދަނާ އަދި ސަބްރީ އާ ބައްދަލުކުރައްވައި ރަސްމީ ވާހަކަތައް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ.

މިނިސްޓްރީން ބުނީ ރަސްމީ އެ މަޝްވަރާތަކުގެ ތެރޭގައި ރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުން ހަރުދަނާ ކުރުމާއި ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ލުއިފަސޭހަ ގޮތްތައް ހޯދާ ދިނުން ހިމެނޭ ކަމަށެވެ.

ޒަމީރު ލަންކާއަށް ކުރައްވާ މި ދަތުރަކީ، ފޮރިން މިނިސްޓަރު ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އެ ގައުމަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރެވެ.