31 މެއި 2024 - 10:53

ސޮވަރިން ޑިވަލޮޕްމެންޓް ފަންޑަށް 50 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށާއި މި އަހަރު ނިމޭ އިރު އެ ފަންޑަށް ޖަމާކުރާ އަދަދު 100 މިލިއަން ޑޮލަރަށް އިތުރު ކުރަން އަމާޒު ހިފާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަފީގު ވިދާޅުވީ، ވެރިކަމާ ހަވާލުވި އިރު އެ ފަންޑަށް ޖަމާކޮށްފައިވަނީ ދެ މިލިއަން ޑޮލަރު ކަމަށާއި އެކަމަކު ވޭތުވެދިޔަ ހަ މަސް ތެރޭގައި އެ އަދަދު 50 މިލިއަން ޑޮލަރަށް އިތުރުކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ޓާގެޓަކީ މިއަހަރު ނިމެންވާ އިރަށް އެ ފަންޑު 100 މިލިއަނަށް އިތުރު ކުރުން. އަދި ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމަށް އަޅުގަނޑުމެންގެ ޑެޓް ޕޯޓްފޯލިއޯ ޑައިވާސިފައި ކުރުމަކީ މުހިއްމު ކަމެއް ކަމުގައި އަޅުގަނޑުމެން ދެކެން،" އޭނާ ވިދާޅުވި އެވެ.
ދައުލަތުގެ ދަރަނި އަދާކުރަން 2017 ވަނަ އަހަރު އުފެއްްދި އެސްޑީއެފްއަށް އާ ސަރުކާރުން މިހާތަނަށް 50 މިލިއަން ޑޮލަރު ޖަމާކުރި ކަމަށް މިނިސްޓަރު ވިދާޅުވި އިރު، އެ ފަންޑުގައި އަހަރު ފެށި އިރު ޖުމްލަ ހުރީ ގާތްގަނޑަކަށް 480 މިލިއަން ޑޮލަރު (7.4 ބިލިއަން ރުފިޔާ) އެވެ.
އެ ފަންޑުގައި ހުރި ފައިސާގެ ތެރެއިން ގާތްގަނޑަކަށް 370 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) ހުރީ ޓީބިލުގައި އިންވެސްޓްކޮށްފަ އެވެ. އަދި އެހެނިހެން އިންވެސްޓްމެންޓްތަކުގައި 110 މިލިއަން ޑޮލަރު (1.7 ބިލިއަން ރުފިޔާ) ހޭދަކޮށްފައިވެ އެވެ
ބަޖެޓު ފޮތުގައިވާ ގޮތުން އެ ފަންޑުން ދަރަނި އަދާކުރަން އަންނަ އަހަރު 250 މިލިއަން ޑޮލަރު (3.8 ބިލިއަން ރުފިޔާ) ހޭދަކުރާނެ އެވެ. އަދި 2026 ގައި ވެސް އެ ފަންޑުން އެވަރުގެ އަދަދެއް ދަރަނި އަދާކުރަން ބޭނުން ކުރާނެ އެވެ.
ޝަފީގު ވިދާޅުވީ، އެސްޑީއެފް ފަންޑު ބޮޑު ކުރާ އިރު، ސަރުކާރަށް ބޭނުންވާ ފައިނޭންސް ހޯދާނީ "ފޭވަރަބަލް ޓާމްސް"ގައި ކަމަށެވެ. އަދި ބޮޑު އިންޓްރެސްޓް ރޭޓުތަކުގައި ލޯނު ނުހޯދާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރުން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ސަރުކާރުގެ ހަރަދު ކުޑަ ކުރުމަށެވެ. އެގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ކުރާ ހަރަދު ކުޑަ ކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަން މިނިސްޓަރު ހާމަކުރެއްވި އެވެ.
"އެސްއޯއީ ރިފޯމު ޕްރޮގްރާމަކީ މުހިއްމު ޕްރޮގްރާމެއް ކަމުގައި ދެކެން. ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މިކުރާ ހޭދަ، ކުންފުނިތައް މިއަށްވުރެ އެފިޝަންޓް ވާން ޖެހޭ. ހަރަދު ކުޑަކުރެވެން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
އެސްއޯއީތަކުގެ ހަރަދު ކުޑަ ކުރުމަށްޓަކައި 25 އަށް ވުރެ ގިނަ ކުންފުނިތަކުގެ ފައިނޭންޝަލް ސްޓޭޓްމެންޓް ގަވާއިދުން ބަލައި، ރިވިއު ކުރަމުން އަންނަ ކަމަށާއި އެ ކުންފުނިތަކަށް ސަބްސިޑީ ދޭ އަދަދު ކުޑަ ކުރަން މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.