30 މެއި 2024 - 18:26

ސިނަމާލެ ބްރިޖު ކައިރިން މަރުވެފައި އޮތް މީހާ ދެނެގަނެވިއްޖެ ކަމަށް ފުލުހުން ބުނެފި އެވެ.
ކަނޑުމަތިން މީހަކު އޮޔާ ދާ ކަމަށް ޕޮލިހުންނަށް ރިޕޯޓު ކުރީ މިދިޔަ ހޮނިހިރު ދުވަހު މެންދުރު އެވެ.
ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ މަރުވެފައި އޮއްވާ ފެނުނީ ނޭޕާލްގެ 25 އަހަރުގެ އަންހެނެއް ކަމަށެވެ. އެ އަންހެން މީހާގެ އާއިލާއަށް ވެސް މިހާރު އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ މަރުވި ސަބަބު މިހާތަނަށް ދެނެގަނެވިފައި ނުވާ ނަމަވެސް ހަށިގަނޑު އާއިލާއާ ހަވާލުކުރާނީތޯ ނުވަތަ މަރުވި ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހަދާނީތޯ އަދި ޕޮލިހުން ނުނިންމާ ކަމަށް ޝިފާން ވިދާޅުވި އެވެ.
އޭނާގެ ހަށިގަނޑު ފެނުނީ އެ ސަރަހައްދުން ދުއްވާފައި ދިޔަ ލޯންޗަކަށެވެ. އޭނާ މަރުވެގެން މައްޗަށް އަރާފައި އޮތުމުން ޑިންގީ އަކަށް ނަގައިގެން، ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައީ އެވެ.
އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.
މި ފަހުން ރިސޯޓެއްގައި ވެސް މޫދަށް ވެއްޓުނު މީހަކު ސަލާމަތް ކުރަން ފޭބި ދިވެއްސަކު ވެސް ވަނީ ގެނބިގެން މަރުވެފަ އެވެ.