30 މެއި 2024 - 11:44

އިމިގްރޭޝަނުން ފުރަތަމަ ފަހަރަށް ހަމައެކަނި އަންހެން އޮފިސަރުން ހިމެނޭ ރެއިޑް އޮޕަރޭޝަނެއް ހިންގައިފި އެވެ.
އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ގަވައިދާ ހިލާފަށް އުޅޭ އަންހެން ބިދޭސީން ބަލައި ފާސްކުރުމަށް، މި މަހުގެ 25 ވަނަ ދުވަހު ހުޅުމާލޭގައި ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.
މި އޮޕަރޭޝަންގެ ގޮތުން ރެއިޑުގައި ބައިވެރިވެފައިވަނީ ހަމައެކަނި އަންހެން އޮފިސަރުން ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
"މިއީ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން، މުހައްމަދު ޝަމްއާން ވަހީދުގެ އިރުޝާދާ އެއްގޮތަށް، އިމިގްރޭޝަންގެ ދިގު ތާރީހުގައި ވެސް ހަމައެކަނި އަންހެން އޮފިސަރުން ހިމަނައިގެން ކުރިއަށް ގެންދެވުނު ފުރަތަމަ ރެއިޑް އޮޕަރޭޝަނެވެ." އިމިގްރޭޝަނުން ބުންޏެވެ.
މި އޮޕަރޭޝަންގައި މާލޭގެ އަށް ތަނަކާއި، ހުޅުމާލޭގެ ހަ ތަނެއް ބެލުމަށްފަހު، އިމިގްރޭޝަންގެ ގާނޫނާއި ހިލާފަށް ރާއްޖޭގައި މަސައްކަތްކުރަމުންދާ 15 އަންހެން ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ބަޔާން ނަގާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެ އެވެ.
އިމިގްރޭޝަނުން ބުނީ، ބަޔާން ނަގާފައިވާ ގިނަ ބިދޭސީންގެ ތެރޭގައި ހިމެނެނީ ސައްހަ ވިސާއެއް ނެތް ބިދޭސީންނާއި މަސައްކަތް ކުރުމަށް ހުއްދަ ހޯދާފައިވާ ތަން ނޫން އެހެން ތަނެއްގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީންނެވެ.
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ހޯމް މިނިސްޓްރީން އުފައްދާފައިވާ ކޮމިޓީން މިހާތަނަށް 33 އޮޕަރޭޝަނެއް ހިންގާފައިވާ އިމިގްރޭޝަނުން ބުންޏެވެ. މި އޮޕަރޭޝަންގެ ތެރެއިން 1،700 އަށްވުރެ ގިނަ ބިދޭސީން ވަނީ ފުރުވާލައިފަ އެވެ.