30 މެއި 2024 - 11:29

އެސްޓީއޯގެ ބޭސްފިހާރަތަކުގައި ބޭނުންކުރާ ސޮފްޓްވެއާ އަށް ބަދަލުތަކެއް ގެންނަން ޖެހޭތީ އެ ތަންތަނުގެ ހިދުމަތް މާދަމާ މެދުކެނޑޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެސްޓީއޯ އިން ބުނީ، ފާމަސީތަކުން މާދަމާ ބޭސް ވިއްކުން ހުއްޓާލި ނަމަވެސް، އިމަޖެންސީ ހާލަތްތަކުގައި ބޭސް ލިބޭނެ ގޮތްތައް ހަމަޖައްސާނެ ކަމަށެވެ.
އެސްޓީއޯ އިން ބުނީ، ބޭސްފިހާރަތަކުގެ ސޮފްޓުވެއާ އަޕްގްރޭޑް ކުރަނީ އެ ހިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި ކަމަށެވެ.
އެސްޓީއޯއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ބޭސް ވިއްކަމުން އަންނަ ކުންފުންޏެވެ. އެ ކުންފުނިން މި ވަގުތު 190 ފާމަސީ ރައްޖޭގެ އެކި ރަށްރަށުގައި ހިންގަ އެވެ.
އެސްޓީއޯ އިން އެންމެ ފުރަތަމަ ބޭހުގެ ބާވަތްތައް ވިއްކަން ފެށީ 1983 ވަނަ އަހަރު އެވެ. ބޭހުގެ ބާވަތްތަކުގެ ތެރެއިން ސިއްހީ އެކި ކަންކަމަށް ބޭނުންވާ އާލަތްތަކާއި އިކުއިޕްމެންޓްތައް ވެސް އެ ކުންފުނިން ރާއްޖެއަށް އެތެރެކޮށް ވިއްކަ އެވެ.