ލެވަކޫސަން ބަލިކޮށް އެތުލެޓިކޯ ކުއާޓާއާ ގާތަށް
ލެވަކޫސަން ބަލިކޮށް އެތުލެޓިކޯ ކުއާޓާއާ ގާތަށް

މިއުނިކް (ފެބްރުއަރީ 22) - ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ރޭ ރަށުން ބޭރު ބަޔާ ލެވަކޫސަން އަތުން 4-2 އިން މޮޅުވެ އެތުލެޓިކޯ މެޑްރިޑް މުބާރާތުގެ ކުއާޓާ ފައިނަލާ ގާތަށް ޖެހިލައިފި އެވެ.

ސީޒަނުގެ ކުރީކޮޅުގައި އެތުލެޓިކޯގެ ފޯމު ދަށްވި ނަމަވެސް އެ ޓީމު އަންނަނީ ފަހަކަށް އައިސް ކުޅުނު މެޗުތަކުގައި ކުރީގެ މޮޅު ކުޅުން ދައްކަމުންނެވެ.

ރޭގެ މެޗުގެ 17 ވަނަ މިނިޓްގައި އެތުލެޓިކޯ އަށް ލީޑުނަގައިދިނީ ސައުލް ނިގޭޒް އެވެ. މިއީ ޑިއޭގޯ ސިމިއޯނީ އެތުލެޓިކޯ ކޯޗުކަމާ ހަވާލުވި ފަހުން އެ ޓީމު ޗެމްޕިއަންސް ލީގުގައި ޖެހި 100 ވަނަ ލަނޑެވެ. ނިގޭޒް ލަނޑު ޖެހިތާ ހަތް މިނިޓް ފަހުން އެ ޓީމުގެ ލީޑުފުޅާކޮށްދިނީ އެންޓޮއިން ގްރީޒްމަން އެވެ.

ދެ ވަނަ ހާފް ފަށައިގެން ތިން މިނިޓް ތެރޭ ލެވަކޫސަންގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ ކަރިމް ބެލަރާބީ އެެވެ. އެ ލަނޑާ އެކު ލެވަކޫސަނުން މެޗުގެ ތެރެއަށް އެނބުރި އައި ނަމަވެސް މެޗުގެ 58 ވަނަ މިނިޓްގައި ކެވިން ގަމޭރޯގެ ޕެނަލްޓީން އެތުލެޓިކޯ ވަނީ ދެ ލަނޑުގެ ލީޑު އަލުން ނަގަައިފަ އެވެ.

ލެވަކޫސަން އިން ޖެހި ދެ ވަނަ ލަނޑަކީ މެޗުގެ 67 ވަނަ މިނިޓްގައި އެތުލެޓިކޯގެ ސްޓެފަން ސަވިޗް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އެތުލެޓިކޯގެ ފަހު ލަނޑު މެޗު ނިމެން ހަތަރު މިނިޓަށް ވެފައިވަނިކޮށް ކާމިޔާބުކުރީ ފަހަކަށް އައިސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ތަޖުރިބާކާރު ފޯވާޑް ފެނާންޑޯ ޓޮރޭޒް އެވެ.

އެތުލެޓިކޯ އަކީ ފާއިތުވި އަހަރުތަކުގައި ޗެމްޕިއަންސް ލީގުގައި އެންމެ ރަނގަޅު ނަތީޖާތަކެއް ނެރެފައިވާ އެއް ޓީމެވެ. ފާއިތުވި އަހަރާއި 2014 މުބާރާތުގެ ފައިނަލުގައި ކުޅުނެވެ.

ރޭގެ މެޗުން މޮޅުވުމުން އަންނަ މަހު 15 ގައި އަމިއްލަ ދަނޑުގައި ލެވަކޫސަންއާ ދެކޮޅަށް ކުޅޭ މެޗު އެއްވަރުކޮށްލައިގެން ވެސް އެތުލެޓިކޯ އަށް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ލިބޭނެ އެވެ.