މަސްވެރިކަމުގެ ތަޖުރިބާކާރު ހާފިޒް އަވަހާރަވެއްޖެ
މަސްވެރިކަމުގެ ތަޖުރިބާކާރު ހާފިޒް އަވަހާރަވެއްޖެ

ސަރުކާރަށް ވަރަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ، އަދި ކުޅިވަރާއި ތައުލީމަށާއި މަސްވެރި ކަމަށް ވެސް ވަރަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ އަހުމަދު ހާފިޒް މިއަދު އަވަހާރަވެއްޖެ އެވެ.

މ. ޒިޔާރަތްދޮށޫގޭ ހާފިޒް، 62، އަހަރުގައި އަވަހާރަވީ، އާއިލާ އިން ބުނި ގޮތުގައި ކެންސަރު ބަލީގައި 9 ވަރަކަށް ހޭދަކުރެއްވުމަށް ފަހު އައިޖީއެމްއެޗުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ހާފިޒަކީ ސަރުކާރުގައި މަސްވެރިކަމުގެ ޕޮލިސީތައް ރޭއްވެވުމުގަ އާއި މަސްވެރިކަމުގެ ރޮނގުން އާންމުން ހޭލުންތެރި ކުރުވުމަށް ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އޭނާ އަކީ، ފިޝަރީޒް މިނިސްޓްރީން ވަރަށް ގިނަ އަހަރުތަކެއް ވަންދެން ނެރުނު މަޝްހޫރު "ރަސްއައިން"ގެ އެޑިޓަރުކަން ވަރަށް ގިނަ ދުވަހު ކުރެއްވި ބޭފުޅެކެވެ. އަދި އެ މިނިސްޓްރީގެ އިސް މަގާމްތަކެއް އަދާކުރެއްވުމުގެ އިތުރުން އޭނާ ވަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަން ވެސް ކުރައްވައިފަ އެވެ.

ރާއްޖޭގައި އަލަށް ފެންނަ މަސްމަހަށް ނަން ދިނުމާއި މެރިން ރިސާޗްގައި ވެސް ހާފިޒަކީ ވަރަށް ތަޖުރިބާކާރު ބޭފުޅެކެވެ. ރާއްޖޭގެ ކަނޑުތަކުގައި އުޅޭ މަސްމަހާ ބެހޭ މައުލޫމާތު ދެނެވަޑައިގަންނަވާ ވަރަށް މަދު ބޭފުޅުންގެ ތެރޭގައި އޭނާ ހިމެނިވަޑައިގަންނަވަ އެވެ. ސައިންޓިސްޓުން އޭނާގެ ނަމާ ގުޅުވައިގެން މަހަކަށް "ހާފިޒް"ގެ ނަން ދިން ހަމައެކަނި ބޭފުޅަކީ ވެސް ހާފިޒެވެ. އެ މަސް ހޯއްދެވި ބޭފުޅަކީ ހާފިޒެވެ.

"ރިޓަޔާ ކުރެއްވުމަށް ފަހު ވެސް މަސްވެރިކަމުގެ ތެރޭގައި، ކޮންސަލްޓަންސީ ދެއްވުމުގައި ހޭދަކުރެއްވި،" އާއިލާގެ ބޭފުޅަކު ވިދާޅުވި އެވެ.

ހާފިޒަކީ، މަސްވެރިކަމާއި ކަނޑުގެ އިލްމު އަމިއްލަ އަށް ދަސްކުރައްވައިގެން ފަންނީ ލަފާ ދެއްވާ ބޭފުޅެކެވެ. އޭނާ ވަރުގެ، ރާއްޖޭގެ މަސްވެރިކަމާއި ކަނޑުތަކުގެ ދިރުމާ ބެހޭ ތަޖުރިބާހުރި ބޭފުޅަކު ވަރަށް މަދުވާނެ އެވެ.

ހާފިޒް ވަނީ އަހުމަދިއްޔާ ސްކޫލަށް ގާތްގަނޑަކަށް ވިއްސަކަށް އަހަރު ހިދުމަތް ކުރައްވައިފަ އެވެ. އެ ސްކޫލުގެ ސީނިއާ އެސިސްޓެންޓް ޕްރިންސިޕަލް ކަން ވެސް އޭނާ ކުރެއްވި އެވެ. އެ ސްކޫލުގައި އޭނާ ފުރަތަމަ އަދާކުރައްވަން ފެއްޓެވީ ސްޕޯޓްސް ސުޕަވައިޒަރު ކަމެވެ.

އޭގެ އިތުރުން ހާފިޒް އަކީ ބާސްކެޓް ބޯލް އެސޯސިއޭޝަންގައި ވަރަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ އެ އެސޯސިއޭޝަންގެ ރައީސް ކަން ވެސް ކުރައްވައިފަ އެވެ. އަދި، ދިރާގުގެ ބޯޑު މެމްބަރުކަން ވެސް އޭނާ ކުރެއްވި އެވެ.

ކުލަބް ވެލެންސިޔާ ހިންގެވުމުގައި ވެސް ހާފިޒް އެންމެ އިސްކޮށް އުޅުއްވި އެވެ. އަދި އޭނާ އަކީ ރާއްޖޭގެ ފުޓުބޯޅަ އަށް ވެސް ވަރަށް ގިނަ ހިދުމަތް ކުރެއްވި ބޭފުޅެކެވެ.

ހާފިޒްގެ ދެ ބޭފުޅުން ދުނިޔޭގައި ތިއްބަވަ އެވެ. މަސްވެރިކަމުގެ ދާއިރާ އިން އޭނާ އަށް ވަނީ ހިތްވަރު ދިނުމުގެ އިނާމް ވެސް ލިބިވަޑައިގެންފަ އެވެ.