29 މެއި 2024 - 07:52

އާދިއްތަ ދުވަހާ ގުޅޭ
ދަންވަރުގެ ހަމަހިމޭން ވަގުތު ގޭތެރެއަށް އެރީ ނަގޫރޯޅިއެކެވެ. ނިދާފައި އޮތް ނަސީމަށް ވެސް ހޭލެވިގެން ކޮޓަރިން ނުކުތެވެ.
"ކިހިނެއްވެގެން މި އުޅެނީ؟" ނަސީމު ހައިރާންވެފައި އެހިއެވެ.
"ދުނިޔެ ރަންވީ! އެއީ ވެގެން މި އުޅޭ ގޮތަކީ،" ފާއިޒާ ބުންޏެވެ. "އެހެން ނޫން ނަމަ އަހަރެންގެ ދަރިޔަކަށް ނުކެރޭނެ އެހެން ހަޅޭއްލަވާކަށް."
ރާއިދު އިސްޖަހައިލިއެވެ. ކުރެވުނީ ރަނގަޅު ކަމެއް ނޫންކަން އެނގިގެން ބަލާ ކަހަލަ ގޮތަކަށް ނަސީމަށް ބަލައިލިއެވެ. އެކަމަކު، ކުށްވެރިކުރަންވީ ކާކުކަމެއް ރާއިދަކަށް ނޭނގެއެވެ. މަންމަޔާ ދިމާއަށް ހަޅޭއްލައްވަން ރާއިދު ފޮނުވީ ނަޖްވާންއެވެ. ނަޖްވާން އެހެން ކަންތައް ކުރަންޖެހުނީ މަންމައަށް ގޮވުމުން މަންމަ ނައިސް އެހެން މީހަކު ފޮނުވީމައެވެ.
"އަހަރެން މަންމަ ކައިރީގައެއްނު އަންނާށޭ ބުނީ." ރާއިދު މަޑުމަޑުން ބުންޏެވެ.
"އަހަރެން އައުމެކޭ އެހެން މީހަކު އައުމެކޭ ތަފާތެއް ކޮބައިތަ؟" ކުރިން ވާހަކަދެއްކި އަޑުން ފާއިޒާ ބުންޏެވެ. "ހޮޑުލަންޏާ ލޮނުޕެކެޓެއްނު ބޯނީ. އެ ހުންނާނެ މި ގޭގަ. ނެތިއްޔާ ހަދާނީ. ނެހެދެންޏާ ގެންނާނީ! ޔަހްނާ ގަނެގެން ގެނެސްދޭނޭ! އެ ނިމުނީކީ ނޫންތަ؟ އަަހަރެން ގޮސް ނަޖޫ އުނގަށްލައިގެން ނާނާކިޔަން ޖެހޭތަ؟ އެ ވަރު މީހެއްތަ އެއީ؟ ދަރިފުޅަށް އެނގޭނެ މަންމަ މި ބުނަނީ ކީކޭކަން؟ އެކަމަކު އޭނަ ފޮނުވީމަ ދަރިފުޅު ވެސް އައިސް މަންމަޔާ ދިމާއަކަށްނު ތި ހަޅޭއްލަވައިގަތީ!"
"ހޮޑުލަނިއްޔޭ؟ ކީއްވެ ހޮޑުލަނީ؟ ހޮސްޕިޓަލަށް ގެންދަންވީނު؟ ކޮބައިތަ އޭނަ؟" ހިނގައިގަންނަމުން ނަސީމު ބުންޏެވެ.
"ނަސީމު!" ފާއިޒާގެ އޯޑަރުއައެވެ.
ނަސީމު ހުރި ފިޔަވަޅުމައްޗަށް ގާވިއެވެ. ކުޑަކުއްޖެއްހެން، މަޑުމަޑުން ހިނގާފައި ގޮސް ކޮޓަރިއަށް ވަނެވެ.
"މީހަކަށް ކުށެއްކުރެވިދާނެ މަންމާ!" ރާއިދު އެހެން ބުނީ ކިރިޔާ ފާއިޒާއަށް އިވޭ ވަރަށެވެ. "ނަޖޫއަކީ ވެސް އިންސާނެކޭ!"
"އެހެންވިއްޔާ އިންސާނެއްހެން އުޅެން އޭނައަށް ދަސްކޮށްދީބަލަ!" އެ ފަހަރު ފާއިޒާ ބުނީ ތަންކޮޅެއް މަޑުންނެވެ. "އިންސާނުންނަކީ އެހެން އިންސާނުންނާ ގުޅިގެން އުޅޭ ބައެއް. ހޮހަޅަ ތެރޭގައި ފިލާ ތިބޭ އެއްޗެއްސަށް ކިޔަނީ ޖަނަވާރު."
އެ ހިސާބުން ރާއިދުގެ އަނގައިގައި ހީވީ މީހަކު އަތްއެޅިހެންނެވެ. ބުނާނެ އެއްޗެއް ވެސް ރާއިދަކަށް ނޭނގުނެވެ. ނަޖްވާނަކީ ޖަނަވާރެކޭ، ފަހަރެއްގައި ވެސް ފާއިޒާއެއް ނުބުނެއެވެ. އެކަމަކު މަންމަ އެ ލަފުޒު ބޭނުންކުރުމުން ނަޖްވާން ދެކެ މަންމަ ރުޅިއައިސްފައިވާ ވަރު ރާއިދަށް އިހުސާސްކުރެވުނެވެ. ޖެހުނު ކުޑަކުޑަ ކުންޏެއްގައި އޭތިމީތި ތަތްވެ، ކުރު މުއްދަތެއްގެ ތެރޭގައި އޭގެ ސައިޒު ފަރުބަދައަކަށް ވުރެ ބޮޑުވެއްޖެއެވެ. އެ ކަމާ ވިސްނަމުން ރާއިދު ކޮޓަރިއަށް ވަދެފައި، ސައިކަލުގެ ތަޅުދަނޑިއާއި ފައިސާ ދަބަސް ހިފައިގެން ނުކުތެވެ. ނަޖްވާން ގޮވިހެން ހީވިއެވެ. ރާއިދު އެ ކަމަކަށް ސަމާލުކަމެއް ނުދެއެވެ. ނިދަން ލައިގެންހުރި ސޯޓާއި ޓީޝާޓު ބަދަލުކުރާކަށް ވެސް ހަނދާނެއް ނެތެވެ. ރާއިދުގެ ސިކުނޑީގައި އެނބުރުނީ އެންމެ ފިކުރެކެވެ. ނަޖްވާން ޖެހޭނީ ނަޖްވާންގެ އުޅުމަށް ބަދަލުގެންނާށެވެ. އެ ނޫން ގޮތެއް ނެތެވެ. ނަޖްވާނާއި މަންމައަށް އެއްފުރާޅެއް ދަށުގައި އުޅެވޭނީ މަންމަގެ ރުޅިމަޑުވެގެންނެވެ. އެ ކަން ހައްލުކުރެވޭނީ ނަޖްވާނަށެވެ.
ލޮނުޕަކެޓު ގަނެގެން ގެއަށް އައިސް، ފެންފުޅިއަށް އެ އަޅައިގެން ފުޅި ހިފައިގެން ވަދެ ނަޖްވާނަށް ފުޅި ދިއްކޮށްލިއެވެ.
"ކީއްކުރަން ރާއިދު ދިޔައީ؟" ރުޅިއައިސްފައި ނަޖްވާން ބުންޏެވެ. "އަހަރެން ބުނީމެއްނު.."
"ބޯނަންތަ ނުބޯނަންތަ؟" ރާއިދު ރުޅިއައިސްފައި ބުންޏެވެ.
"އަނެއްކާ އަނެއް ކަންތައް،" ފުޅީގައި ހިފަން އެއްވެސް ހަރަކާތެއް ނުކޮށް ނަޖްވާން ބުންޏެވެ. "ރާއިދު ވެސް އަހަރެން ދެކެތަ ރުޅިއަންނަންވީ؟ އަހަރެން ކީއްކުރީ؟"
"ބޯނަންހޭ ނުބޯނަންހޭ؟" ރާއިދު އެހިއެވެ. "ފަހު ފަހަރަށް މި އެހީ."
ނަޖްވާން ފުޅީގައި ހިފިއެވެ. ހިތްހަމަޖެހިގެނެއް ނޫނެއެވެ. އެ ވަގުތު އެހެން ގޮތެއް ނެތީއެވެ. ރާއިދު އެނދުގައި އޮށޯވެ، ނަޖްވާނަށް މޫނު ނުފެންނާނެހެން އަނެއް ފަރާތަށް އެނބުރުނެވެ.
"އިންސާނެއް އުޅޭހެން ނަޖޫ ވެސް ދެން އުޅެންޖެހޭނީ!" ރާއިދު ބުންޏެވެ. "އެހެން ނޫނީ ވާނީ ޖަނަވާރަކަށް."
"ޖަނަވާރެކޭ؟" ދިފްލާ އެހިއެވެ. "އަހަރެން ހިޔެއްނުކުރަން ރާއިދު މަންމަ އެހެން ބުނާނެކަމަކަށް."
ހެނދުނުގެ ވަގުތެވެ. ރާއިދު އޮފީހަށް ގޮސް އެންމެ ފުރަތަމަ ވެސް އެ ވާހަކަ ބުނީ ދިފްލާ ގާތުގައެވެ. އެއީ ކީއްވެގެންކަމެއް ރާއިދަކަށް ވެސް ނޭނގެއެވެ. ކޮންމެ ކަމެއް ވެސް އެންމެ ފުރަތަމަ ހިއްސާކުރަން ރާއިދު ބޭނުންވަނީ ދިފްލާއާއެވެ.
"ހީނުކުރާ ކިތެއް ކަންތައް ވަނީ؟" އޮފީހުގެ ކުޑަދޮރުން ބޭރުބަލަންހުރި ރާއިދު ބުންޏެވެ. "ހިޔެއްނުކުރަން ވައިފެެއްގެ ޒިންމާތައް ނަގަން ނަޖޫއަށް ނޭނގޭނެކަމަކަށް ވެސް. އަހަރެން މިހާރު ފެޑަޕްވެއްޖެ! މަންމަ އެ ބުނީ ހަމަ ތެދެއް."
"އަހަރެން ހިޔެއްނުކުރަން ރާއިދު ތިހާ ޗޭންޖުވާނެކަމަކަށް،" ފަހަން އިށީނދެ، ކޮނޑުން ފޯނު ހިފާއްޓައިގެންއިން ދިފްލާ ބުންޏެވެ. "ކުރިން ކިއުޓްވި ހުރިހާ ކަމެއް މިހާރު އަނެއް ކޮޅަށް. ނީނދެ އިހަށް އޭނަ ޗޭންޖުކުރަން މަސައްކަތްކުރި ނަމަ. އަނެއްކޮޅުން ރާއިދުގެ މަންމަ ވެސް ނުލާހިކު ގިނައިން އެ ގެއަށް ދޭ! މަންމައަށް ވެސް ހުރިހާ ތަނެއް ފެންނާނެ. ދެ މަންމަ ނުލާހިކު ރައްޓެހި. މި ހިސާބުގަނޑުގެ ހުރިހާ އަންހެންކުދިންގެ ގޮތް، ހުރިހާ ފިރިހެންކުދިންގެ މަންމަތަކަށް އެނގޭނެ. ނޭނގޭ އެކަކު ވެސް ނޫޅޭނެ. ތި ދެ މީހުންނަކީ ވެސް ހަމަ މި ހިސާބުގަނޑުގެ މީހުން. ދެން ތީގަ މިހާރު ހެޑޭކަކަށް ވެގެން، ފެޑަޕްވެގެން، ހަދާނެ ގޮތެއް ނޭނގިގެން އުޅޭނެކަމެއް ނެތެއްނު! ދެން ކީއްވެގެންތަ ހޮޑުލީ؟ ޕްރެގްވީތަ؟"
"ޑޮކް ބުނީ ކޭއެއްޗަކުން ވީ ގޮތެކޭ. މިހާރު އޯކޭވެއްޖެ. އެކަމަކު މަންމަ ދެނެއް އޯކޭއެއް ނުވާނެ،" ވަރަށް ޔަގީންކަމާ އެކުގައި ރާއިދު ބުންޏެވެ. "ނަޖޫގެ ޕޮޒިޓިވް އެންމެ ކަމެއް ވެސް ނެތޭ! އަހަރެން އޮފީހަށް ދާ އިރު، އެންމެ ފަހަރަކު ވެސް ނަޖޫ ހެޔެއްނުލާ! އެއްޗެއް އިސްތިރިކުރާކަށް ނޭނގޭ! ބިސްގަނޑެއްއަޅާލަން ވެސް ނޭނގޭ! އަހަރެން މި ޖެހެނީ މަންމަ ލައްވާ ބްރޭކްފާސްޓް ވެސް ރެޑީކުރަން. ޔަހްނާއަށް ނޫނީ ނަދީމާއަށް ގޮވަންޖެހެނީ. ދެން އެ ވެސް އޯކޭ. އެކަމަކު ނަޖޫގެ ހެދުންތައް މަންމައަށް ދޮންނަންޖެހުނީމަ ތަންކޮޅެއް ހަޑި ދޯ؟ މި ބުނީ މަންމަ ދޮންނަ ވާހަކައެއް ނޫން. މަންމައޭ އެ ކަން ވެސް ބަލަހައްޓަން ޖެހެނީ. ކޮޓަރި ކުނިކަހަނީ އަހަރެން. މެންދުރު ބާރަޖަހާ އިރު ނަޖޫ ކޮޓަރިން ނުކުތަސް ނުކުންނާނީ. ދެން އެ ވީ ސީރީޒްބަލަން. އެހެން އިނދެގެން ދެން ކާނީ ޗޮކްލެޓު. މިހާރު ނޭފަތް ނުތޮރުފިގެން އުޅެނީ. ވިސްނާލަބަލަ މަންމައަށް އެ ކަން އެނގިއްޖެއްޔާ ވާނެ ގޮތް. ކިހާ ރީތިކޮށް އަހަރެން ގެންގުޅުނު ކޮޓަރިއެއް އެއީ؟ މުޅި ކޮޓަރި ގޮނޑަކަށް ހަދައިފި. ދިފްލާ އައިސްބަލަ މިހާރު ރޫމް އޮތް ގޮތް ބަލައިލަން. ދެރަވާނެ."
އެ ކަން ކުރާކަށް ދިފްލާ ކުޑަކޮށް ވެސް ބޭނުމެއް ނޫނެވެ. ދިފްލާގެ ނަޒަރުގައި އެއީ ދިފްލާޔާ ބެހޭކަމެއް ވެސް ނޫނެވެ.
"އެކަމަކު ނަޖޫގެ ނޭފަތް ތޮރުފަން ރާއިދު މަންމަގެ ހުއްދަ ހޯދާކަށް ނުޖެހޭނެ،" ދިފްލާ ބުންޏެވެ. "މެރީކުރީމަ ހަޒްބަންޑް ކައިރީގަ އަހާލުން އޯކޭ. އެކަމަކު މައިދައިތައަކާ ނުބެހެވޭނެ. ނޫންތަ؟"
"ކޮން އިރަކު ނަޖޫގެ ތިހާ ބޮޑު ފޭނަކަށްވީ؟" ސަމާސާ ގޮތަކަށް ރާއިދު އެހިއެވެ. "ތިހެންވިއްޔާ ހަމަ ކޮންމެހެން ވެސް އެބަ ޖެހޭ މި ރޫމް ބަލައިލަން އަންނަން."
ދިފްލާ އިންކާރުކުރިއެވެ. އެކަމަކު ރާއިދު ކުރުނުކޮށްގެން، އެންމެ ފަހުން އެ ގެއަށް ދިޔައެވެ. ނަޖްވާން އޭރު ވީ ނަޖްވާން މަންމަގެ ގެއަށް ގޮހެވެ. ކޮޓަރި އޮތް ގޮތް ފެނިފައި، ހަގީގަތުގައި ދިފްލާ ދެރަވިއެވެ. އެނދުގެ ފޮތިގަނޑު އޮތީ ރޫގުޅައަކަށްވެފައެވެ. ދޮވެފައިވާ އަންނައުނު ފުންޏެއް އެނދުމަތީގައި ހުއްޓެވެ. ފޮތްހަރުގަނޑު ނޫން ހުރިހައި ތާކު ފޮތް ހުއްޓެވެ. ކޮޓަރިން ދުވަނީ ދާއަންނައުނު ވަހެވެ. އެ ވަހުގެ ތެރެއިން މަޑުމަޑު މީރުވަހެއް ވެސް ހުއްޓެވެ. ހީވަނީ އެއީ، އެ ވަސް ކަނޑުވަން ކޮށްފައިވާ މަސައްކަތްހެންނެވެ.
"ދެން ޓޮއިލެޓް ބަލާލަބަލަ!" ފާހާނައިގެ ދޮރު ހުޅުވައިލަމުން ރާއިދު އެދުނެވެ. "ހެނދުނު އެ ތަން ސާފުކުރަން މީހަކު އައިމަ ނުވެސް ވެއްދި! އާދެބަލަ ބަލައިލަން."
ދިފްލާ ނުބެލިއެވެ. ހުރިހައި ތަނެއް އެހައި ރަނގަޅަށް ދިފްލާއަށް ދައްކަން ރާއިދު އުޅެނީ ކީއްވެގެންކަން ދިފްލާއަށް ވިސްނުނީއެވެ.
"އޭނަ ޑިވޯސްނުކުރައްޗޭ!" ދިފްލާ އެދުނެވެ.
ރާއިދު އެއްޗެއް ނުބުންޏެވެ. ތަޅުންގަނޑުގައި އިށީނދެފައި އެނދުގައި ލެނގިލިއެވެ. ވަކިވުމަކީ ހައްލެއް ނޫނެވެ. ރާއިދަށް ވެސް އެ ކަން އެނގެއެވެ. އެހެނަސް، ހުޅުވިފައިހުރީ އެ ދޮރު އެކަންޏެވެ. ދިފްލާ ވެސް އިށީނދެފައި އެނދުގައި ލެނގިލިއެވެ.
"ނިދާ އެނދަށް ވުރެ ތަޅުންގަނޑުގަ އިށީންނަން މިހާރު ވެސް މާ ހިތްހަމަޖެހޭ!" ރާއިދު ބުންޏެވެ. "ނަޖޫގެ ހެދުންތައް ނަދީމާ ލައްވާ މަންމަ އިސްތިރިކުރުވީމަ އަޅެ ނަޖޫ ލަދެއްނުގަތޭ އެ ހެދުންތައް ލާކަށް. އަހަރެން ލަދުގަތީ! އެ މަންޒަރު ބަލަން ވެސް އަހަންނަށް ކެތްނުވެގެން މި އުޅެނީ. މިއަދު ހެނދުނު ވެސް ވަރަށް ނަސޭހަތްދީފިން. ތިހެން ނޫޅޭށޭ ބުނެފިން. ގަބޫލެއް ނުކުރި. އަހަންނަށް ފެންނަނީ ދިފްލާ އުޅޭ ގޮތް. ކިހާ ނައިސް؟"
"އަނެއްކާ ވެސް އަހަރެންގެ ވާހަކަ،" ހީނގެންފައި ދިފްލާ ބުންޏެވެ. "އަހަރެން ތި ދޭތެރެއަށް ނުވައްދަބަލަ!"
"ތި ގޭތެރެއަށް ނުވައްދާށޭ؟" ހައިރާންވެފައި ނަޖްވާން އެހިއެވެ. "އެއީ ކީއްވެ؟"
ކަންނެތް ގޮތަކަށް ސޯފާގައި އޮށޯވެގެން އޮތް ނަޖްވާން، ކައިރީގައި ހުރި ތެއްލި ބަނބުކެޔޮ ދަޅުން ފޮއްޗެއް ނަގައިފައި ނިކަން ބާރަށް ހަފައިލިއެވެ. ދަޅު ހިފައިގެން ކައިރީގައި އިނީ ނަޖްވާންގެ މަންމަ ނާސިހާއެވެ.
"ދިފްލާ ތި ގޭތެރެއަށް ވައްދާތީއޭ މައްސަލަގަނޑު ބޮޑުވެގެން ތި އުޅެނީ،" ނާސިހާ ބުންޏެވެ. "އޭނަ އެ އުޅެނީ ރާއިދާ ނީނދެވިގެން. ދަރިފުޅު ތި އައީނު މި ގެއަށް؟ މިހާރު އޭނަ އޮންނާނީ ތި ގޭގަ. މަންމަ ބުނީތީ ވެސް ގުޅާބަލަ އޭނައަށް. އަޅެ ގުޅާބަލަ!"
"ދެން އެހެނެއް ނުވާނެއްނު މަންމާ!" ފޯނު ނަގަމުން ނަޖްވާން ބުންޏެވެ. "މި ގުޅަނީ."
ނުނިމޭ