މަޖިލީހުގެ ކުރީގެ ގަވާއިދަށް ވަގުތީ ގޮތުން އަމަލުކުރަން ފާސްކޮށްފި
މަޖިލީހުގެ ކުރީގެ ގަވާއިދަށް ވަގުތީ ގޮތުން އަމަލުކުރަން ފާސްކޮށްފި

މިއަދު ހުވާކުރި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހިންގާ ގަވާއިދެއް އެކުލަވައި ލެވެންދެން 19 ވަނަ މަޖިލީހުން އަމަލު ކުރަމުން އައި ގަވާއިދަށް އަމަލު ކުރަން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލިހަށް އިންތިހާބުކުރި 93 ބޭފުޅުން މެމްބަރުކަމުގެ ހުވާކުރެއްވުމަށް ފަހު މިއަދު ބޭއްވި ފުރަތަމަ ޖަލްސާގައި، 19 ވަނަ މަޖިލީހުގެ ހިންގާ ގަވާއިދަށް އަމަލުކުރަން ހުށަހެޅުއްވީ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ.

އޭނާ ހުށަހެޅުއްވީ އާ މަޖިލީހުގެ މަސައްކަތްތައް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިއުމަށްޓަކައި 19 ވަނަ މަޖިލީހުގެ ގަވައިދާ އެއްގޮތަށް އާ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށާއި 20 ވަނަ މަޖިލީހުގެ ގަވާއިދު އެކުލަވާލުމުގެ މަސްއޫލިއްޔަތު އާންމު ކޮމިޓީ އާ ހަވާލު ކުރުމަށެވެ.

އެ މަސައްކަތް އަންނަ މަހު 26 ގެ ނިޔަލަށް އާންމު ކޮމިޓީން ނިންމައި މަޖިލިހުގެ ތަޅުމަށް ގެނައުމަށް ވެސް ފަލާހުގެ ހުށަހެޅުއްވުމުގައި ވެ އެވެ.

އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާހަކަ ދައްކަވަމުން އެ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕް ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވަނީ އެ ހުށަހެޅުމަށް ތާއީދު ކުރައްވައިފަ އެވެ. ނަމަވެސް އާންމު ކޮމިޓީ އަށް އެ މަސައްކަތް ފޮނުވާއިރު ވީހާ ވެސް ގިނަ ސިޔާސީ ޕާޓީތައް ހިމެނޭ ގޮތަށް ކޮމިޓީ އެކުލަވައިލަން އެދިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފަލާހުގެ ހުށަހެޅުމަށް ވޯޓަށް ހުލުވާލުމުން ވޯޓުގައި ބައިވެރިވި 90 މެންބަރުންގެ އިއްތިފާގުން އެ ހުށަހެޅުން ފާސްވި އެވެ.