21 ފެބުރުއަރީ 2017 - 21:07

އިންސާނީ ހައްގުތަކާ ގުޅޭ ގޮތުން ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އެއް ސަމިޓުގައި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް "ހިތްވަރުގަދަ ލީޑަރު"ގެ އެވޯޑު މިއަދު ދީފި އެވެ.
އިންސާނީ ހައްގުތަކާ ބެހޭ އދ. ގެ ކައުންސިލްގެ ރަސްމީ ބައްދަލުވުންތަކުގެ ކުރިން ސުވިޒަލެންޑްގެ ޖެނީވާގައި ބާއްވާ މި ސަމިޓް އިންތިޒާމް ކުރީ ޔޫއެން ވޮޗު ކިޔާ ޖަމާއަތަކުންނެވެ.
މި ސަމިޓުގައި އެންމެ އިސް ބޭފުޅެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވީ ވެސް ނަޝީދެވެ. އިންސާނީ ހައްގުތަކާ ބެހޭ މައްސަލަތަކަށް ވާހަކަ ދައްކައި ހިޔާލު ބަދަލުކުރަން ބާއްވާ މި ސަމިޓް އިންތިޒާމް ކުރުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 20 ޖަމިއްޔާއެއް ވެސް ބައިވެރިވެ އެވެ.
އެ ޖަމިއްޔާތަކުން ނެރެފައިވާ ބަޔާނެއްގައި އެ ޖަމިއްޔާތަކުން ސިފަކުރި ގޮތުގައި، އެމަނިކުފާނަކީ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާ ދުނިޔޭގެ އެންމެ މަގުބޫލް ފަރާތުގެ އިތުރަށް، ސިޔާސީ ކުށްވެރިޔާ އެވެ.
ނަޝީދާ އެކު މި ސަމިޓުގައި ދުނިޔޭގެ މަޝްހޫރު ސިޔާސީ ކުށްވެރިންނާއި އެ މީހުންގެ ހައްގުގައި މަސައްކަތް ކުރައްވާ ބޭފުޅުން ވާހަކަ ދައްކަވާނެ އެވެ. އޭގެ ތެރޭގައި، ޓިބެޓަށް މިނިވަންކަން ހޯދައިދޭން މަސައްކަތް ކުރައްވާ އިސް ބޭފުޅެއް ކަމަށްވާ ނިޔާމާ ލާމޯ އާއި ރަޝިއާގެ ސަރުކާރާ ދެކޮޅަށް ނުކުމެވަޑައިގަތުމުން މަރައިލި އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ބޯރިސް ނެމްސޯވްގެ ދަރިކަނބަލުން ޒާނާ ނެމްސޯވް އާއި ތުރުކީގެ ސަރުކާރަށް އެންމެ ބޮޑަަށް ފާޑުކިޔާ އެއް ނޫސްވެރިޔާ ކަމަށްވާ ކާން ޑުންދަރުގެ އިތުރުން، ޖަލަށް ލާފައިވާ ރަޝިއާގެ އެކްޓިވިސްޓް އިލްޑާ ޑާޑިންގެ އަނބިކަނބަލުން އަނަސްޓާސިއާ ޒޮޓޯވާ ހިމެނިވަޑައިގަންނަވަ އެވެ.
މި އަހަރުގެ ސަމިޓުގައި ވާހަކަ ދައްކަން ހަމަޖައްސާފައިވާ މައުލޫއުތަކުގެ ތެރޭގައި އަންހެނުންނަށް ކުރާ އަނިޔާ އަދި ޖިންސީ ތަފާތު ކުރުމާއި ނޫސްވެރިން ޖަލަށް ލުމާއި ޖަލުގައި ކުރާ އަނިޔާގެ އިތުރަށް، އިންޓަނެޓުގެ މިނިވަންކަން ކަށަވަރު ކުރުމާއި އިންސާނީ ހައްގުތަަކަށް މަސައްކަތް ކުރާ ފަރާތްތަކަށް އަދަބު ދިނުން ހިމެނެ އެވެ.
މި ސަމިޓަށް ނަޝީދު ޖެނީވާ އަށް ވަޑައިގެންނެވިއިރު ސިޔާސީ ހިމާޔަތް ހޯއްދަވައިގެން އެމަނިކުފާނު ދިރިއުޅުއްވަމުން ގެންދަވަނީ އިނގިރޭސިވިލާތުގަ އެވެ. މިދިޔަ މަހު އެމަނިކުފާނު އެމެރިކާ އަށް ވަޑައިގެންނެވިއިރު މި މަހު ކުރީކޮޅު ސްރީ ލަންކާ އަށް ވަޑައިގެން އެ ގައުމުގައި ގާތްގަނޑަކަށް ދެ ހަފުތާ އަށް މަޑުކުރެއްވި އެވެ. އެމަނިކުފާނު ލަންކާ އިން ފުރާވަޑައިތީ މި ހަފުތާގަ އެވެ.