28 މެއި 2024 - 12:18

ހުޅަނގު މޫސުމުގެ ބާރުގަދަވެ މިހާރު ރާއްޖެއަށް ކުރަމުންދާ މޫސުމީީ ވިއްސާރާގައި ކުރިއަށް އޮތް ތިން ދުވަހު ވާރޭވެހި، ވައި ގަދަވެ އުދަ އަރާފާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން މިއަދު ބުނެފި އެވެ.
މެޓް އޮފީހުން ބުނި ގޮތުގައި ކުރިއަށް އޮތް ތން ދުވަހު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް އާންމުކޮށް ވައިބާރުވެ، ކަނޑުތައް ގަދަވެ ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރާ ކަމަށެވެ.
އާންމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލަށް ދެމެދުގައި އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް މެޓު އޮފީހުން ލަފާ ކުރެ އެވެ.
މެޓުން ބުނި ގޮތުގައި ދިޔަވަރު ބޮޑުވާ ވަގުތުގައި ބައެއް ރަށްތަކަށް އުދަ އެރުން ވެސް އެކަށީގެންވެ އެވެ.
ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައި ވާއިރު ގަދަޔަވާއެކު ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިިކަމުގެ ފިޔަވަޅު އެޅުވުމަށް މެޓުން ވަނީ އިލްތިމާސް ކޮށްފަ އެވެ.
މި އަހަރުގެ ހުޅަނގު މޫސުމުގައި ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އާދަޔާ ހިލާފަށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.
އަންނަ މަހާއި ޖުލައި މަހާއި އޯގަސްޓް މަސް އަދި ސެޕްޓެމްބަރު މަހުގެ ތެރޭގައި އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އާންމުކޮށް ވާރޭވެހޭ ވަރަށް ވުރެ އިތުރަށް ވާރޭވެހޭނެ ކަމަށް ވެސް މެޓުން ލަފާކޮށްފައިވެ އެވެ. އެކަމަކު، ރާއްޖޭގެ ދެކުނަށް އެ ދުވަސްވަރު ވާރޭވެހޭނީ އާންމުކޮށް ވާރޭވެހޭ ވަރަށް ވުރެ މަދުން ކަމަށް ވެސް ބުންޏެވެ.
އެ ދުވަސްވަރު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ފިނިހޫނުމިން އެންމެ މައްޗަށް ދާނެ ވަރާއި އެންމެ ދަށަށް ދާނެ ވަރު ވެސް އާންމުކޮށް ހުންނަ ވަރަށް ވުރެ މަތިވާނެ ކަމަށް ވެސް މެޓް އޮފީހުން ލަފާކުރެ އެވެ.