28 މެއި 2024 - 10:56

މަޖިލިހުގެ ޖަލްސާ 30 މިނިޓުގެ ބްރޭކަކަށް މެދުކަނޑާލައިފި.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، ގައުމަށް ފައިދާ ހުރި މަސައްކަތްތައް ކޮށްދިނުމުގައި މިހާރުގެ މަޖިލިސް ވަރުބަލި ކަމެއް ނެތި އޮންނާނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށް. މިހާރުގެ މަޖިލިހުގެ މެމްބަރުން ވަޑައިގަތީ ޖޯޝާއި ފޯރީގައި ހިދުމަތް ކުރެއްވުމުގެ އަޒުމުގައި ކަމަށް. ވިދާޅުވީ، ތަފާތު ވިސްނުންތަކާއި ތަފާތު ނަޒަރިއްޔާތަށް ޖާގަ އޮންނަން ވާނެ ކަމަށާއި އެކަމަކު ހިނގަން ވާނީ މަޖިލިހުގެ ގަދަރު ނުގެއްލޭ ގޮތަށް ކަމަށް.

އަބްދުއްރަހީމް ވިދާޅުވީ، މިހާރުގެ މަޖިލިސް ވާނީ މާލީ ފުދުންތެރިކަމާއި އުމްރާނީ އާ ހަރުފަތެއް ގިރާ ކުރުމާއި ގާނޫނުގެ ވެރިކަމާއި ޝަރުއީ ދާއިރާ މިނިވަން ކުރާނެ މަޖިލިހެއް ކަމަށް.

އަބްދުއްރަހީމްގެ ވާހަކަފުޅުގައި އެންމެ އިސްވެ ހާއްސަ ޝުކުރެއް ދެންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް. އޭގެ ފަހުން ދާއިރާގެ މެމްބަރުންނާއި މިހާރުގެ މެމްބަރުންނަށާއި 19 ވަނަ މަޖިލިހުގެ މެމްބަރުންނަށް ޝުކުރު އަދާކުރެއްވި.

މަޖިލިހުގެ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރުމަށް ފަހު، މަޖިލިހުގެ ރިޔާސަތާ ފުރަތަމަ ފަހަރަށް އަބްދުއްރަހީމް ހަވާލުވެވަޑައިގެންފި. ވިހި ވަނަ މަޖިލިހުގެ ރައީސްގެ ހައިސިއްޔަތުން އަބްދުއްރަހީމް މިހާރު ގެންދަވަނީ ޖަލްސާ ކުރިއަށް ގެންދަވަމުން.

މަޖިލިހުގެ ނައިބު ރައީސަކަށް ނާޒިމް ހޮވުމަށް 80 ވޯޓު. އެމްޑީޕީގެ އަހުމަދު ދީދީ އަށް 12 ވޯޓު. ބާތިލް ވޯޓެއް ނެތް. ޖުމުލަ 92 މެމްބަރުން ވޯޓު ދެއްވި.

މަޖިލިހުގެ ނައިބު ރައީސަކު ހޮވުމުގެ ވޯޓުގައި ވެސް ބައިވެރިވެވަޑައިގަތީ 92 މެމްބަރުން. ވޯޓު ނުދެއްވަނީ ރިޔާސަތުގައި އިންނެވި މީދޫ ދާއިރާގެ މެމްބަރު ސިޔާމް އެކަނި.

މަޖިލިހުގެ ނައިބު ރައީސަކު އިންތިހާބު ކުރުމުގެ ވޯޓު ނަގައި ނިމިއްޖެ. ދެން އޮތީ ވޯޓުތައް ގުނުން. ވޯޓު ގުނުމުގެ ކަންކަން ކުރިއަށް ގެންދަނީ ކުރިއެކޭ ވެސް އެއްގޮތަށް މަޖިލިހުން ފާސްކޮށްފައިވާ ފަސް މެމްބަރުންގެ ކޮމިޓީން.

މަޖިލިހުގެ ނައިބު ރައީސްގެ އިންތިހާބުގެ ވޯޓުލުން ފަށައިފި. ނައިބު ރައީސްކަމަށް ކުރިމަތިލެއްވީ ޕީއެންސީން ދިއްގަރު ދާއިރާގެ ނާޒިމާއި އެމްޑީޕީން މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ.

ރައްޔިތުންގެ މަޖިލިހުގެ ރައީސަކަށް އަބްދުއްރަހީމް އިންތިހާބުކުރީ 71 ވޯޓުން. ވޯޓުގައި ބައިވެރިވެވަޑައިގަތީ 92 މެމްބަރުން. މަޖިލިހުގެ ރައީސްކަމަށް އެމްޑީޕީން ހުށަހެޅި ނާޒިލަށް ލިބިވަޑައިގަތީ 14 ވޯޓު. މަޖިލިހުގައި ތިއްބަވަނީ އެމްޑީޕީގެ 12 މެމްބަރުން. އަބްދުއްރަހީމް ނިސްބަތްވާ ޕީއެންސީގެ މެމްބަރުންގެ އަދަދަކީ 76.

ވޯޓު ގުނައި ނިމިއްޖެ. އަބްދުއްރަހީމް 71 ވޯޓު، ނާޒިލަށް ލިބިވަޑައިގަތީ 14 ވޯޓު. ބާތިލް ވޯޓުގެ އަދަދު 7. ބާތިލް ވޯޓު ނުހިމަނައި ވޯޓުގެ އަދަދަކީ 85.
މަޖިލިހުގެ އަމީން އާންމު އިއުލާން ކުރެއްވި ގޮތުގައި މަޖިލިހުގެ ރައީސް އިންތިހާބުކުރާ ޖަލްސާގައި 93 މެމްބަރަކު އެބަތިއްބެވި. ވޯޓު ދެއްވީ 92 މެމްބަރުން. ވޯޓު ނުދެއްވަނީ ރިޔާސަތުގައި އިންނެވި މީދޫ ދާއިރާގެ މެމްބަރު ސިޔާމް. އޭނާ ވިދާޅުވީ، އެއްވެސް ކޮޅަކަށް ވޯޓު ދެއްވަން ބޭނުން ނުވާ ކަމަށް.
މަޖިލިހުގެ ރައީސްގެ އިންތިހާބުގެ ވޯޓު ގުނުމުގެ މަސައްކަތް ފަސް މެމްބަރުންގެ ކޮމިޓީން ފަށައިފި.
ވޯޓު ގުނުމަށްޓަކައި މަޖިލިހުން ފާސްކުރި ފަސް މެމްބަރުންގެ ކޮމިޓީގައި ތިއްބަވަނީ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ އާއި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާއި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް އަދި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް.
މަޖިލިހުގެ ރައީސްގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރުމުގެ ސިއްރު ވޯޓު ނަގައި ނިމިއްޖެ. ދެން އޮތީ ވޯޓު ގުނުމުގެ ކަންކަން.
މަޖިިލިހުގެ ރައީސް އިންތިހާބު ކުރުމުގެ ސިއްރު ވޯޓުލުން ފަށައިފި. ރައީސްކަމަށް ވާދަކުރެއްވީ ފޮނަދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ނާޒިލް.
ވޯޓުލުމަށްޓަކައި ބަހައްޓާފައި ވަނީ ސާފުކޮށް އެތެރެ ފެންނަ ފޮއްޓެއް. ވޯޓުލާން ފެށުމުގެ ކުރިން، އެ ފޮށީގައި އެއްޗެއް ނެތްކަން އަމީން އާންމު ހުރިހާ މެމްބަރުންނަށް ދައްކަވައިފި.
ވޯޓު ސިއްރު ކުރުމަށްޓަކައި މަޖިލިހުގެ ޗެމްބަރުގައި ހުރި ކެމެރާތަކުގައި މިހާރު ވަނީ ކަވަރު އަޅުވާފައި ކަމަށް ސިޔާމް ވިދާޅުވި. ވޯޓު ގުނުމުގެ ކަންކަން ކުރިއަށް ގެންދާނީ މަޖިލިހުން ފާސްކޮށްފައިވާ ފަސް މެމްބަރުންގެ ވަގުތީ ކޮމިޓީން.
ރިޔާސަތުން މީދޫ ދާއިރާގެ މެމްބަރު ސިޔާމް މިހާރު ގެންދަވަނީ ސިއްރު ވޯޓުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތް ވިދާޅު ދެއްވަމުން. ދެ ވޯޓު ވެސް ނަގާނީ ވަކިވަކިން. ފުރަތަމަ ބާއްވާނީ މަޖިލިހުގެ ރައީސަށް ބޭފުޅަކު އިންތިހާބު ކުރުމުގެ ވޯޓު. ނައިބު ރައީސްގެ ވޯޓު ނެގުން އޮންނާނީ އޭގެ ފަހުން.
ރައީސާއި ނައިބު ރައީސްކަމަށް ބޭފުޅަކު އިންތިހާބު ކުރުމުގެ ޖަލްސާ ފަށައިފި.
މިއަދު މެމްބަރުކަމުގެ ހުވާކުރެއްވި 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސާއި ނައިބު ރައީސްކަމަށް ބޭފުޅުން އިންތިހާބުގެ ކުރުމުގެ ކަންކަން މަޖިލިހުގެ އިދާރާގައި ފަށައިފި އެވެ.
ވިހި ވަނަ މަޖިލިހަށް އިންތިހާބުކުރި 93 ބޭފުޅުން މިއަދު ހެނދުނު ނުވައެއް ޖެހިއިރު މެމްބަރުކަމުގެ ހުވާ ކުރެއްވުމަށް ފަހު 10:15 ގައި ވަނީ ރައީސާއި ނައިބު ރައީސްކަމަށް ބޭފުޅަކު ހޮވުމާ ގުޅޭ ކަންކަން ފަށައިފަ އެވެ.
ޖުމުލަ 76 މެމްބަރުންނާ އެކު 20 ވަނަ މަޖިލިހުގެ ސުޕަ މެޖޯރިޓީ ކުރިއަށް އޮތް ތަނުގައި ދަމަހައްޓާނެ ޕީއެންސީން މަޖިލިހުގެ ރައީސް ކަމަށް ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ގެ ނަމެވެ. ނައިބަކަށް އެ ޕާޓީން ހުށަހެޅުއްވީ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމްގެ ނަމެވެ.
އެކަމަކު، 12 މެމްބަރުންނާ އެކު 20 ވަނަ މަޖިލިހުގެ މައިނޯރިޓީ ޕާޓީ އެމްޑީޕީން ވެސް ވަނީ ރައީސްކަމާއި ނައިބު ރައީސްކަމަށް ދެ ނަމެއް ހުށަހަޅައިފަ އެވެ. އެމްޑީޕީން ހުށަހެޅީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލްގެ ނަމެވެ. ނައިބަކަށް ހުށަހެޅީ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީގެ ނަމެވެ.
މަޖިލިހުގެ ފުރަތަމަ ޖަލްސާ މި ވަގުތަށް މެދުކަނޑާލާފައި އޮތީ ސިއްރު ވޯޓު ނެގުމަށްޓަކައި ކަރުދާސްކޮޅުތައް ޕްރިންޓު ކުރުމަށްޓަކަ އެވެ.
މަޖިލިހުގެ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަނީ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދެވެ. އެއީ މިހާތަނަށް މެދުނުކެނޑި މަޖިލިހުގައި އެންމެ ގިނަ ދުވަސްވީ މެމްބަރުގެ ހައިސިއްޔަތުންނެވެ.