27 މެއި 2024 - 11:47

ރައްޔިތުންގެ މަޖިލީހަށް އަލަށް އިންތިހާބުވި މެންބަރުން މާދަމާ ހުވާކުރައްވާނެ އެވެ.

މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ 20 ވަނަ މަޖިލީހުގެ މެންބަރުން ހުވާ ކުރުމުގެ ރަސްމިއްޔާތު މާދަމާ 9:00 ގައި ފަށާނެ ކަމަށެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މަޖިލިސް އިންތިހާބަށް ފަހު އާ މެންބަރުން ބައިވެރިވާ އެންމެ ފުރަތަމަ ޖަލްސާގައި މެންބަރުންގެ ސިއްރު ވޯޓަކުން މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް އިންތިހާބު ކުރަން ޖެހެ އެވެ.

ޒިޔާއު ވިދާޅުވި ގޮތުގައި އެ މަސައްކަތް މާދަމާ 10:15 ގައި ފަށާނެ އެވެ. އެ ވަގުތު ރިޔާސަތު ބަލަހައްޓަވާނީ މެދުކެނޑުމެއް ނެތި އެންމެ ގިނަ ދުވަހު މެންބަރު ކަން ކުރައްވާފައިވާ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް އެވެ.
މިދިޔަ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީން ވަނީ 66 ގޮނޑި ކާމިޔާބު ކޮށްފަ އެވެ. އަދި މި ފަހުން ތިނަދޫ ދެކުނު ދާއިރާގެ އިންތިހާބީ މެންބަރު މުހައްމަދު އަލްސަން އެ ޕާޓީ އާ ގުޅިވަޑައިގަތުމުން މަޖިލީހުގައި ތިއްބަވާނީ ޕީއެންސީގެ 76 މެންބަރެކެވެ.
މަޖިލީހުގައި ދެން ތިއްބަވާނީ އެމްޑީޕީގެ 12 މެންބަރުންނާއި އަމިއްލަ ގޮތުން ވާދަ ކުރެއްވި 10 މެންބަރުންނާއި އެމްޑީއޭގެ ދެ މެންބަރުންނާއި ޖުމްހޫރީ ޕާޓީގެ މެންބަރަކާއި އެމްއެންޕީގެ މެންބަރެކެވެ.
މީގެ ތެރެއިން އަމިއްލަ ގޮތުން ވާދަ ކުރެއްވި ގިނަ މެންބަރުންނާއި ޖުމްހޫރީ ޕާޓީ އާއި އެމްޑީއޭ އާއި އެމްއެންޕީ ވަނީ ސަރުކާރާ ގުޅިގެން މަސައްކަތް ކުރަން ނިންމައިފަ އެވެ.
މަޖިލީހުގެ މެޖޯރިޓީ އޮތް ޕީއެންސީން ވަނީ މަޖިލީހުގެ ރައީސް ކަމަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އަދި ނައިބު ރައީސް ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އިންތިހާބު ކުރަން ނިންމައިފަ އެވެ.