27 މެއި 2024 - 09:32

އަންހެނުންގެ 100 މީޓަރުގައި، މިހާރު ތިބި ދުވުންތެރިންގެ ތެރެއިން އެހެން އެތުލީޓަކަށް މަރްޔަމް ރޫޔާ އަލީ ފަހަތަށް ޖައްސާނުލެވޭނެ ފަދަ ހަލުވިމިނެއްގައި 100 މީޓަރުގެ ރެކޯޑް އޭނާ އަލުން ހަދައިފި އެވެ.
ޖަމައިކާގައި އެ ގައުމުގެ އެތުލެޓިކްސް އެޑްމިނިސްޓްރޭޓިވް އެސޯސިއޭޝަންގެ ކަމާސް މީޓްގައި އިއްޔެ، 11.87 ސިކުންތުން ރޫޔާ ހެދި ރާއްޖޭގެ ރެކޯޑާ އެކު އޭނާ ވެފައި ވަނީ 12 ސިކުންތަށް ވުރެ އަވަހަށް ރޭހެއް ނިންމި ފުރަތަމަ އަންހެން ދުވުންތެރިޔާ އަށެވެ.
ރާއްޖޭގެ އެތުލެޓިކްސްގެ ތަޖުރިބާކާރަކު ބުނި ގޮތުގައި ސްޕްރިންޓްގައި ރާއްޖޭގެ މިވަގުތުގެ ފެންވަރަށް ބަލައިފިނަމަ ރޫޔާގެ އެ ޓައިމިންއަކީ އާދަޔާ ހިލާފް އަވަސްމިނެއް ކަމަށެވެ.
"މިއީ ވަރަށް ބޮޑަށް ފާހަގަ ވެސް ކުރަން ޖެހޭ ވަރުގެ ޓައިމިންއެއް. ރޫޔާގެ މި އައުޓްސްޓޭންޑިން ޓައިމިން ބްރޭކް ކޮށްލެވޭނެ އެހެން އެތުލީޓަކު މިވަގުތު ހުރިހެނެއް ހީއެއް ނުވޭ. މިހެން މި ބުނަނީ ރާއްޖޭގެ ސްޕްރިޓް މިހާރު އޮތް ފެންވަރަށް ބަލައިގެން،" އޭނާ ބުންޏެވެ.
ކުރީގެ އެއްވަނަ ދުވުންތެރިޔާ އަދި މިހާރުގެ އެތުލެޓިކްސް ކޯޗު ނަސީރް އިސްމާއީލް ބުނީ ރޫޔާ، ރޭސް ނިންމި ވަގުތަށް ބަލަންޏާ މިއީ މި އަހަރު ދިވެހި އަންހެން އެތުލީޓަކު ހޯދި އެންމެ ބޮޑު ކާމިޔާބު ކަމަށެވެ.
ރާއްޖޭ ފުރަތަމަ އޮލިމްޕިކްސް ޓީމު އެތުލީޓެއްގެ ގޮތުގައި ލީޑް ކުރި އަދި ކުރިން ރޫޔާ އަށް ކޯޗު ވެސް ކޮށްދިން، ޑރ. ހުސައިން ހަލީމް (ކުޑަ ހުސެން) ބުނީ ރޫޔާ ރޭސް ނިންމި ވަގުތަށް ބަލާއިރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރަން މެޑަލް ހޯދޭނެ ފެންވަރު އޭނާގެ ކިބައިގައި މިހާރު އެބަހުރި ކަމަށެވެ. އަދި ސައުތު އޭޝިއަން ގޭމްސްގައި ވެސް ރަނގަޅު ފެންވަރަކަށް ވާދަކުރެވޭނެ ކަމަށް ކުރީގެ އެއްވަނަ ދުވުންތެރިޔާ ކުޑަ ހުސައިން ބުންޏެވެ.
ސްޕްރިންޓްގެ 100 މީޓަރުގެ ރެކޯޑް، މުގުރާނުލެވި ދެ އަހަރުގެ މުއްދަތެއް ފަހުން، އެ ރެކޯޑް މީގެ ކުރިން މުގުރާލީ ވެސް ރޫޔާ އެވެ. މި މަހުގެ ހަތަރު ވަނަ ދުވަހު ހަމަ ޖަމައިކާގެ ކޮމާސް މީޓްގައި ދުވެ ހެދި ރެކޯޑްގައި 12 ސިކުންތު ބްރޭކް ކުރުމާ ވަރަށް ގާތަށް ވެސް އޭނާ ދިޔަ އެވެ. އެ ދުވަހު އޭނާ ރެކޯޑް ހެދީ 12.02 ސިކުންތުންނެވެ.
އޭނާގެ ކުރިން އެ ރެކޯޑް އޮތީ އާއިޝަތު ހިމްނާ އަތުގަ އެވެ. މިހާރު ދިގު ދުވުންތަކަށް ހާއްސަ ދުވުންތެރިޔާ ޝަމްހާ އަހްމަދު އޭގެ 21 އަހަރު ކުރިން ކެނެޑާގެ އެޑްމޮންޓަންގައި 2001 ގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕްގައި 12.27 ސިކުންތުން ހެދި ރެކޯޑް މުގުރާލީ ހިމްނާ އެވެ.
ހިމްނާ އެ ރެކޯޑް ހެދީ އިންގްލެންޑްގެ ބާމިންހަމްގައި 2022 ގައި ބޭއްވި ކޮމަންވެލްތު ގޭމްސްގައި 12.17 ސިކުންތުން ރޭސް ނިންމައިގެންނެވެ.
ސެތާކަ މީޓަރު އިވެންޓްގެ ދެ ކެޓަގަރީއެއްގެ ރެކޯޑް ރޫޔާ އަތުގައި އެބައޮތެވެ. ރާއްޖޭގެ އަންހެން ޖޫނިއާ 100 މީޓަރުގެ ރެކޯޑް އޮތީ ވެސް އޭނާގެ އަތުގަ އެވެ.