26 މެއި 2024 - 13:04

ރ. އުނގޫފާރުގައި ކަރަންޓުގައި ޖެހުނު އަށް އަހަރުގެ ކުއްޖަކު ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ކަރަންޓުގައި ޖެހި ހާލު ސީރިއަސްވި 18 އަހަރުގެ ޒުވާނާ އިތުރު ފަރުވާއަށް މާލެ ގެނެސްފި އެވެ.
ކުއްޖާގެ އާއިލާއިން ވާހަކަ ދެއްކި މީހަކު "މިހާރު" އަށް ބުނީ އުނގޫރާފު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މާލެ ގެނައީ އިއްޔެ ކަމަށެވެ. އެ ކުއްޖާގެ ހާލު ސީރިއަސް ކަމަށް އާއިލާ އިން ބުންޏެވެ.
އެ ކުއްޖާ އަދިވެސް އޮތީ ވެންޓިލޭޓަރުގަ އެވެ.
"ހާލު ވަރަށް ކްރިޓިކަލް. މަރާ ހަނގުރާމަ ކުރަނީ، ވަރަށް އަނިޔާ ލިބިފައި ހުރީ،" އޭނާ ވިދާޅުވި އެވެ.
އެ ރަށު މަގުމަތީގައި ހުރި ހޮޅިދަނޑިއަކުން ފެންގަނޑަށް ކަރަންޓު އައިސްފައި ވަނިކޮށް، ފުރަތަމަ ކަރަންޓުގައި ޖެހުނީ އަށް އަހަރުގެ ފިރިހެން ކުއްޖެކެވެ. ހާލު ސީރިއަސްވި ޒުވާނާ އުޅުނީ އެ ކުއްޖާ ސަލާމަތްކުރުމަށެވެ.
އޭނާއަށް އަނިޔާވީ އަށް އަހަރުގެ ކުއްޖާ ސަލާމަތްކުރުމުގެ ތެރޭގައި ފެންގަނޑަށް ވެއްޓި ހޮޅިދަނޑީގައި އަތްލެވުމުންނެވެ.
.އެ ހާދިސާގައި، އެ މަންޒަރު ފެނުނު 12 އަހަރުގެ ކުއްޖަކަށް ވެސް ފަރުވާ ދޭން ޖެހުނެވެ. އެ ކުއްޖާ އާއި އަށް އަހަރުގެ ކުއްޖާ ވަނީ ފަރުވާއަށް ފަހު ގެއަށް ދޫކޮށްލައިފަ އެވެ.