26 މެއި 2024 - 11:41

ގްރޭޑް 10 ނިންމައި އޭ ލެވެލް ހަދާ ދަރިވަރުންގެ އަދަދު މަދުވާތީ އޭ ލެވެލްގައި ބައިވެރިވާ ދަރިވަރުންގެ އަދަދު އިތުރުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.
ބޮޑު ޗުއްޓީ ނިންމައި މިއަދު ފެށި ދިރާސީ އަހަރުގެ މުނާސަބަތާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ދެއްވި ހިތާބުގައި ވިދާޅުވީ ދަރިވަރުންނަށް އުނގެނުމުގެ މައިދާނުގައި ތަފާތު ރޮނގުތަކުން ކުރިއަށް ދެވޭނޭ މަގުތަށް ތަނަވަސްވުމަކީ އެ ދަރިވަރުންގެ މުސްތަގުބަލަށާއި ގައުމުގެ ތަރައްގީއަށް ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ.
އިލްމީ ރޮނގުން ނުވަތަ ކުޅިވަރާއި މަސައްކަތްތެރިކަމުގެ ރޮނގުން ކަމުގައިވިޔަސް އެއީ މުހިންމު ކަމެއްކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ އޭ ލެވެލްގައި ބައިވެރިވާ ދަރިވަރުން އިތުރުކޮށް، އެ ދަރިވަރުންނަށް މަސައްކަތުގެ ތަމްރީނު ދިނުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.
"އެ މަގަށް ކަންތައްތައް ތަރުތީބު ކުރުމުގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން، އޭލެވެލް މަރުހަލާގައި ދަރިވަރުންގެ ބައިވެރިވުން އިތުރުކޮށް، އެ ދަރިވަރުންނަށް ފަންނީ ތަފާތު ދާއިރާތަކުން މަސައްކަތްތެރިކަމުގެ ތައުލީމާއި ތަމްރީނު ލިބޭނޭ ގޮތަށް ފަރުމާކުރެވިގެން ހިންގާ ޕްރޮގްރާމްތަކެއް ކައިރި މުސްތަގުބަލެއްގައި ފެށުމުގެ މަސައްކަތް މިދަނީ ކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެކަން ކާމިޔާބު ކުރުމަށް އެންމެ މުހިއްމު ކަމަކީ ސްކޫލުތަކާއި ބެލެނިވެރިންގެ ގުޅުން ވަރުގަދަވެ ހަރުދަނާވުމެވެ. މި ފެށޭ ދިރާސީ އަހަރަކީ އެ ގުޅުން އިތުރަށް ތަރައްގީވެ ދަރިވަރުންގެ ކުރިއެރުމަށް އެންމެންގެ ވިސްނުމާއި ފިކުރު ސީދާވެގެން ދާނެ އަހަރަކަށް ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެންމެ ފަހުން ބޭއްވި އޭ ލެވެލް އިމްތިހާނުގައި، ރާއްޖޭގެ 45 ސެންޓަރެއްގައި އޭލެވެލް އިމްތިހާނު ހެދި އެވެ. އެއީ މާލޭގެ ތިން ސެންޓަރެއްގެ އިތުރުން، އަތޮޅު ތެރޭގެ 42 ސެންޓަރެއްގަ އެވެ. އެ އިމްތިހާނުގައި ބައިވެރިވީ ޖުމްލަ 3،268 ދަރިވަރުންނެވެ.