26 މެއި 2024 - 07:14

ބުދަ ދުވަހާ ގުޅޭ
އިންސާނިއްޔަތަށް ޓަކައި އެ ވަރު ހައްގެއް ދިފްލާއަށް އޮންނާނެއެވެ. ނުތަނަވަސްކަމުގެ ކޯރަކަށް ލޯބިވާމީހާ ގެނބި، ނޭވާހާސްވެގެން ތެޅިފޮޅޭ އިރު، ގާތުގައިހުރެމެ، އަތުގައި ނުހިފުން އެއީ ކޮން ފަދަ ހިތްދަތި އިމުތިހާނެއްކަން އެވަގުތު ދިފްލާއަށް އިހުސާސްކުރެވުނެވެ. ދެން ލިބުނީ ކުއްލި ހިތްވަރެކެވެ. ދުނިޔެ ކުރާނެ މަލާމާތާއި، ވާނެ ބަދުނާމު ހަނދާންނައްތާލައިފައި ދިފްލާ ގޮސް ރާއިދުގެ ކޮނޑުގައި ބޯއަޅައިލިއެވެ. އެލަވަރު ތެރޭގައި ރާއިދު ހައްޔަރުކޮށްލިއެވެ. ރާއިދުގެ ހުރިހައި ނުތަނަވަސްކަމެއް ދިފްލާ ވެރިކޮށްލިއެވެ. ނޫނެކެވެ. އެއީ ދިފްލާ ކުރަން ހިތަށްއެރި ކަމެކެވެ. ލޮލަށް ފެނުނު މަންޒަރެކެވެ.
"ކިހިނެއްތަވީ؟ ތަނެއްގަ ރިއްސަނީތަ؟ ބަލިވީތަ؟" ދިފްލާ ދެއްކީ ދައްކަން ބޭނުންވި ވާހަކައެއް ނޫނެވެ. "ބަނޑުހައިވީތަ؟ ކާންދޭންވީތަ؟ ހުންނާނެ ސްޕެގެޓީ ހަދާފަ. ހިނގާ ކާން."
ރާއިދު އިސްއުފުލައިލިއެވެ. ދިފްލާއަށް ބަލައިލިއެވެ. އެތައް ވާހަކައެއް ކިޔައިދޭން ރާއިދު ހިތަށްއެރިއެވެ. އެހެނަސް އެ ކަމަށް ހުރަސްއެޅީ ދިފްލާގެ އުމުރެވެ.
"އާނ! ހިނގާ ކާން." ރާއިދު ވެސް ދެއްކީ، ދައްކަން ބޭނުންވި ވާހަކައެއް ނޫނެވެ.
ކުރިން ހުސްހަށިބަޔަށް ހުރި އިރު ވެސް ރާއިދަކީ ދިފްލާގެ މަންމަ މައުސޫމާ އެހައި ގަޔާވާ މީހެއް ނޫނެވެ. ދިފްލާޔާ އަޅައިބަލާ އިރު ދޮށިކަމުންނެވެ. ކައިވެނިކުރުމުން މައުސޫމާއަށް ރާއިދު އަމުދުން ކަމުނުދެއެވެ. މީހެއްގެ ފިރިއެއް ގެއަށް ގެނެސް ކާންދިނުމަކީ މައުސޫމާ އެއްގޮތަކަށް ވެސް ގަޔާވާ ކަމެއް ނޫނެވެ. ބަދުނާމުވާނީ ދިފްލާ އެކަނި ނޫންވީމައެވެ. ދިފްލާ އެ ކަން ހަނދާންހުއްޓެވެ. ކުޑަކޮށް ހޫނުކޮށްލައިގެން ސްޕެގެޓީ ގެނެސްފައި، ފެންތަށްޓެއް ވެސް ކައިރީގައި ބެހެއްޓުމުން ރާއިދު ކާން ފެށިއެވެ. މާ ގަޔާނުވާ ކަހަލަ ގޮތަކަށެވެ.
"އަސްލު ކިހިނެއްތަ ވެގެން ތި އުޅެނީ؟" ދިފްލާ ސުވާލުކުރިއެވެ. "މަންމަ ބުނާހެން، އުޑު ބޮލަށް ވެއްޓުނީތަ؟"
"އޭރުން ވެސް މި ވަރެއް ނުވާނެ،" ބުނަންނުބުނަން އިނދެފައި ރާއިދު ބުންޏެވެ. "އެއްފަހަރުން މަރުވާނެތާ! ނަޖޫއާ ހެދި މިހާރު މި ޖެހެނީ ކޮންމެ ދުވަހަކު އެއް ހާސް ފަހަރު މަރުވާން. ކިހިނެއް މިހެން އުޅޭނީ؟ މި ވާހަކަ ދައްކާނެ މީހަކު ވެސް ނޭނގިގެން މިއުޅެނީ. އެކަމަކު ކޮންމެވެސް މީހެއް ކައިރީގަ މި އަނގަތަޅައިގެން ނޫނީ މި ހެޑޭކެއް ނުދާނެ."
ދިފްލާ ހިތަށްއެރިއެވެ. ނަޖްވާނަށް ރާއިދު ނޭނގެނީއެވެ. އަހަންނަށް ވުރެ ރަނގަޅަށް ރާއިދު އެނގޭނެ އެކަކު ވެސް ނުހުންނާނެއެވެ. އެހެނަސް އެހެން ބުނަން ދިފްލާގެ އަމިއްލަ ނަފުސް އެއްބަހެއް ނުވިއެވެ.
"އޭނަ ކީއްކުރީ؟" ދިފްލާ އެހިއެވެ. "ބިޓެއްނެގީ؟ އަހަންނަށް ޔަގީން އޭނަ ބިޓެއްނުނަގާނެކަން. އެ ކަން ވެސް ކުރިއްޔާ ކުރާނެ މީހަކީ ތީ."
"އަހަރެން ކީއްކުރަން ބިޓެއްނަގަންވީ؟" ރާއިދު ބުންޏެވެ. "އެނގޭނެ ނަޖޫއާ އަހަންނާ ކިހާ ދުވަހަކު ރައްޓެހިވެގެން އުޅެފަކަން މެރީކުރީ. އެކަކު ވެސް ބިޓެއް ނުނަގާ! އޭނަގެ އުޅުމެއް ނެތީ! ހަމަ އެއްވެސް ޑިސިޕްލިނެއް ނެތް! އެހާ ލޭޒީ! ކަމެއް ކުރާކަށް ނޭނގޭ! ދަހެއް ވެސް ނުކުރި."
"ބަލަ ރައްޓެހިވެގެންއުޅުނު އިރު ވެސް ތި ކަން އެނގެއެއްނު!" ދިފްލާ ހަނދާންކޮށްދިނެވެ. "އެހެންވެއެއްނު އޭނަ މާ ކިއުޓުވެގެން އުޅުނީ ވެސް. ދެން މިހާރު ކުއްލިއަކަށް ކީއްވެ ހެޑޭކަކަށްވީ؟"
"ރައްޓެހިވެގެންއުޅޭއިރު ދެން އޯކޭއޭ!" ރާއިދު ބުންޏެވެ. "އެކަމަކު މެރީކުރީމަ ޖެހޭނެ ދޯ ތަންކޮޅެއް މެޗުއަރވާން. ޒިންމާދާރުވާން. ދިފްލާ ތި އުޅޭ ގޮތަށް އޭނަ ވެސް އުޅެން އަހަރެން ބޭނުންވީ."
އެއީ، ދިފްލާގެ މިޒާޖު ރާއިދަށް ކަމުދާކަން ދިފްލާއަށް އެނގުނު ފުރަތަމަ ފަހަރެވެ. ފޮނި ތަދެއް އެ ވަގުތު ދިފްލާއަށް އިހުސާސްކުރެވުނެވެ.
"އައްދެ! މަ އުޅޭ ގޮތަށްތަ ދުނިޔޭގެ އެންމެން އުޅެނީ؟" ދިފްލާ ހީނގެންފައި ބުންޏެވެ.
"އަހަރެން ހީކުރީ އޭނަ ތިހެން އުޅޭނެކަމަށޭ!" ރާއިދު ބުންޏެވެ. "މަންމަ ވެސް އަބަދު ދައްކާނެ ދިފްލާގެ ވާހަކަ. ދިފްލާގެ މުރާލި ވާހަކަޔާ، ކޭކުއަޅާ ވާހަކަޔާ.. އަހަރެން ބުނިން އެއީ މާ ކުޑަކުޑަ ކުއްޖެއް ނޫންހޭ!"
ހިތަށް ކުރި އަސަރަކުން ދިފްލާއަށް ލޯމަރައިލެވުނެވެ. ރާއިދަކަށް އެ މަންޒަރެއް ނުފެނެއެވެ.
"މަންމަ ބުނީ ދިފްލާޔާ އިނދެގެން ގެނައި ނަމަ މާ ރަނގަޅުވީހޯ!" ދިފްލާއަށް ނުބަލަން މަސައްކަތްކުރަމުން ރާއިދު ބުންޏެވެ. "އަދި ބުނި، ދިފްލާ ކިޔާނޯ ދުވަހަކު ވެސް މީހަކާ ނީންނާނަމޭ! ހަމަ އެހެން ގޭތެރޭގަ އިންނާނީއޭ! އަހަރެން މަޑުކުރި ނަމަ ނޫންހޯ ދިފްލާ ބޮޑުވަންދެން. އެކަމަކު ކަންނެތްކަމުން އިންތިހާއަށް ގޮއްސަހުރި ކުއްޖެކޯ ތި ގެނައީ."
އެއްވެސް ފިކުރެއް ނެތި އެ ހުރިހައި ވާހަކައެއް ރާއިދު ދެއްކި އިރު، އެއިން ދިފްލާގެ ހިތަށް ކުރާނެ އަސަރު ވިސްނައިނުލީތީ ދިފްލާ ހުރީ ހައިރާންވެފައެވެ. ދިފްލާ ހިތަށްއެރިއެވެ. ދެން ތި ވާހަކަ ދެއްކުމުގެ ބޭނުމެއް ކޮބައިހެއްޔެވެ؟
"ބަލަ ނަޖޫއަކީ އަބަދު ވެސް އެހެން އުޅޭ ކުއްޖެއްނޫންހޭ؟" އަނެއްކާ ވެސް ދިފްލާ ހަނދާންކޮށްދިނެވެ. "ސީރީޒް ބަލަން، ވާހަކަކިޔަން، ފޯނާކުޅެން އިންނާނީ. އަލަކަށް ނޫނެއްނު އެހެން އެ އުޅެނީކީ. ތި ދެ މީހުން ރައްޓެހިވެގެން އުޅުނު އިރު ރާއިދު ވެސް އިންނަމެއްނު ސީރީޒް ބަލަން އެ ގޭގަ. އަހަރެން ވެސް އެ ރޫމަށް ވަންނަން. އެއްޗެހިތައް އެތަންމިތަނަށް އުކާލާފަ އޮންނާނީ! ދާއެއްޗެހިތައް ވެސް ހުންނާނެ ފުންޏަކަށް. މުޅި ކޮޓަރިން ވެސް ދުވާނީ ދާ ވަސް. ދެން ކީއްވެހޭ އޭރު އަޅާނުލީ؟"
ރާއިދު ވިސްނައިލިއެވެ. އެއީ ހަމަ އެ ކަން ހިނގި ގޮތެވެ. ރާއިދަށް އެ މަންޒަރު ފެންނަ ކަހަލައެވެ. ނަޖްވާންގެ އެނދު ތަންމަތިއަޅާނީ ވެސް ނަޖްވާންގެ މަންމައެވެ. ނުވަތަ ކޮއްކޮ މެހެރީނެވެ. ފެން ނުވަރައި މަތިހަދައިލައިގެން ވެސް ކިތަންމެ ދުވަހަކު ނަޖްވާން އުޅެފާނެއެވެ. އެ ކަން ސިއްރެއް ވެސް ނުކުރާނެއެވެ. އޭރު ރާއިދު އެ ކަމާ އެއްވެސް ޝަކުވާއެއް ނުކުރެއެވެ. ހަދަނީ މަޖަލަކަށެވެ.
"އޭރު ވެސް މިހާރު ވެސް އަހަރެން ނަޖޫ ދެކެ ހާދަ ލޯބިވެޔޭ!" ރާއިދު އެހެން ބުނީ ހިތުގެ އެންމެ ފުންމިނުންނެވެ. "ބުނެއެއްނު ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނޭ! އެކަމަކު މިހާރު ނަޖޫ ޖެހޭނެ މަންމަޔާ ބައްޕަގެ ރުހުން ވެސް ހޯދަން. އެހެންނޫނީ އަހަންނަކަށްނު ހުރިހާ ޓެންޝަންއެއް އަންނާނީ. ހުރިހާ ވާހަކައެއް ދިފްލާއަކަށް ކިޔައެއް ނުވެސް ދެވޭނެ. އަހަރެން ބޭނުމެއް ނޫން ނަޖޫއާ ސެޕަރޭޓްވާކަށް. އެކަމަކު.."
އެ ވަގުތު ގެއިން ފޯނެއް އައިސްގެން، ތަށި ހުސްނުކޮށް ރާއިދު ދިޔައީއެވެ. އެއީ ދުވަހަކު ވެސް ރާއިދު ކުރި ކަމެއް ނޫނެވެ. ދިފްލާ ހިތަށްއެރިއެވެ. ކިތަންމެ ވަރަކަށް ވެސް ރާއިދު ދެކެ ލޯބިވެވިދާނެއެވެ. ހުވަފެން ބެލިދާނެއެވެ. އުންމީދުގެ ހުޅުކޮޅު ކަނިވިޔަނުދީ އިންތިޒާރު ވެސް ކުރެވިދާނެއެވެ. އެކަމަކު ރާއިދު ލޯބިވަނީ ކާކު ދެކެހެއްޔެވެ؟ ރާއިދުގެ އުފަލަކީ ކޮބައިހެއްޔެވެ؟ އެ ކަމާ ފުންކޮށް ވިސްނަމުން، މޭޒުމަތީގައި ހުރި ތަށި ހިފައިގެން ކުނިކޮތަޅަށް އަރިކޮށްލަން އުޅުނިކޮށް ހުއްޓުންއެރިއެވެ. ރާއިދު ތަށި ހުސްނުކުރީއެއް ނޫނެވެ. ސްޕެގެޓީގެ އެތިކޮޅުތަކުން ރާއިދު އޮތީ މެސެޖެއްދީފައެވެ. އެއިން ދިފްލާއަށް ނެގުނު މާނައާއި ކުރެވުނު ތަރުޖަމާ ކިތަންމެހައި ވެސް ފުނެވެ.
ފުން ނިދީގެ ތެރެޔަށް ފީނައި ނުގަނެވިގެން އުޅެނިކޮށް ރާއިދަށް ހޭލެވުނެވެ. އަޑެއްއިވިގެންނެވެ. ވިސްނަން އޮއްވައި މީހަކު އޯކަށްދެމޭ އަޑުއިވުނެވެ. ވަގުތުން ނަޖްވާން ކޮބައިތޯ ބަލައިލެވުނެވެ. އޭނަ އެނދަކު ނެތެވެ. ދެން އިވުނީ ހޮޑުލާ އަޑެވެ. ފުންމައިގެން ތެދުވެފައި ފާހާނަ ބަލައިލި އިރު ނަޖްވާން ހޮޑުލަނީއެވެ. ރާއިދު ގޮސް ނަޖްވާންގެ ނިތްކުރީގައި ހިފޭއްޓިއެވެ. ބަނޑުގައި ހުރި ހުރިހައި އެއްޗެއް ހުސްވުމުން ދެނެއް ހޮޑެއްނުލެވެއެވެ. އެކަމަކު އޯކަށްދެމުމެއް ނުހުއްޓުނެވެ. ކޯދޮއްވައި، ނަޖްވާން ގެންގޮސް އެނދުގައި ބޭންދި އިރު އޭނަ ގަޔަކު ވަރެއް ނެތެވެ.
"އަދި ވެސް އެބަ މޭނުބައިކުރޭ!" ނަޖްވާން ބުންޏެވެ.
"އޯއާރއެސް ބޯންވީނު؟" ރާއިދު ބުންޏެވެ.
"ގެނައިމައެއްނު ބޮވޭނީ،" ކުޑަކޮށް ހިތްހަމަނުޖެހިފައި ނަޖްވާން ބުންޏެވެ. "އަހަރެން އެކަނި ބައިންދާފަ ނުދާތި! ގުޅާބަލަ މީހަކަށް!"
ކުއްލިއަކަށް ފޯނު ނަގާފައި ރާއިދު ގުޅީ މަންމަޔަށެވެ. ނަސީބަކުން ދެ ފަހަރަކު ރަނގަބީލުވާ އިރަށް މަންމަ ފޯނުނެގިއެވެ.
"ހަލޯ!" އެ ގަޑީގަ ގުޅީމައި ހާސްވެފައި ފާއިޒާއަށް ބުނެވުނެވެ. "ކިހިނެއްވީ ދަރިފުޅާ؟"
"ނަޖޫ ވަރަށް ބައިވަރު ހޮޑުލައިފި!" ހަމަ އެހައި ހާސްވެފައި ރާއިދު ބުންޏެވެ. "މަންމަ އާދެބަލަ ވަރަށް އަވަހަށް!"
އެ ހިސާބަށް ބުނެފައި ރާއިދު ފޯނުކަނޑައިލިއެވެ. ނަޖްވާން އަނެއްކާ ވެސް ފާހާނަޔާ ދިމާއަށް ދުއްވައިގަތެވެ. ފަހަތުން ރާއިދު ދިޔައެވެ. އެ ފަހަރު މުޅީން ވެސް އޯކަށްދެމުނީއެވެ. ހޮޑެއްނުލެވުނެވެ.
"މަންމައެއް ނާންނާނެ!" ނޭވައެއްލެވުނު ދަނޑިވަޅު ނަޖްވާން ބުންޏެވެ. "ހަމަ ހުވާ ނާންނާނެކަން."
"ދެން އެހެނެއް ނުވާނެއްނު!" ރާއިދު ބުންޏެވެ. "ނަޖޫ ތަންކޮޅެއް ޕޮޒިޓިވްކޮށް ވިސްނަބަލަ!"
"މަ ތަ ޕޮޒިޓިވްނުވެގެން މި އުޅެނީ؟" ވަރުބަލި ރާގަކަށް ނަޖްވާން ބުންޏެވެ. "ދަންވަރު ރާއިދު ތި ގުޅީ! އެކަމަކު އަދި ވެސް މަންމަ ނާދޭ! ރާއިދު ނޫޅޭ ގަޑިއެއްގަ އިމަޖެންސީއެއް ދިމާވެގެން އަހަރެން ގުޅައިފިއްޔާ އަދި ކިހާ ވަރެއް ވާނެ؟ އަހަންނަކަށް ނޭނގެ އަހަރެން ދެކެ ރާއިދުގެ ބައްޕަޔާ މަންމަ އެހާ ފޫހިވަނީ.."
އެ ހިސާބަށް ބުނި ތަނާ ދޮރުގައި ޓަކިޖަހައިލި އަޑުއިވުނެވެ.
"އެއައީނު!" ނަޖްވާން ގެންގޮސް އެނދުގައި ބައިންދަމުން ރާއިދު ބުންޏެވެ. "ލަސް؟"
ރާއިދު ދޮރުހުޅުވައިލި އިރު ދޮރުމަތީގައި ހުރީ، ގޭގައި ގެންގުޅޭ ނޭޕާލް ކުއްޖާ ޔަހްނާއެވެ.
"މެޑަމް ބުނީ ސަރ ހެލްޕް ބޭނުން.." ޔަހްނާ ބުންޏެވެ.
"އަހަރެން ހީކުރީ ރާއިދުގެ މަންމައަކީ ދިވެއްސެއްކަމަށް." ޖެއްސުމުގެ ރާގުގައި ނަޖްވާން ބުނި އަޑުއިވުނެވެ.
ރާއިދު ރުޅިއައިސްފައި ފާއިޒާގެ ކޮޓަރިޔާ ދިމާއަށް ހިނގައިގަތެވެ. ޔަހްނާ ކޮޓަރިޔަށް ވަނުމުން ނަޖްވާން ހަޅޭއްލަވައިގަތުމުން ޔަހްނާ ދުވެފައި ނުކުމެގެންދިޔައެވެ. ނަޖްވާން އަޑުގެ ކޮޅަށް ރާއިދަށް ގޮވައިލިއެވެ. ރާއިދު ގޮސް ފާއިޒާ ކޮޓަރީގެ ދޮރުގައި ތަޅައިގަތެވެ.
"މަންމާ!" ރާއިދު ހަޅޭއްލަވައިގަތެވެ.
ދޮރު ކައިރީގައި ހުރި ފާއިޒާ ވަގުތުން ދޮރުހުޅުވިއެވެ.
"ކޮން ހަޅޭކެއް ތި ލަވަނީ؟" ފާއިޒާގެ އަޑު ވެސް މަޑެއް ނޫނެވެ.
ދަންވަރުގެ ހަމަހިމޭން ވަގުތު ގޭތެރެއަށް އެރީ ނަގޫރޯޅިއެކެވެ.
ނުނިމޭ