25 މެއި 2024 - 20:51

މާލޭ ސަރަހައްދަށް މޫސުން ވަރަށް ބޮޑަށް ގޯސްވެ، މުޅި ކ. އަތޮޅަށް ޔެލޯ އެލާޓް ނެރެފި އެވެ.
މިއަދު ވެސް މާލެއަށް ވަރަށް ބޮޑަށް މޫސުން ގޯހެވެ. ގާތްގަނޑަކަށް ގަޑިއެއްހާއިރަށް ގަދަވަޔާ އެކު ވަރަށް ބޯކޮށް ވާރޭހުނެވެ. ވާރޭވެހުމުން އާންމުކޮށް ފެންބޮޑުވާ މަގުތަކުގައި ވަރަށް ބޮޑަށް ފެން ބޮޑުވެ، އެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް މިހާރު އެމްއެންޑީއެފުން ވެސް ދަނީ ކުރަމުންނެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ކ. އަތޮޅަށް ޔެލޯ އެލާޓް ނެރެފައި ވަނީ ބޯކޮށް ވާރޭވެހި، ބާރަށް ގުގުރާނެ ކަމަށް ލަފާކޮށްފަ އެވެ.
މެޓުން ބުނީ ވިލާގަނޑުގައި ގަޑިއަކު 40-50 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ. އަދި އުތުރާއި މެދު ރާއްޖެ ތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި ދެކުނުގެ ކަނޑުތައް ވެސް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ބުންޏެވެ.
އުތުރާ މެދު ރާއްޖެ ތެރޭގައި ރާޅުގެ އުސްމިން އުޅޭނީ 6-8 ފޫޓާ ދެމެދުގަ އެވެ. ދެކުނުގައި ރާޅުގެ އުސްމިން އުޅެނީ 4-6 ފޫޓާ ދެމެދުގަ އެވެ.
ހުޅަނގު މޫސުމުގެ ބާރުގަދަވެ، ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް މެޓުން އޮތީ އިންޒާރު ދީފަ އެވެ. އަދި ކުރިން ވާރޭވެހޭ މިންވަރަށް ވުރެ އިތުރަށް ވެހޭނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.
މޫސުން ގޯސްވެ، އެޑިއުކޭޝަން މިނިސްޓްރީން ވަނީ މާދަމާ ފެށޭ ދިރާސީ އާ އަހަރުގެ ފުރަތަމަ ތިން ދުވަހުގައި ކިޔަވައިދޭ ވަގުތު ވެސް ކުރުކޮށްފަ އެވެ.