އިންޑިއާ އާ އެކު އާ ފްރީ ޓްރޭޑް އެގްރީމެންޓެއް ހަދަނީ
އިންޑިއާ އާ އެކު އާ ފްރީ ޓްރޭޑް އެގްރީމެންޓެއް ހަދަނީ

އިންޑިއާ އާއި ރާއްޖެއާ ދެމެދު އިތުުރު ފްރީ ޓްރޭޑް އެގްރީމެންޓެއް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފުރަތަމަ ހަ މަހުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ، އެ ގައުމާ އެކު ވިޔަފާރީގެ އެއްބަސްވުމެއް ހެދުމަށް އެ ގައުމުން އިސްވެ، ހުށަހަޅާފައިވާ ކަމަށެވެ.

"އެ ބޭފުޅުން ބޭނުންފުޅުވޭ، ރާއްޖެއާ އެކު ފްރީ ޓްރޭޑް އެގްރީމެންޓެއް އޮންނަން. އަދި ސަފްޓާ [ސައުތު އޭޝިއަން ފްރީ ޓްރޭޑް އެގްރީމެންޓް] ގެ އިތުރަށް. ރައީސުލްޖުމްހޫރިއްޔާ އެވަނީ އެ ފުރުސަތު ހުރިހާ ގައުމަކަށް ވެސް ހުޅުވާލައްވާފައި،" އޭނާ ވިދާޅުވި އެވެ.

އިންޑިއާ އާ އެކު އާ ވިޔަފާރީގެ އެއްބަސްވުމެއް ހަދާ އިރު މީގެ ކުރިން ވެސް ބައެއް ބާވަތްތައް ގެނައުމުގައި ހާއްސަ ގޮތްތަކެއް އިނއޑިއާ އިން ކަނޑައަޅާފައިވެ އެވެ. އެ ގައުމާ އެކު މިހާރު ވެފައިވާ އެއްބަސްވުމުގެ ދަށުން ރާއްޖެ އަށް ބޭނުންވާ ޒަރޫރީ ނުވަ ބާވަތެއް ފަސޭހަ ކަމާ އެކު، އެތެރެ ކުރުމަށް ތިން އަހަރުގެ އެއްބަސްވުމެއް އެބައޮތެވެ. އޭގެ ތެރޭގައި ހަނޑުލާއި ހަކުރާއި ފުށާއި، އަލުވި، ބިސް، ފިޔާ، މުގު އަދި ހިލަ އާއި ހިލަވެލި ހިމެނެ އެވެ.

ސައީދު ވިދާޅުވީ، ވީހާ ވެސް ގިނަ ގައުމުތަކާ އެކު، ވިޔަފާރީގެ ފަސޭހަ ގޮތްތައް ހޯދުމަށް ސަރުކާރުން އިސްކަން ދޭ ކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ތުރުކީއަށް ކުރެއްވި ދަތުރުފުޅުގައި، އެ ގައުމާ އެކު ވެސް ފްރީ ޓްރޭޑް އެގްރީމެންޓެއް ހެދުމަށް ވަނީ އެއްބަސްވެފަ އެވެ.

ސައީދު ވިދާޅުވީ، ތުރުކީއާ އެކު ހަދާ ފްރީ ޓްރޭޑް އެގްރީމެންޓް ގާތްގަނޑަކަށް ދެ މީޓިންއަށް ފަހު ނިންމާލެވޭނެ ކަމަށެވެ. އެއާ އެކު، އެ ގައުމަށް މަސް އެކްސްޕޯޓު ކުރާ ފަރާތްތަކަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް ވިދާޅުވި އެވެ.

"ރާއްޖެއަށް ވަރަށް ބޮޑު ޓެރިފް އެބަ ނަގާ މިހާރު އެ ގައުމަށް އިމްޕޯޓު ކުރާ އިރު. ޔެލޯފިން ސްކިޕް ޖެކް ކަހަލަ ބައެއް މަސްތަކަށް. އެ އެއްޗެހިން ބޮޑު ޗޭންޖެއް އަންނާނެ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ ލުއިތަކާ އެކު އެކްސްޕޯޓު ކުރާ ފަރާތްތަކުން އަތުން ނަގާ ޓެރިފް ސުން ޕަސެންޓަށް ގެންދިއުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ސައީދު ވިދާޅުވީ، މިދިޔަ ސަރުކާރުން އިނގިރޭސިވިލާތާ އެކު ވެސް ފްރީ ޓްރޭޑް އެގްރީމެންޓެއް ހެދިފައި އޮތް ނަމަވެސް އެ އެގްރީމެންޓްގެ ތެރެއިން ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާ ކުރުމަށް ސަރުކާރުން ބޭނުންވާ ކަމަށެވެ. އެގޮތުން ފައިނޭންޝަން ސެކްޓަރުގެ ތެރެއިން އާ ވިޔަފާރީގެ ގުޅުންތައް އެ ގައުމާ އެކު ގެންނަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.