ނޭޕާލް މީހާ ކިޑްނެޕް ކުރީ ފައިސާގެ މައްސަލައެއްގައި
ނޭޕާލް މީހާ ކިޑްނެޕް ކުރީ ފައިސާގެ މައްސަލައެއްގައި

މާފަންނު ގެސްޓްހައުސްއެއްގައި ބިދޭސީއަކު ކިޑްނެޕް ކޮށްގެން ގެންގުޅުނީ ފައިސާގެ މައްސަލައެއްގައި ކަމަށް ފުލުހުން ބުނެފި އެވެ.

މާފަންނު ވީބީ މާޓް، ގޯޅިތެރޭގައި ހުންނަ "ސްކައި ލޭންޑް" ކިޔާ ގެސްޓްހައުސްގައި ނޭޕާލްގެ ފިރިހެނަކު ގެންގުޅޭތާ ހަތް ދުވަސްވެފައި ވަނިކޮށް ފުލުހުންގެ އެންޓި-ހިއުމަން ޓްރެފިކިން ޑިޕާޓްމެންޓުން ރޭ ވަނީ އެ މީހާ ސަލާމަތް ކޮށްފަ އެވެ.

އެކަމާ ގުޅޭ ގޮތުން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން "މިހާރު" އަށް ވިދާޅުވީ އޭނާ ކިޑްނެޕް ކޮށްފައި ވަނީ ފައިސާގެ މައްސަލައެއްގައި ކަމަށެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލާގައި ރޭގެ ވަގުތެއްގައި ބަންގްލަދޭޝްގެ ދެ މީހުން ހައްޔަރު ކުރި އެވެ.

ނޭޕާލް މީހާ ސަލާމަތްކޮށް މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. އެނގިފައިވާ ގޮތުގައި އޭނާގެ ހާލު ރަނގަޅެވެ.